ސުލްހަވެރިކަމާ އެކުގައި އިންތިހާބެއް ބޭއްވުމުގައި އަދާކޮށްފައިވާ ދައުރަށްޓަކައި ދިވެހިންނަށް މަރުހަބާ ކިޔާ ކަމަށް ކޮމަންވެލްތުން ބުނެފި އެވެ.

ކޮމަންވެލްތުގެ ފަރާތުން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންތައްތައް ބެލުމަށް ރާއްޖެ އައި ކޮމަންވެލްތުގެ އޮބްޒާވަރ ގްރޫޕްގެ ވެރިޔާ އަދި ޖެމެއިކާގެ ކުރީގެ ބޮޑުވަޒީރު ބްރޫސް ގޯލްޑިން އެވެ.

"ސުލްހަވެރި އަދި ކޮންކްލޫސިވް އިންތިހާބެއް ބޭއްވުމުގައި އަދާކުރި ދައުރަށް ޓަކައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން މަރުހަބާ ކިޔަން،" އިންތިހާބުގައި އޮބްޒާވާ ގްރޫޕަށް ފާހަގަވި ކަންތައްތައް ހާމަކުރެއްވުމަށް ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވެވި ނޫސްކޮންފަރެންސްގައި ގޯލްޑިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބުގެ ދުވަހުގެ ކަންތައްތައް ދިޔައީ ސުލްހަވެރިކަމާ އެކު އިންތިޒާމު ރަނގަޅުކޮށް ކަމަށެވެ. އަދި އޮފިޝަލުންގެ ގާބިލުކަމާއި އޮބްޒާވަރުންނާއި މީޑިއާ ތިބުމުން އިންތިހާބުގެ ކަންތައްތައް ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް، ދެފުށް ފެންނަ ގޮތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

"... ޕޯލިން އޮފިޝަލުންގެ ހުނަރުވެރިކަމުން އަދި އޮބްޒާވަރުންނާއި މީޑިއާ ތިބުމުގެ ސަބަބުން ރަނގަޅު އަދި ދެފުށް ފެންނަ ޕްރޮސެސްއަކަށް ޖާގަ ލިބުނު. ވޯޓްލީ މީހުންނަށް އެމީހުންގެ ހައްގު ބޭނުންކުރުމުގެ މިނިވަންކަން އޮތް ކަމަށް ފެނުނު. ޖުމްލަގޮތެއްގައި އިންތިހާބުގެ ނަޒާހަތްތެރިކަމާއި އިތުބާރު ކަށަވަރު ކޮށްފައި ވާތީ އިލެކްޝަންސް ކޮމިޝަނަށް ތައުރީފުކުރަން ޖެހޭ،" ގޯލްޑިން ވިދާޅުވި އެވެ.

އިންތިހާބަށް ތައުރީފު ކުރެއްވި ނަމަވެސް ކަންބޮޑުވެވަޑައިގަންނަވާ ކަންތައްތަކެއް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން އިންތިހާބު ގާތްވެފައި ވަނިކޮށް ސުޕްރީމްކޯޓުން އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރި ކުރުން އޭނާ ފާހަގަ ކުރެއްވި އެވެ.

"...އިންތިހާބަށް ތައްޔާރުވަމުން އަންނަނިކޮށް، މާޗް މަހުގެ 9 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިވެއްޖެ ކަމަށް ސުޕްރީމްކޯޓުން އިއުލާންކުރި ކުރުމާ މެދު ގްރޫޕުން ވަރަށް ބޮޑަށް ކަންބޮޑުވޭ. އިންތިހާބުގެ ކުޑަ ދުވަސްކޮޅެއްގެ ކުރިން ދެމެމްބަރުން ވަކިކުރުމުން، ނުކޮށް ނުދާނޭ ނުބައި އަސަރު އިންތިހާބުގެ މާހައުލަށް ކުރި،" ގޯލްޑިން ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންތައްތައް ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް އިންތިހާބުގެ ކަންތައްތައް ބެލި ބޭރުގެ އޮބްޒާވަރުން ވަނީ ބުނެފަ އެވެ.