މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވާނަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ޑރ. އަޒީމާ އާދަމްގެ ނަންފުޅު އިތުރަށް ދިރާސާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީ އަށް ފޮނުވައިފި އެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަވަރުނަރުގެ އިތުރުން ސްރީލަންކާއަށާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ކަނޑައެޅުއްވުމަށް ރައީސް ޔާމީން ފޮނުއްވާފައިވާ ނަންފުޅުތައް ވެސް ވަނީ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީ އަށް ފޮނުވާފަ އެވެ.

އެގޮތުން ސްރީލަންކާގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ ނަންފުޅަކީ ޒާހިޔާ ޒަރީރުގެ ނަންފުޅެވެ. އަދި އީޔޫގެ ސަފީރުގެ ކަމަށް ހަމަޖެއްސެވުމަށް ރައީސް ފޮނުއްވާފައިވަނީ ކުރިން ވެސް އެ މަގާމް ފުރުއްވި ހަސަން ސޯބިރުގެ ނަންފުޅެވެ.

މީގެއިތުރުން އެލްޖީއޭގެ ބޯޑަށް މަދަނީ ޖަމްއިއްޔާތަކުން އިންތިހާބުކޮށްފައި ހުންނެވި އަހުމަދު ފައިސަލް އިސްތިއުފާ ދެއެވާފައިވާތީ އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ވެސް ވަނީ ކޮމެޓީ އަށް ފޮނުވާފަ އެވެ. އެގޮތުން އެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަކީ ހުވަދޫ އެއިޑް ޖަމިއްޔާގެ ފަރާތުން އިމާދު މުހައްމަދާއި މޯލްޑިވްސް އެންޖީއޯ ފެޑަރޭޝަންގެ ސަލްމާ ފިކްރީ އެވެ.

އެ ބޭފުޅުންނަށް މަގާމް ދިނުމާމެދު ގޮތެއް ނިންމާނީ ކޮމެޓީ ރިޕޯޓް ތަޅުމަށް ފޮނުވައި ތަޅުމުން ފާސްވުމުންނެވެ.