މެލޭޝިއާ އެއާލައިންގެ މަތިންދާ ބޯޓެއްގެ ޖަނަރޭޓަރެއް ހަލާކުވެގެން އިމަޖެންސީގައި ހޮންކޮންގް އަށް ޖައްސައިފި އެވެ.

ހޮންކޮންގެ ސައުތު ޗައިނާ މޯނިންގް ޕޯސްޓް ބުނީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލްއަށް ދިއުމަށް މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ރޭ 11:37 ގައި ފުރި އެމްއެޗް 066 ހޮންކޮންއަށް ޖެއްސީ ރޭ 2:52 ގައި ކަމަށެވެ. އެއާބަސް 300-330 މަރުކާގެ އެބޯޓް ހޮންކޮންގް ގެ އެއާޕޯޓަށް ޖެއްސި އިރު އަލިފާން ނިވާ މީހުން ތައްޔާރަށް ތިބި ކަމަށް ހޮންކޮންގްގެ އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުންޏެވެ.

ހާދިސާއާ ބެހޭގޮތުން މެލޭޝިއާ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުއާލަލަމްޕޫރުން ( ސޯލްގެ) އިންޗިއޮން އެއާޕޯޓަށް ދަތުރުކުރި އެމްއެޗް 066 ބޯޓަށް ކަރަންޓްދޭ ޖަނަރޭޓަރެއް ހުއްޓިގެން ހޮންކޮންއަށް ޑައިވާޓް ކުރި ކަމަށެވެ. ޖަނަރޭޓަރު ހުއްޓުނު ނަމަވެސް އޮގްޒިލަރީ ޕަވަރް ޔުނިޓް ބޭނުންކޮށްގެން ކަރަންޓް ދީފައިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ އެމްއެޗް 066 އިން ދަތުރުކުރި 271 ޕެސެންޖަރުން އެހެން މަތިންދާބޯޓް ތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މެލޭޝިއާ އެއާލައިންގެ ބޯޓަކަށް އިއްޔެ މައްސަލައެއް ދިމާވެފައި މިވަނީ 239 މީހުންނާ އެކު އެ އެއާލައިންގެ އެމްއެޗް 370 ގެއްލިގެން ހޯދަމުން އަންނަތާ ދެހަފުތާ ވެފައި ވަނިކޮށެވެ.

މެލޭޝިއާ އެއާލައިންގެ ބޯޓު 239 މީހުންނާ އެކު ގެއްލިފައިވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަނިކޮށް ގެއްލުނު އެބޯޓް ހޯދުމަށް 26 ގައުމެއްގެ ވަޔާއި ކަނޑުގެ ސިފައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.