24 Mar 2014, 15:06
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައިސް ފުއާދު ތައުފީގުގެ ފޮޓޯ އެކޮޅުކޮޅުން ދެއްކި މައްސަލާގައި މައާފަށް އެދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިއެފްޕްލަސް އަށް އަންގައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އެގޮތަށް އަންގާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ދިއެފްއެމް ޕްލަސް އިން ބްރޯޑްކާސްޓް ކުރި ކޮންޓެންޓެއްގެ ފުއާދުގެ ފޮޓޯ އެކޮޅުކޮޅުން ދެއްކި މައްސަލަ ބެލުމަށް ފަހު ގަ އެވެ.
އެ ކޮމިޝަނުން ބުނީ ދިއެފްއެމް ޕްލަސް އިން ފުއާދުގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ގެނެސްދީފައި ވަނީ އެ ފަރާތުގެ އިއްޒަަތާއި ގަދަރަށް އުނިކަން އަންނަ ގޮތަށް ކަމަށެވެ. އަދި އެކަމަކީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ކޮންޑަކްޓްއާ ހިލާފްކަމެއްކަން ކުރިން ވެސް ނިންމާފައިވާ އިރު އެކަމާ މެދު ފިޔަވަޅު އެޅުމުން ވެސް އެއްވެސް އިސްލާހެއް ގެނެސްފައިނުވާ ކަމަށެވެ.
އެ ކޮމިޝާނުން ވަނީ ބްރޯޑްކާސްޓް ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން އެ ސްޓޭޝާނުން އެކަމަށް މައާފަށް އެދި ބާޔާނެއް ނެރުމަށް އަންގައިފަ އެވެ. އަދި އެއްވެސް ޝަރުތެއް ނެތި އެ ބަޔާން 26 މާޗްވާ ބުދަ ދުވަހުގެ ރޭ 8:00 އިން 10:00 އާ ދެމެދުގެ ވަގުތެއްގައި ދިއެފްއެމް ޕްލަސް އިން އެ ބަޔާން އާއްމުކުރުމަށާއި އެފަދަ ކަންކަން ތަކުރާރުނުކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ އަންގައިފަ އެވެ. އަދި މާއާފަށް އެދި ނެރޭ ބަޔާން އާއްމު ކުރި ތާރީހާ އެކަމާ ގުޅުން ހުރި ކޮންޓެންޓް އެކޮމިޝަނަށް ފޮނުވުމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނި އެ ސްޓޭޝަނަށް އަންގައިފަ އެވެ.
ދިއެމްއެމް ޕްލަސްގެ ފޮޓޯ ގޮޅިއަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވެސް ބައެއް ބޭފުޅުންގެ ފޮޓޯ އެރުވި މައްސަލައަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެ ސްޓޭޝަނާ މެދު ފިޔަވަޅު އަޅައިފަ އެވެ.