24 Mar 2014, 11:29
ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު 2:30ގައި އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަން އިން މިއަދު ބުނީ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު 2:30ގައި ނަތީޖާ އިއުލާން ކުރާނެ ކަމަށް ބުންޏެވެ.
ރޭ އިއުލާން ކުރަން ނިންމާފައިވާ ޥާގުތީ ނަތީޖާ މިއަދަށް ފަސްކުރީ، ބައެއް ރަށްރަށުން ލިބެން ޖެހޭ ލިއުންތައް ލިބިފައި ނުވާތީ ކަމަށް ރޭ އިލެކްޝަން ކޮމިޝަން އިން ބުންޏެވެ.
މީޑިއާތަކުން އާންމު ކުރި ނަތީޖާތައް ދައްކާ ގޮތުން އިންތިޚާބުގެ މެޖޯރިޓީ ނަގާފައި ވަނީ ސަރުކާރު ހިންގާ ކޯލިޝަނުންނެވެ. އެގޮތުން އެންމެ ގިނަ ގޮނޑި ލިބިފައި ވަނީ ޕީޕީއެމަށެވެ. ދެވަނަ އަށް އެންމެ ގިނަ ގޮނޑި އެމްޑީޕީ އަށް ލިބިފައިވާ އިރު ދެން އެންމެ ގިނައިން ގޮނޑި ލިބިފައި ވަނީ ޖުމްހޫރީ ޕާޓީންނެވެ. އަދި ހަތަރު ވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކީ އެމްޑީއޭ އެވެ. އަދާލަތު ޕާޓީ އަށް އެންމެ ގޮނޑިއެއް ލިބިފައިވާ ކަމަށް ހުރިހާ މީޑިއާތަކުން އާންމުކުރި ނަތީޖާތަކުން ދައްކަ އެވެ.
ކޮމިޝަނުން ހޮނިހިރު ދުވަހު ބުނީ ބުނީ، އެދުވަހުގެ ވޯޓުގެ ވަގުތީ ނަތީޖާ އިއްޔެ ހެނދުނު އާންމު ކުރެވޭނެ ކަމަށެވެ. އަދި އެ އަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި ވިދާޅުވީ އިއްޔެ މެންދުރު ނަތީޖާ އިއުލާން ކުރެވޭނެ ކަމަށެވެ. އަދި އެއަށް ފަހު ރޭ އާންމު ކުރެވޭނެ ކަމަށް ވެސް ބުންޏެވެ. މިހާރު އިލެކްޝަންސް ކޮމިޝަނުން ބުނަނީ މިއަދު މެންދުރުގެ ވަގުތަކަށް ވަގުތީ ނަތީޖާ އިއުލާނު ކުރާނެ ކަމަށެވެ.