ސުޕްރީމް ކޯޓުން އިލެކްޝަން ކޮމިޝަނުގެ މެންބަރުންނާ ދެކޮޅަށް ކުރި ހުކުމުގެ ސަބަބުން ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ މަސައްކަތްތަކަށް ދަތިތަކެއް ކުރިމަތިވި ކަމުގައި ޔޫރަޕިއަން ޔޫނިއަން އެލެކްޝަން އޮބްސަވޭޝަން މިޝަންގެ ޗީފް އޮބްސާވަރު އެޑްވާޑް ކުކާން ވިދާޅުވެއްޖެ އެވެ.

ކުކާން މިހެން ވިދާޅުވީ، ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ކަންތައް ކުރިއަށްދިޔަ ގޮތާ ބެހޭ ގޮތުން އީޔޫގެ އިލެކްޝަން އޮބްސަވޭޝަން މިޝަނުން ނެރުނު ވަގުތީ ރިޕޯޓް ނެރުމަށް މިއަދު ޓްރޭޑާސް ހޮޓެލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

"އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ ދެކޮޅަށް ކުރި ހުކުމުގެ ސަބަބުން ދަތިތަކަކާއި ކުރިމަތިލާން ޖެހުނު. ނަމަވެސް ރައްޔިތުން މަޖިލީސް އިންތިހާބުގެ އެހެން ކަންތައްތައް ދިޔައީ ވަރަށް ރަނގަޅަށް. އެހެން އިންތިހާބުތަކާ ހިލާފަށް މި އިންތިހާބުގެ ކަންތައް ދިޔައީ ވަރަށް އަމާންކޮށް." ކުކާން ވިދާޅުވި އެވެ.

ކުކާން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން ބާރުތައް ވަކިވުމާއި މިނިވަންކަމަށް ފުށޫ އެރި ކަމަށްވީ ނަމަވެސް އިންތިހާބުގެ ކަންތައް ދިޔައީ ދެފުން ފެންނަ ގޮތަކަށް ކަމަށެވެ.

"އިންތިހާބުގެ ކަންތައް ދިޔައީ ވަރަށް ޒިންމާދާރު، ޕްރޮފެޝަނަލް ގޮތެއްގައި. އަދި އިންތިހާބުގެ ކަންތައް ދިޔައީ ދެފުށް ފެންނަ ވަރަށް މިނިވަންކަމާ އެކު،" ކުކާން ވިދާޅުވި އެވެ. "އިންތިހާބު ފެށެން ދެ ހަފްތާއަށް ވުރެ ކުޑަތަންވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުގެ ދެ މެންބަރުން ވަކިކުރުމުން ބާރުތައް ވަކިވުމާއި މިނިވަންކަމަށް ފުށޫ އެރި."

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ގަތުމުގެ މަސައްކަތާ ބެހޭ ގޮތަށް ވެސް ކުކާން އަލިއަޅުވާލި އެވެ.

"ވޯޓު ގަތުމަށް ގިނަ ބަޔަކު މަސައްކަތްކުރި ކަމުގެ ރިޕޯޓުތައް ލިބުނު،" ކުކާން ވިދާޅުވި އެވެ. "ބޮޑު ހަރަދެއްކޮށް، ވޯޓު ގަތުމުގެ މަސައްކަތް ކުރުމަކީ ޑިމޮކްރެޓިކް އިލެކްޝަނެއް ހަލާކުވެގެންދާނެ ވަރަށް ނުރައްކާތެރި ކަމެއް."

ކުކާން އިތުރަށް ވިދާޅުވީ، ބައެއް ހިސާބުތަކުގައި ވޯޓު ސިއްރުކުރެވިފައި ނުވާ ކަމަށް އިޔޫގެ މިޝަނަށް ފާހަގަކުރެވުނު ކަމަށެވެ.

"ބައެއް ހިސާބުތަކުގައި ވޯޓު ސިއްރުކުރެވިފައެއް ނުވޭ. އަމިއްލަ ދާއިރާގައި ނޫން އެހެން ދާއިރާތަކަށް ވޯޓްލާ ބައެއް ފަރާތްތަކަށް އެ މައްސަލަ ކުރިމަތިވި. ލޯފަން މީހުންނަށް ވޯޓު ފޮށީގެ މައުލޫމާތުތައް ފޯރުކޮށް ދިނުމުގައި މައްސަލަތަކެއް ހުރި. އަދި ވޯޓު ފާހަގަލާ ބައެއް ސްޓޭޝަނުތައް ބެހެއްޓުނު ތަންތަނުގެ ސަބަބުން ވޯޓުގެ ސިއްރުކަމާ މެދު ސުވާލު އުފެދޭ." ކުކާން ވިދާޅުވި އެވެ.

ރައްޔިތުން މަޖިލިސް އިންތިހާބު ކުރިއަށްދިޔަ ދުވަހު އީޔޫ އީއޯއެމްގެ 30 އޮބްސާވަރުން ބައިވެރިވެފައިވާ އިރު، ހަތް ޕްރޮވިންސެއްގެ ތެރެއިން ހަތަރު ޕްރޮވިންސެއްގައި އޮބްސާވަރުން ހަރަކާތްތެރިވެފައިވެ އެވެ.

ނިމިގެންދިޔަ އިންތިހާބުގެ ވަގުތީ ރިޕޯޓް މިއަދު ނެރުނު އިރު، ދެމަސް ދުވަހުގެ ތެރޭގައި އިތުރު ތަފްސީލާއެކު އީޔޫ އީއޯއެމްއިން ނެރޭ ފައިނަލް ރިޕޯޓް ނެރުމަށް ހަމަޖެހިފައި ވެއެވެ.