24 Mar 2014, 15:34
ސްޕެނިޝް ލަލީގާގައި ބާސެލޯނާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނީ 12 ކުޅުންތެރިންނާ ދެކޮޅަށް ކަމަށް ބުނެ މެޗުގެ ރެފްރީއަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފާޑު ކިޔުންތައް އަމާޒުވެއްޖެ އެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން ބާސާ މޮޅުވީ 4-3 ލަނޑުންނެވެ. މެޗުގައި ލިއޮނެލް މެސީގެ ފަރާތުން ހެޓްރިކެއް ފެނުނު އިރު، މެޗުގައި ބާސާ އަށް ދެ ޕެނަލްޓީ ލިބިގެންދިޔަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެފްރީ އުންޑިއާނޯ މަލެންކޯ މެޑްރިޑަށް ޕެނަލްޓީއެއް ހަދިޔާކުރި އިރު، ރޮނާލްޑޯގެ ނަޒަރުގައި ދެވަނަ ހާފުގައި ބާސާ އަށް ލިބުނު ދެ ޕެނަލްޓީ އަކީ ވެސް ރެފްރީ ދިން ހަދިޔާ އެކެވެ.
"އުންޑިއާނޯ މަލެންކޯ މިކަހަލަ މެޗަތަކަށް ރަނގަޅެއް ނޫން. އަހަރެމެން ކުޅެމުންދިޔައީ 12 ކުޅުންތެރިންނާ ދެކޮޅަށް. މިއީ އަބަދުވެސް ކަންދިމާވާ ގޮތް. އެއީ އަބަދުވެސް އެމީހުން ބޭނުންވާ ބާސާއަށް ލީގު ހޯދުމަށް އެހީތެރިވެދޭން،" ރޮނާލްޑޯ ބުންޏެވެ. "އަހަރެން މިއުޅެނީ މިކަހަލަ ވާހަކަ ދައްކައިގެން އެއީ މެޗުން ބަލިވި ސަބަބެއް ކަމަށް ދައްކާކަށް ނޫން. މިކަހަލަ ބޮޑު މެޗަކަށް ހުރި ރެފްރީގެ ފެންވަރު ރަނގަޅެއް ނޫން. އަހަރެންނަށް ދުވަހަކު ވެސް މެޑްރިޑަށް މިކަހަލަ ކަމެއް ކޮށްދޭތަނެއް ނުފެނޭ."
ބާސާ އަތުން ބަލިވެ، ލަލީގާގެ ދެވަނަ އަށް ވެއްޓުނު ނަމަވެސް ރޮނާލްޑޯގެ އުންމީދު ހުރީ ލީގު ކާމިޔާބު ކުރުމަށެވެ.
"މިހުރިހާ ކަމެއް މިގޮތަށްވެ އެ ނިމުނީ، މިކަންތައް އެއް ފަރާތް ކޮށްލުމަށް ފަހު އަހަރެން ބުނާނީ މެޑްރިޑަށް ލަލީގާ ކާމިޔާބު ކުރެވޭނެޔޭ." އޭނާ ބުންޏެވެ.
މެޑްރިޑް ދެވަނަ އަށް ވެއްޓުން އިރު، ލަލީގާގެ އެއްވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ޕޮއިންޓްގެ ގޮތުން މި ދެޓީމު އެއްވަރުވި ނަމަވެސް އެތުލެޓިކޯ އަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. އެއް ޕޮއިންޓްގެ ތަފާތަކާއެކު ލީގުގެ ތިންވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ބާސާ އެވެ.