24 Mar 2014, 15:26
ދެ ޕެނަލްޓީއާ އެކު ލިއޮނެލް މެސީ ފުރިހަމަކުރި ހެޓްރިކާ އެކު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު އެލް ކްލެސިކޯ މެޗުން ބާސެލޯނާ މޮޅުވެ، މެޑްރިޑު ހާސްކަމުގެ ތެރެއަށް ވައްޓާލައިފި އެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބެރްނެބުއޭގައި ރޭ ކުޅުނު މި މެޗުގައި ރެފްރީގެ ގިނަ ނިންމުންތަކާއި މެދު ކުޅުންތެރިންގެ މެދުގައި ސުވާލު އުފެދިގެން ދިޔަ އެވެ. ތިން ޕެނަލްޓީ އާއި ރަތް ކާޑެއް ފެނިގެންދިޔަ މި މެޗު ނިމިގެންދިޔައީ 4-3 ލަނޑުން ބާސާ މޮޅުވެގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ބާސާއިން ނެވެ. މި ލަނޑު މެޗުގެ ހަތްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސްޕެއިން މިޑްފީލްޑަރު އަންދުރޭސް އިނިއެސްޓާ އެވެ. މެޑްރިޑަށް ނަތީޖާ ހަމަހަމަ ކޮށްދީ އެ ޓީމަށް ލީޑު ނަގައިދިނީ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އެވެ. ބެންޒެމާގެ ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނެޓްގައި ފެނުނު އިރު، ދެވަނަ ލަނޑު ފެނުނީ އޭގެ ހަތަރު މިނެޓް ފަހުންނެވެ. މެޗުގެ ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް މެސީ ވަނީ ބާސާ އަށް ނަތީޖާ ހަމަހަމަކޮށްދީ ހިތްހަމަ ޖައްސުވައިދީފަ އެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ދިހަ މިނެޓް ފަހުން މެޑްރިޑަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ބާސާގެ ޕެނަލްޓީ އޭރިޔާ ބޭރުން ޑެނީ އަލްވޭސް، ރޮނާލްޑޯ އަށް ފައުލް ކުރުމުން ރެފްރީގެ ނިންމުމަކަށް ވެގެން ދިޔައީ މެޑްރިޑަށް ޕެނަލްޓީއެއް ދިނުމަށެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް މެޑްރިޑަށް އަލުން ލީޑު ހޯދައިދިނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މެޗުގެ 65 ވަނަ މިނެޓްގައި ބާސާ އަށް ލިބުނު ޕެނަލްޓީ އަކީ ވެސް ސުވާލު އުފެދިގެންދިޔަ ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީއާ އެކު ދެއްކި ރަތް ކާޑާއި މެދު ވެސް މެޑްރިޑްގެ ގިނަ ކުޅުންތެރިންތަކެއް ނުރުހުން ފާޅުކުރި އެވެ. މި ރަތް ކާޑާއެކު މެޗުގެ ބާކީ ބައި މެޑްރިޑުން ފުރަހަމަކުރަން ޖެހުނީ ދިހަ ކުޅުންތެރިންނާއެކު އެވެ. އެ ޕެނަލްޓީ އަކީ މެޑްރިޑްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރަމޯސް ބާސާގެ ބްރެޒިލް ފޯވަޑް ނޭމާ އަށް ފައުލް ކުރި ކަމަށް ބަލައި ރެފްރީ ދިން ޕެނަލްޓީއެކެވެ. ޓީވީ ރީޕްލޭ ތަކުން ބޮޑަށް ފެންނަނީ ނޭމާ ޑައިވް ކުރި މަންޒަރެވެ. ބާސާ އަށް ލިބުނު މި ޕެނަލްޓީ ކާމިޔާބުކުރީ އެ ޓީމުގެ ފުރަތަމަ ލަނޑު ދެވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިން މެސީ އެވެ.
ބާސާގެ އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާ މެސީގެ ހެޓްރިކް ފުރިހަމަ ވެގެން ދިޔައީ މެޗުގެ 84 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއިންނެވެ. ބާސާ އަށް މިޕެނަލްޓީ ލިބުނީ މެޑްރިޑްގެ އޭރިޔާ ތެރެއިން ބާސާގެ އިނިއެސްޓާ އަށް މެޑްރިޑްގެ ސްޕެއިން މިޑްފީލްޑަރު ޒަބީ އަލްންސޯ ކުރި ފައުލާއި ގުޅިގެންނެވެ.
ބާސާ އަތުން މެޑްރިޑް ބަލިވުމާއި ގުޅިގެން ލަލީގާގެ ޕޮއިންޓް ތާވަލަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. ބާސާގެ މޮޅާއެކު، އެންމެ ބޮޑު ފައިދާއެއް ލިބުނީ އެތުލެޓިކޯ މެޑްރިޑަށެވެ. ގޯލުގެ ތަފާތުން އެތުލެޓިކޯ އެއްވަނަ އަށް އެރިއިރު، މެޑްރިޑް ވަނީ ދެވަނަ އަށް ވެއްޓިފަ އެވެ. މި ދެ ޓީމަށް ވެސް ކުޅުނު 29 މެޗުން ލިބިފައި ވަނީ 70 ޕޮއިންޓެވެ. ބާސާ އޮތީ އެއް ޕޮއިންޓްގެ ތަފާތަކާއެކު ލީގުގެ ތިންވަނައިގަ އެވެ.