މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި އެމްޑީޕީ އަށް ނާކާމިޔާބުވުމުން އެކަމުގައި ޕާޓީގެ ލީޑަޝިޕާއެކު އެމަނިކުފާނުގެ އިހުމާލެއް ވެސް އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހ. ހިކިފިނިފެންމާގޭގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ކާމިޔާބެއް އަދި ނާކާމިޔާބެއްގައި ވެސް އެކަމެއްގައި މަސައްކަތް ކުރަން އުޅުނު ބަޔަކު ޒިންމާވާންޖެހޭނެ ކަމަށެވެ.

"އެހެން ގަބޫލު ކުރަން ނޫންތޯ ޖެހޭނީ. ޕާޓީއެއްގެ ލީޑާޝިޕުގައި ހުންނަ ކަމަށް ވަނީ ވިއްޔާ ލިބޭ ކާމިޔާބީއަކީ ވެސް އަދި ނާކާމިޔާބީއަކީ ވެސް އެކަމެއްގައި މަސައްކަތް ކުރަން އުޅޭ ބަޔަކު އެކަމާ ޒިންމާވާންޖެހޭނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ އަށް މި އިންތިހާބުގައި ނާކާމިޔާބުވުމުގައި ޕާޓީގެ ބަޖެޓާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދް ވަކި ކުރުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ކޮމިޝަނަށް ގެއްލުމާއި ވޯޓުލުމަށް ނުކުތް މީހުންގެ އަދަދު މަދުވުން ހިމެނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އިންތިހާބުގެ ވަގުތު ކުޑަތަންވެފައި އޮއްވައި ފުއާދު މަގާމުން ވަކި ކުރުމުން އެ ސަބަބަށްޓަކައި އިންތިހާބަކީ އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ނަމަވެސް އެމްޑީޕީން އިންތިހާބުގެ ނަތީޖާ ގަބޫލު ކުރާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ޕާޓީގެ މަސައްކަތާ ދުރަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އަރުވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ހިންގުމަށް އާ ބޭފުޅުން ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ބޭނުން ޕާޓީ ހިންގުމަށް އާ ބޭފުޅުން ވަޑައިގަންނަވަން. އެކަމަކު އަޅުގަނޑެއް ޕާޓީއާ ދުރަކަށް ނުޖެހޭނަން. އަޅުގަނޑު އަބަދު ވެސް ޕާޓީގެ މަސައްކަތުގައި އުޅޭނަން. އަޅުގަނޑު ދަތުރު ވެސް ކުރާނަން އަޅުގަނޑު ޖަލްސާތަކުގައި ވެސް ބައިވެރިވާނަން. އަޅުގަނޑަށް ވީ ވަރަކުން ވޯކްޝޮޕް ފަދަ ކަންކަން ވެސް ހިންގައިދޭނަން. އެހެންނަމަވެސް އަޅުގަނޑު އެދެން އާ ބޭފުޅުން ޕާޓީގެ ހިންގުމަށް ވަޑައިގެންނެވުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ ކޯލިޝަނަށް މަޖިލީހުގެ ތަނަވަސް އަގުލަބިއްޔަތެއް ލިބުން ނަމަވެސް ރަނގަޅު ގޮތުގައި އެ އަގުލަބިއްޔަތު ބޭނުންކޮށް އިދިކޮޅު މެންބަރުންނަށް ދަތިނުކޮށް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ހާއްސަ ގޮތެއްގައި އަޅުގަނޑު އުއްމީދު ކުރާނަން ސަރުކާރަށް ލިބިފައިވާ ތަނަވަސް އަގުލަބިއްޔަތު ބޭނުން ކުރައްވާ އިރުގައި އެބޭފުޅުން ބައްލަވައިގެން އެ އަގުލަބިއްޔަތު ބޭނުން ކުރައްވާނެ ކަމަށް. އަދި އަޅުގަނޑުމެންގެ މެންބަރުން ޝަރީއަތަށް ގެންދިޔުމާއި އަޅުގަނޑުމެންގެ މެންބަރުންނަށް އާދަޔާ ހިލާފު ދަތިތައް ކުރިމަތިނުވާނެ ކަމަށް ވެސް އަޅުގަނޑު އުއްމީދު ކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގަ އެމްޑީޕީއާ އެކު މަސައްކަތް ކުރެވޭނެ ކަމަށާއި އެމްޑީޕީން ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދެއްވައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އެ މަސައްކަތް ކުރައްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ސަރުކާރުން މަސައްކަތް ކުރިއަށް ގެންދަވާއިރުގައި ހަމަ އެމްޑީޕީއާ އެކީގައި ވެސް ކިތަންމެ ކަމެއްގައި މަސައްކަތް ކުރެވޭނެ. އަޅުގަނޑުމެން މި އުއްމީދު ކުރަނީ ޑީމޮކްރެޓިކް ނިޒާމް ހިފެހެއްޓުމަށާއި މުސްތަގިއްލު މުއައްސަސާތައް މުސްތަގިއްލުކޮށް ބެހެއްޓުމަށާއި ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް، އަޅުގަނޑު ދެކެން އަދި ޔަގީން ކުރަން ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް ކުރިއަށް ގެންދަވާނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން އިންތިހާބުވެފައި ތިބި މެންބަރުން ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް ގާނޫނީ އިމުގެ ތެރެއިން އެކަން ހަމަޖައްސަންޖެހޭ ކަމަށާއި އެމްޑީޕީގެ މެންބަރުންގެ ފަރާތުން ޕާޓީ ބަދަލު ކުރުމުގެ ކަންތައް ކުޑަވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ލަފާ ކުރާ ގޮތުގައި އެކަން އެމްޑީޕީގައި ވަރަށް ކުޑަވެސް ވާނެ. އަޅުގަނޑު ދެކޭ ގޮތުގައި އެހެން ގައުމުތަކުގައި ވެސް އޮންނަ ފަދައިން ލޯކަލް ކައުންސިލް ވެސް ކައުންސިލްތައް ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ފްލޯ ކޮރަސް ނުކުރޭ ގޮތަށް ޕާޓީ ބަދަލު ނުކުރޭ (ގޮތަށް ހަދަންޖެހޭ)،" އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރު ނިސްބަތްވާ ކޯލިޝަނުން އިންތިހާބުގައި ކާމިޔާބު ހޯދުމުން ރައީސް ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޔާމީން އަށް މަރުހަބާ ދަންނަވައިފަ އެވެ.

"އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާ އެކު ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން. އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޔާމީން މި ވަނީ ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯއްދަވައިފައި." ރައީސް ނަޝީދު ވިދާޅުވި އެވެ.