24 Mar 2014, 14:42
ޖަރުމަނުގެ އަންހެނެއް ކަމަށްވާ ތާނިޔާ ޝަރުއާން އަށް ސިއްރުން ގެންގޮސްފައިވާ އޭނާގެ ފަސް މަހުގެ ދަރިފުޅު ހައި ކޯޓުގެ ހުކުމާ އެއްގޮތަށް އޭނާ އާ ހަވާލުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތާނިޔާ ޝަރުއާން އާއި ސ. މަރަދޫ، ކަންމަތީގޭ، އަހުމަދު ޝަރުއާން ކައިވެނިކޮށްގެ ލިބުނު އެ ދަރިފުޅު، ތާނިޔާ އާ ހަވާލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ ހާޒިރުގައި ކަމަށެވެ.
ތާނިޔާ އަށް ސިއްރުން ގެންދިޔަ އޭނާގެ ދަރިފުޅު ހަވާލުކުރަން ފެމިލީ ކޯޓުން ނެރުނު ވަގުތީ އަމުރަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހައިކޯޓުން ވެސް ތާއީދުކޮށްފަ އެވެ. ހައިކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ފެމެލީ ކޯޓުގެ އަމުރު ޝަރުވާންގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށް ފަހު އެވެ.
ތާނިޔާ އާއި އޭނާގެ ދަރިފުޅު ހަވާލުކުރުމަށް ހައި ކޯޓުން ވެސް ތާއީދު ކުރި ނަމަވެސް، އެ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، ދަރިފުޅު ހޯދުމަަށް ފެމިލީ ކޯޓަށް ތާނިޔާ ހުށަހެޅި މައްސަލައާ މެދު އެ ކޯޓުން ވަކިގޮތެއް ނިންމުމުގެ ކުރިން މަންމައާ ވަކިކޮށް މަންމަގެ ނުރުހުމުގައި އެ ކުއްޖާ ރާއްޖެ އިން ބޭރަށް ނުގެންދެވޭކަން ކަށަވަރު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެ ކޯޓުން އަޅަންޖެ ހޭނެ ކަމަށެވެ.