24 Mar 2014, 15:37
ކެންޑިޑޭޓުންގެ ފަރާތުން ލިބޭ ޝަކުވާތަކަށް ބެލުމަށް ފަހު ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް އަލުން ކަނޑައި، ގުނަންޖެހިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ހަތް ދާއިރާއެއްގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ ވޯޓު ފޮއްޓެއް ކަނޑާނީ އެ ފޮއްޓަކާ ގުޅޭ ގޮތުން ލިބޭ ޝަކުވާތަކުގެ މައްޗަށް ބެލުމަށް ފަހު ކަމަށެވެ.
މިއަދު ވަގުތީ ނަތީޖާ އިއުލާން ކުރި ދާއިރާތަކަކީ ދުވާފަރު ދާއިރާ އާއި އުނގޫފާރު ދާއިރާ އާއި އިނގުރައިދޫ ދާއިރާ އާއި މަޑުއްވަރީ ދާއިރާ އާއި ކަނޑިތީމު ދާއިރާ އާއި މިލަންދޫ ދާއިރާ އާއި ކޮމަންޑޫ ދާއިރާ އެވެ.
އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމްޕްލަޔަންސް ބިއުރޯއަށް މިހާތަނަށް ހުށަހެޅިފައި ވަނީ އަށް ޝަކުވާ ކަމަށާއި އެ މައްސަލަތައް ބެލުމަށް ފަހު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެ ކޮމިޝަނުން އަޅާނެ ކަމަށެވެ.
ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބު އަބްދުއްރަހީމް ވިދާޅުވީ އެ ކޮމިޝަނުން މަސައްކަތް ކުރަނީ މިރޭ ހުރިހާ ދާއިރާތަކެއްގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ކަމަށެވެ. އަދި ހުކުރު ދުވަހުން ފެށިގެން ދާއިމީ ނަތީޖާ އުއިލާންކުރަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު އިއުލާން ކުރަނީ ވަގުތީ ނަތީޖާ ކަމަށްވާތީ އެ ނަތީޖާތަކަށް ބަދަލު އައުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެހެންކަމުން އެކަން ހަނދުމަފުޅުކޮށް އެރުވުމަށް ހަބީބު ވަނީ ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ.