ދެ އަހަރާއި ބައިގެ ތެރޭގައި ގދ. ތިނަދު އަށް ތަރައްގީގެ ބަދަލުތަކެއް ނުފެނިއްޖެ އިސްތިއުފާ ދެއްވާނެ ކަމަށް ތިނަދޫ އުތުރު ދާއިރާގެ އިންތިހާބު ކާމިޔާބު ކުރެއްވި މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.

ތިނަދޫ އުތުރު ދާއިރާގެ އިންތިހާބު ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ތިނަދޫ ދާއިރާގެ މެންބަރު މުހައްމަދު ގަސަމްއާ ވާދަ ކުރައްވައި ސައުދު ކާމިޔާބު ކުރައްވާފައި ވަނީ ބޮޑު ތަފާތަކުންނެވެ.

އިއްޔެ ތިނަދޫން މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ އޭނާ އަށް ގޮނޑި ލިބުމުގައި އެންމެ އިސް ރޯލެއް އަދާ ކުރީ އިދިކޮޅު އެމްޑީޕީ މެންބަރުންގެ ވިސްނުމުގައި ހުރި ތަރައްގީ އާއި ކުރިއެރުމުގެ ރޫހު ކަމަށެވެ.

"އެބޭފުޅުން އަޅުގަނޑަށް ދެއްވި ތާއީދަށް ޝުކުރުވެރިވަން. އަޅުގަނޑު ގަބޫލު ކުރަނީ މި ގޮނޑި ބަދަލު ކުރުމުގެ އެންމެ އިސް ރޯލެއް ކުޅުނީ ތިޔަ ބޭފުޅުންގެ ވިސްނުމުގައި ހުރި ތަރައްގީ އާއި ކުރިއެރުމުގެ ރޫހު. ތިޔަ ބޭފުޅުން ތި އެދޭ ފަދަ ބަދަލެއް ތިނަދު އަށް އައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ސައުދު ވިދާޅުވި އެވެ.

އެމްޑީޕީ މެންބަރުންނަށް ސައުދު ވިދާޅުވީ އެ ޕާޓީގެ މެންބަރުން އެދޭ ތަރައްގީ ދެ އަހަރާ ބައިގެ ތެރޭގައި ނުފެނިއްޖެ ނަމަ ގޮނޑިން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

"ކުރިއަށް އޮތް ދެ އަހަރާ ބައިގެ ތެރޭގައި މިފަދަ ކަންތައްތަކެއް ތިނަދޫން ނުފެންނަ ކަމަށްވާ ނަމަ އަޅުގަނޑު މި ގޮނޑީގައި ނީންނާނަން،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރުން ވަރަށް ގިނަ ތިނަދޫގެ ދެގޮނޑި އޭނާ ނިސްބަތްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ލިބުމުން ދޭހަވަނީ ތިނަދޫގެ އެމްޑީޕީ މެންބަރުން ޕާޓީ ބަދަލު ކުރުން ނޫން ކަމަށް ސައުދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ މިއީ ކޮންމެހެން ޕާޓީގެ ބަދަލުވުމެއް ނޫންހެން. މިއީ ތިނަދޫގެ ރައްޔިތުން ތަރައްގީއަށް ދިން ވޯޓެއް. ކުރިއެރުމަށް ދިން ވޯޓެއް. ހަމަ އެމްޑީޕީގައި ތިބި ވަރަށް ޒުވާން އިލްމީ ކުދިންކޮޅެއް ވެސް އަޅުގަނޑުމެންނާއެކީގައި މަސައްކަތް ކުރި. އެ ކުދިންގެ ވޯޓާއެކީގައި އަޅުގަނޑުމެން މި ހޮވުނީ. ޕާޓީ ބަދަލުވުމެކޭ ނޫނީ ޕާޓީއަށް ބަދަލުވުމެކޭ އަޅުގަނޑު ދަންނަވާކަށް ބޭނުމެއް ނޫން،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ މާލެ ފިޔަވައި ދެން އެންމެ ތަރައްގީވެފައިވާ ރަށަކަށް ތިނަދޫ ހައްދަވާނެ ކަމަށެވެ.

"އަޅުގަނޑުގެ އެބަ އޮތް ތަސައްވަރެއް. އެއީ މާލެ ފިޔަވައި އެންމެ ބޮޑަށް ތަރައްގީވެފައި އޮތް ރަށަކަށް ތިނަދޫ ހެދުން. އެއީ އިގްތިސާދީ ގޮތުންނާއި ތައުލީމީ ގޮތުންނާ ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅަށް ތަރައްގީވެފައިވާ އެއް ރަށަކަށް ތިނަދޫ ހެދުން،" އޭނާ ވިދާޅުވި އެވެ.