24 Mar 2014, 16:30
ރާއްޖޭގެ ފުޓުބޯޅަ ގައުމީ ޓީމާ ހަވާލުވި ކޯޗު ކްރޮއޭޝިއާގެ ޑްރާގޯ މަމިޗް މިއަދު މެންދުރު ރާއްޖެ އަތުވެއްޖެ އެވެ.
އަންނަ މެއި މަހު ފަށާ ޗެލެންޖް ކަޕުގެ ކުރިން ގައުމީ ޓީމު ފަރިތަކުރުމަށް މަމިޗް އަށް ލިބިފައި ވަނީ ކުޑަ ދުވަސްކޮޅެކެވެ. ރާއްޖެ އައުމަށް ފަހު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަމުން މަމިޗް ބުނީ، އޭއެފްސީ ކަޕުގައި ނިއު ރޭޑިއަންޓާއި މާޒިޔާ ކުޅުނު މެޗުތައް ބެލާނެ ކަމަށާއި ގައުމީ ޓީމު ތައްޔާރު ކުރުމަށް ވަގުތު އެބައޮތް ކަމަށެވެ.
"އަހަރެން ކުޅުންތެރިންގެ ހާލަތު ރަނގަޅަށް ބަލާނަން. އެގޮތުން އޭއެފްސީ ކަޕުގައި ނިއު އާއި މާޒިޔާ ކުޅުނު މެޗުތައް ބަލައި ކުޅުންތެރިންގެ ފެންވަރު ބަލާނަން،" ކޯޗު މަމިޗް ބުންޏެވެ. "ގައުމީ ޓީމުގެ ކުޅުންތެރިން ހިމެނެނީ ދެ ޓީމެއް ނުވަތަ ތިން ޓީމެއްގައި. އެ ކުޅުންތެރިން އޭއެފްސީ މެޗުގައި ވާދަވެރި މެޗުތަކެއް އެބަ ކުޅޭ. އަދި އަޝްފާގު ވެސް މެލޭޝިއާގައި ކުޅެމުން އެދަނީ. ފަރިތަކުރުންތައް ފަށާއިރު، އެ ކުޅުންތެރިން ރަނގަޅު ހާލަތެއްގައި ހުންނާނެ ކަމަށް އަހަރެން އުންމީދު ކުރަން."
އޭޝިޔާގެ ގިނަ ޓީމުތަކަކަށް ކޯޗު ކޮށްފައިވާ މަމިޗް ބުނީ، އޭޝިޔާގެ ފުޓްބޯޅަ ވަރަށް ބޮޑަށް ރަނގަޅުވަމުންދާ ކަމަށެވެ.
"އަހަރެން ޗައިނާ، އިންޑިއާ، މެލޭޝިއާ. އިންޑޮނޭޝިއާ އަދި މިޔަންމާގައި ވެސް މަސައްކަތްކުރިން. އަހަރެންނަށް އޭޝިޔާގެ ފުޓްބޯޅަ ވަރަށް ރަނގަޅަށް އެނގޭ. އަދި އޭޝިޔާގެ ފުޓްބޯޅަ އެދަނީ ވަރަށް ބާރަށް ކުރިއަރަމުން ޓީމުތައް ވެސް ވަރުގަދަ ވަމުން." މަމިޗް ބުންޏެވެ.