ގެއްލިފައިވާ މަތިންދާބޯޓް އެމްއެޗް 370 ހޯދަން މަސައްކަތް ކުރަމުން ދިޔަ ޗައިނާގެ މަތިންދާބޯޓެއްގެ ފަޅުވެރިންނަށް (އެމްއެޗް 370) ބައިތަކެއް ކަމަށް ޝައްކުކުރެވޭ އެއްޗެތި ތަކެއް ފެނިއްޖެ އެވެ.

ޗައިނާ ސަރުކާރުގެ ރަސްމީ ނިއުސް އެޖެންސީ ޒިންހުއާ އިން މިއަދު ބުނީ އެގައުމުގެ އައިއެލް 76 ބޯޓްގެ ފަޅުވެރިންނަށް އެތަކެތި ފެނުނީ އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަހައްދުން ކަމަށެވެ. އަދި ބުނީ އެތަކެތި ފެނުނު ސަރަހައްދާ ބެހޭ މައުލޫމާތު އޮސްޓްރޭލިއާގެ މެރިޓައިމް ސޭފްޓީ އޮތޯރިޓީ (އޭއެމްއެސްއޭ) އަށް ދީފައިވާ ކަމަށެވެ.

ޗައިނާ ބޯޓްގެ ފަޅުވެރިންނަށް ފެނުނު ތަކެތި އަލުން ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އޮސްޓްރޭލިއާގެ އޭއެމްއެސްއޭ އިން ފަހުން ވަނީ ބުނެފަ އެވެ. އެ އިދާރާ އިން އެހެން ބުނީ ސޯޝަލް މީޑިއާ ޓްވިޓާ ގައެވެ. އޭއެމްއެސްއޭ އިން ބުނެފައި ވަނީ ހޯދުމުގެ މަސައްކަތުގައި މިއަދު 10 މަތިންދާބޯޓް ބައިވެރިވާނެ ކަމަށެވެ.

ޗައިނާ މަތިންދާބޯޓްގެ ފަޅުވެރިންނަށް ފެނުނު ތަކެއްޗާ ބެހޭ މައުލޫމާތު އެގައުމުގެ ކަނޑުބޯޓެއް ކަމަށްވާ ޒިއުލޮންގް އަށް ވެސް ވަނީ ދީފަ އެވެ. އެމައުލޫމާތާ ގުޅިގެން ޒިއުލޮން މިހާރު ދަނީ އެދިމާއަށް ދަތުރުކުރަމުން ކަމަށާއި މާދަމާގެ ހެނދުނު އެހިސާބަށް ދެވޭ ވަރު ވާނެ ކަމަށް ވެސް ޒިންހުއާ ނިއުސް ބުންޏެވެ.

މެލޭޝިއާ އެއާލައިންގެ ބޯޓު 239 މީހުންނާ އެކު ގެއްލިފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަނިކޮށް ގެއްލުނު އެބޯޓް ހޯދުމަށް 26 ގައުމެއްގެ ވަޔާއި ކަނޑުގެ ސިފައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.