ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ޕަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖު ބޮޑު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެންފި އެވެ.

ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ބިދޭސީ ޕަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު ނެގުމަށް ސަރުކާރުގެ ފަރާތުން މަވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައިގެންފައި ވަނީ އެ ވަގުތު ވޯޓްގައި ބައިވެރިވި 22 މެންބަރުންގެ އިއްތިފާގުންނެވެ. އެގޮތުން ބިލް ބަލައިގަތުމަށް 22 މެންބަރުކު ވަނީ ވޯޓް ދެއްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލް ބަލައިގަތުމާ ގުޅިގެން އެ ބިލް އިތުރަށް ދިރާސާ ކުރުމަށް ޓަކައި ވަނީ މުޅި މަޖުިލީހުގެ ކޮމެޓީ އަށް ފޮނުވައިފަ އެވެ.

ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ޕަސިންޖަރެއްގެ އަތުން އެއާޕޯޓް ސާވިސް ޗާޖު ނެގުމާ ބެހޭ ގާނޫނުގެ އެއް ވަނަ މާއްދާގެ ހ.ގެ އެކެއް އަށް ސަރުކާރުން ހުށަހަޅާފައި ވަނީ ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ބިދޭސީ ޕަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު ނެގުމަށެވެ.

މިހާރު ރާއްޖެ އިން ބޭރަށް ފުރާ ޕަސިންޖަރުންގެ ތެރެއިން ބިދޭސީ ޕަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި ނަގަނީ 18 އެމެރިކާ ޑޮލަރެވެ.

ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބިލް ،މަޖިލީހުން ފާސްވެއްޖެ ނަމަ އެ ބިލަށް އަމަލު ކުރަން ފަށާނީ މި އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.