ރޭޕް ފަދަ ޖިންސީ އަނިޔާތަކާ ކުރިމަތިލާން ޖެހުމަކީ އެމެރިކާގެ ޢަސްކަރިއްޔާގެ އެކިއެކި ގިންތިތަކުގައި މަސައްކަތްކުރާ އަންހެނުންނަށް އާ މައްސަލައެއް ނޫނެވެ. ނަމަވެސް ފަހަކަށް އައިސް މި މައްސަލަ ވަނީ އާދަޔާ ޚިލާފަށް ބޮޑުވެފައެވެ. 2003 ވަނަ އަހަރު އެމެރިކާގެ އެއަރ ފޯރސް އެކަޑަމީގައި ހިނގި މަޝްހޫރު ރޭޕް ހާދިސާއަށްފަހު މުޅި ޤައުމުގެ ސަމާލުކަމަށް މި މައްސަލަ ގެނެވުމުގެ ނަތީޖާއަކީ މި މައްސަލަޔާ ކުރިމަތިލުމަށްޓަކައި ޤާނޫނީ އާ ފިޔަވަޅުތަކެއްވެސް އެޅިގެން ދިޔުމެވެ. އެގޮތުން 2004 ވަނަ އަހަރު ނެޝަނަލް ޑިފެންސް އޮތޮރައިޒޭޝަން ޤާނޫނަށް އާ މާއްދާއެއް އިތުރު ކުރެވުނެވެ. އެ މާއްދާގައި ކަނޑައަޅާފައި އޮންނަނީ ޢަސްކަރިއްޔާގެ އެއްވެސް ގިންތިއެއްގައި އެއްވެސް މީހަކާ ދެކޮޅަށް ރޭޕް ނުވަތަ އެފަދަ ޖިންސީ އަނިޔާއެއް ހިނގައިފި ކަމުގެ ރިޕޯޓް ކުރެވިއްޖެނަމަ އެ ޙާދިސާއެއް ވަރަށް ރަނގަޅަށް ތަޙުޤީޤުކުރެވި، އެ ކަމާ މެދު ފިޔަވަޅު އެޅި، އެ މައްސަލައެއް ވަރަށް ރަނގަޅަށް ފައިލްކުރެވެން ޖެހޭނެ ކަމުގައެވެ. ނަމަވެސް މިފަދަ އެއްވެސް ފިޔަވަޅަކުން ނިކުންނަން ޖެހޭ ނަތީޖާ ނުނުކުމެ، އެމެރިކާގެ ޢަސްކަރިއްޔާގެ ތެރޭގައި ކުރެވޭ ރޭޕްގެ މައްސަލަ ވަނީ ބިރުގަންނަން ޖެހޭ ފަދަ ދަރަޖައަކަށް އިތުރު ވެފައެވެ.


 2003 ވަނަ އަހަރު އެމެރިކާގެ އެއަރ ފޯރސް އެކަޑަމީގައި ހިނގި ޙާދިސާގައި ރޭޕްކޮށްލެވުނީ އެއަރ ފޯރސް ތަމްރީނު ހަދަމުން ގެންދިޔަ ޒުވާން އަންހެން ކުއްޖެއް ކަމުގައިވާ ކީރާ މައުންޓްޖޯއި ޕެޕްކާއެވެ. މި ޙާދިސާގެ ޚަބަރު ފެތުރިގެން ދިޔުމުން އެއިރުގެ ދިފާޢީ ވަޒީރު ޑޮނަލްޑް ރަމްސްފެލްޑް ކީރާއާއި، އަދިވެސް ރޭޕްގެ އަނިޔާ ލިބިފައިވާ މީހުންގެ ޖަމާޢަތަކާ ބައްދަލުކުރެއްވިއެވެ. މި ޙާދިސާތަކަށް އެމެރިކާގެ މީޑިޔާ ދިން ސަމާލުކަމުގެ ސަބަބުން މުޅި ޤައުމުގައި އެ މައުޟޫއަށް ވާހަކަ ދެކެވެން ފެށުނެވެ. 2004 ވަނަ އަހަރު ތައާރަފުކުރެވުނު ޤާނޫނީ އިސްލާހަކީ އެކަމުގެ އެއް ނަތީޖާއެވެ. އަދި ޢަސްކަރިއްޔާގެ ތެރޭގައި ހިނގާ ރޭޕްގެ ޙާދިސާތަކުގެ ރިޕޯޓުތައް ފުރިހަމަޔަށް ލިޔެ ބަލަހައްޓަން ފެށީވެސް މި ޙާދިސާތަކާ ގުޅިގެންނެވެ. އެއިރުއްސުރެ ކީރާ ޕެޕްކާ ގެންދަނީ އޭނާއަށް މެދުވެރިވި ފަދަ ހިތްދަތި ޙާދިސާތަކާ ކުރިމަތިލާން ޖެހޭ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމުގެ މަސައްކަތްކުރާ ޖަމްޢިއްޔާއެއް ހިންގަމުންނެވެ.


ޢަސްކަރިއްޔާގެ ތެރެއިން ރޭޕްގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހުނު އަނެއް އަންހެނަކީ ސޫޒަން އަވީލާ ސްމިތެވެ. ސޫޒަން ވެސް މިހާރު ގެންދަނީ މިފަދަ ޙާދިސާތަކާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ އަޑު މުޖުތަމަޢުގައި އުފުލުމަށްޓަކައި "ވިމެން އޯރގަނައިިޒިންގ ވިމެން" ގެ ނަމުގައި ޚާއްސަ ޖަމްޢިއްޔާއެއް ހިންގަމުންނެވެ. ވެއަތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތުގެ ތެރޭގައި އުޅެފައިވާ ސޫޒަން ބުނާގޮތުގައި ޢަސްކަރިއްޔާގެ ތެރެއިން ޖިންސީ އަނިޔާތަކާ ކުރިމަތިލާން ޖެހޭ، އަދި މިލިޓަރީ ސެކްޝުއަލް ޓްރޯމާ ނުވަތަ އެމްއެސްޓީ ތަޙައްމަލުކުރަން ޖެހޭ މީހުންނަށް އާދައިގެ ރޭޕް ޙާދިސާތަކާ ކުރިމަތިލާންޖެހޭ މީހުންނަށްވުރެ ބޮޑަށް އަސަރުކުރެއެވެ. "ޢަސްކަރިއްޔާގެ ތެރެއިން ރޭޕްކޮށްލެވޭ އިރު، އެކަން ކުރަނީ އަހަރެމެންގެ އެކުވެރީން. އެ ބަޔަކު އަހަރެމެން ދިފާޢުކޮށްދޭނެކަމުގެ ޔަޤީންކަން އަހަރެމެންނަށް ދެވިފައިވާ މީހުން. އެހެންވީމާ އެ މީހުންގެ ޖިންސީ ޙަމަލަތައް، އެ ޙަމަލަތަކާ ކުރިމަތިލާން ޖެހޭ މީހުންނަށް ސިފަކުރެވެނީ ބޮޑު އަނިޔާއެއްގެ އިތުރުން ބޮޑު ޚިޔާނާތެއްގެ ގޮތުގައި. މިފަދަ 3000 ވަރަކަށް މީހުންނާއެކު އަހަރެން މަސައްކަތް ކޮށްފިން. އޭގެ ތެރެއިން ރޭޕްގެ ޙާދިސާއަށްފަހު ވަޒީފާއަކަށް ދާ ހުރީ ހަމަ އެންމެ މީހެއް. އެމީހުން ބުނާގޮތުގައި ރޭޕްގެ ޙާދިސާއަށްފަހު އިންސާފު ހޯދަން ޢަސްކަރިއްޔާގެ އިސް ފަރާތްތަކަށް ރިޕޯރޓުކޮށްގެން ކުރާ މަސައްކަތުގެ ތެރޭގައި ރޭޕްގެ ސަބަބުން ލިބުނު ހިތްދަތިކަމާއި މާޔޫސީއަށްވުރެ ބޮޑު ހިތްދަތިކަމާއި ނިކަމެތިކަން ލިބޭ." ސޫޒަން ބުނެފައި ވެއެވެ.


މި ހިނގާ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު އެމެރިކަން ސިވިލް ލިބަރޓީޒް ޔުނިއަން، އޭސީއެލްޔޫ، އިސްނަގައިގެން ފެޑެރަލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. މި މައްސަލައަކީ ޢަސްކަރިއްޔާގައި ހިނގާފައިވާ ރޭޕްގެ ޙާދިސާތަކާބެހޭ މަޢުލޫމާތު ހިމެނޭ ފައިލްތައް ބަލަން އޭސީއެލްޔޫ އިން ތަކުރާރުކޮށް ޕެންޓަގަނުގެ ކިބައިން އެދުނު އެދުމަށް ޕެންޓަގަނުން ފުރަގަސް ދީފައި ވާތީ، އެ ފައިލްތައް ދައްކަން ޖެހޭނެކަމަށް ބުނާ ކޯޓު އަމުރެއް ހޯދުމަށްޓަކައި ހުށަހެޅި މައްސަލައެކެވެ. އޭސީއެލްޔޫއާއެކު މި މައްސަލަ ހުށަހެޅުމުގައި، ޢަސްކަރިއްޔާގެ ތެރެެއިން ރޭޕްގެ އަނިޔާ ލިބިފައިވާ އަންހެނުންގެ ޙައްޤުތައް ހޯދަން މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމުގައިވާ "ސަރވިސް ވިމަންސް އެކްޝަން ނެޓްވޯރކް" ގެ އިތުރުން ޔޭލް ޔުނިވަރސިޓީގައި ޤާނޫނު ކިޔަވާ ދަރިވަރުން ވެސް ބައިވެރިވެއެވެ. ނިއު ހޭވަން ގައި ހުންނަ ފެޑެރަލް ކޯޓަކަށް މި މައްސަލަ ހުށަހެޅުނުތާ ހަފުތާއެއްވެސް ނުވަނީސް އެމެރިކާގެ ދިފާޢީ ވުޒާރާއިން ވަނީ ޢަސްކަރިއްޔާގައި ހިނގާފައިވާ ރޭޕްގެ ޙާދިސާތަކާ ބެހޭ މަޢުލޫމާތުތައް ހިމެނޭ ރިޕޯޓެއް ޝާއިޢުކޮށްފައެވެ. އެއީ 2009 ވަނަ އަހަރު ހިނގައިދިޔަ މިފަދަ ޙާދިސާތަކާ ބެހޭ ޚާއްސަ ރިޕޯޓެވެ.


މި ރިޕޯޓުން ދައްކާގޮތުގައި އެމެރިކާގެ ދިފާޢީ ބާރުތަކަށް މީހުން ތަމްރީނުކުރާ ތިން އެކަޑަމީގައި ރޭޕްގެ ޙާދިސާތައް ހިނގާ މިންވަރު ވެއަތުވެދިޔަ އަހަރުގެ ތެރޭގައި 64 އިން ސައްތަ އިތުރުވެފައި ވެއެވެ. ރިޕޯޓުގައި ބުނެފައިވަނީ މިހައި ބޮޑު ނިސްބަތަކުން ރޭޕްގެ ޙާދިސާތައް އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދެއްކުމުގެ ޙަޤީޤީ ސަބަބަކީ ރޭޕް ކުރެވޭ މިންވަރު އިތުރުވުމެއް ނޫން ކަމަށާއި، އޭގެ ސަބަބަކީ ކުރެވޭ ރޭޕްގެ ޙާދިސާތައް ރިޕޯޓުކުރެވޭ މިންވަރު އިތުރުވެގެން ދިޔުން ކަމުގައެވެ. ރިޕޯޓުގައި ބުނެފައިވާގޮތުން ރޭޕްގެ މައްސަލަތައް ސިއްރުނުކޮށް ހުށަހަޅޭ މިންވަރު އިތުރުވެފައިވަނީ މި މައްސަލައާ ބެހޭގޮތުން ހެއިލުންތެރިކުރުމުގެ ރަނގަޅު ޕްރޮގްރާމްތަކެއް ހިންގިފައި ވާތީއެވެ. ނަމަވެސް އެތައް ހާސް ބަޔަކާ ދެކޮޅަށް މި ނުބައި ޢަމަލު ހިންގިފައިވަނީ ކިހިނެއްވެގެންކަމެއް، އަދި ހެއިލުންތެރިކަމުގެ ޕްރޮގްރާމަކުންވެސް މި ޖަރީމާ ނުހުއްޓުވެނީ ކީއްވެގެންކަމެއް މި ރިޕޯޓުގައި ބުނެދީފައެއް ނުވެއެވެ.


ޕެންޓަގަނުގެ ރިޕޯޓުގައި އިތުރަށް ބުނެފައިވާގޮތުން 2009 ވަނަ އަހަރު ޢަސްކަރިއްޔާގެ ތެރެއިން ރޭޕްގެ ޙާދިސާތަކާ ކުރިމަތިލާން ޖެހުނު މީހުންގެ ތެރެއިން 50 އިން ސައްތައަށްވުރެ ގިނަ މީހުންނަކީ ފިރިހެނުންނެވެ. މީގެ އެއް ސަބަބަކީ އެއް ޖިންސުން ގުޅުން ހިންގުމަކީ އާދައިގެ ކަމެއް ކަމުގައި ދެކޭ ވިސްނުން އެމެރިކާފަދަ ޤައުމުތަކުގައި ޢާއްމުވަމުން ދިޔުންކަމަށް ޤަބޫލުކުރެވެއެވެ. ހަމައެއާއެކު ފިރިހެނުންނާ ދެކޮޅަށް މިފަދަ ޢަމަލުތައް ހިންގޭ މިންވަރު އިތުރުވުމުގެ އެއްމެ ބޮޑު އެއް ސަބަބަކީ ޢަސްކަރިއްޔާގައި އަންހެނުންނަށްވުރެ ފިރިހެނުން ގިނަވުންކަމަށް ވެސް ބެލެވެއެވެ. ލަފާކުރެވޭގޮތުގައި އެމެރިކާގެ ޢަސްކަރިއްޔާގައި މަސައްކަތް ކުރާ ކޮންމެ ވިހި ފިރިހެނެއްގެ ތެރެއިން މަދުވެގެން އެކަކަށް ރޭޕްގެ އަނިޔާއާ ކުރިމަތިލާން ޖެހިފައި ވެއެވެ.


އެމެރިކާގެ ޢަސްކަރިއްޔާގެ ތެރެއިން ރޭޕްގެ އަނިޔާވެރިކަމާ ކުރިމަތިލާން ޖެހުނު ޒުވާން ފިރިހެނުންގެ ތެރޭގައި ބިލީ ކެޕްޝޯވ ހިމެނެއެވެ. ބިލީ ޢަސްކަރިއްޔާއާ ގުޅުނީ 1977 ވަނަ އަހަރު، އުމުރުން 17 އަހަރުގައެވެ. އޭނާ ތަމްރީނުކުރެވުނީ މެޑިކެއްގެ ގޮތުގައެވެ. ތަމްރީނު ފުރިހަމަކުރުމުން ބިލީ ފޮނުވާލެވުނީ ޖަރުމަނުގެ ބޯމްހޯލްޑަރގައި ހުންނަ އެމެރިކާގެ ޢަސްކަރީ ބޭހަކަށެވެ. އޭނާ އުޅެން ޖެހުނީ ޖެފްރީ ޑޭމަރ އެވެ ކިޔާ ސީނިއަރ އޮފިސަރަކާއެކު އެއް ކޮޓަރީގައެވެ. ޖެފްރީ އޭނާގެ މަޤާމުގެ ނާޖާއިޒު ބޭނުން ހިފައިގެން ބިލީއަށް އެއްވެސް ކަހަލަ ރަސްމީ މަސައްކަތެއް ނުލިބޭނޭ ގޮތް ހެދިއެވެ. އޭނާއަށް ބޭރަށް މެއިލްކުރެވޭނެ، އަދި ބޭރުން މެއިލް ލިބޭނޭ މަގު ބަންދުކޮށް، މުސާރަވެސް އޭނާގެ އަތަށް ނުލިބޭނޭ ގޮތް ހެދިއެވެ. މި ގޮތުގެ މަތީން ބިލީ ޤައިދުކުރުމަށްފަހު ޖެފްރީ ތަކުރާރުކޮށް އޭނާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގަމުން ގެންދިޔައެވެ. ޖިންސީ އަނިޔާގެ އިތުރަށް ޖެފްރީގެ ފަރާތުން ޖިސްމާނީ އެތަކެއް އަނިޔާތަކެއްވެސް ބިލީއަށް ލިބިފައި ވެއެވެ. އެންމެ ފަހުން ޖެފްރީ ޑޭމަރ ހައްޔަރުކުރެވި، ފުލުހުން އޭނާގެ ކުށުގެ މައްސަލަތައް ތަޙުޤީޤުކުރުމުން ސާބިތުވިގޮތުގައި އޭނާއަކީ ޅައުމުރުގެ 17 ފިރިހެން ކުދީންނާ ގަދަކަމުން ޖިންސީ ގުޅުން ހިންގައި، އޭގެ ތެރެއިން އެތައް ކުދީންނެއް މަރާލާފައިވާ މުޖުރިމެކެވެ. އޭނާއަށް އައި ޙުކުމަކީ ޢުމުރަށް ޖަލަށް ލުމުގެ ޙުކުމެކެވެ. އޭނާ މަރުވީ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ކޮލަމްބިއާ ކަރެކްޝަން އިންސްޓިޓިއުޝަނުގައި ހުއްޓައި، އެތަނުގައި ހައްޔަރުކޮށްފައިހުރި އެހެން ޤައިދީއެއްގެ އަތުން ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ.


ޖެފްރީ ޑޭމަރގެ ފަރާތުން އަނިޔާ ލިބުނު ބިލީ ކެޕްޝޯވ ބުނާގޮތުގައި އޭނާއަށް ލިބުނު ޖިންސީ އަދި ޖިސްމާނީ އަނިޔާތަކުގެ ސަބަބުން އޭނާގެ ޒުވާން ޢުމުރު ވަނީ "ވިހަވެފަ" އެވެ. "އެހައި ޒުވާން އުމުރެއްގައި އެފަދަ ކަންތައްތަކަކާ ކުރިމަތިލާން ޖެހުމުން އަހަންނަށް ހަދާނެ ގޮތް ހުސްވި. އަހަރެންގެ ކޮމާންޑަރުންނަށް އެކި ގޮތްގޮތުން އުޅެގެން ޝަކުވާ އުފުލުމުން އެމީހުން އަހަރެންގެ ވާހަކަ ޤަބޫލެއް ނުކުރޭ. އެއްވެސް މީހަކު އަހަންނަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްލައެއްނުދިން. އަހަރެން އާދޭސް ކުރިން. ރަޙުމާއި އޯގާވެރިކަމުގެ ނަމުގައި ސަލާން ޖެހިން. އެކަމަކު އަހަރެންގެ ޙާލާ މެދު އެކަކުވެސް އަޅައެއް ނުލި." ހިތްދަތިކަމުގެ ނިހާއީ ޙާލަތުގައި ހުރި ބިލީ ބުނެފައި ވެއެވެ. އެތައް ދުވަހެއް ވަންދެން ނަފްސާނީ ފަރުވާ ލިބިގަތުމަށްފަހު ހިތްވަރުގަދަ ބިލީ ވަނީ އޭނާއަށް ތަޙައްމަލުކުރަން ޖެހުނު އަނިޔާއާ ދެކޮޅަށް މުޖުތަމަޢުގައި އަޑު އުފުލަން ނިންމާފައެވެ. ނަމަވެސް އެ ހިތްވަރު އެންމެންގެ ކިބަޔަކު ނުހުރެއެވެ. "އަހަރެންނަށް ދިމާވި ފަދަ ޙާލަތުތައް ދިމާވި ބައިވަރު ފިރިހެނުންނާ އަހަރެން ވާހަކަ ދައްކައިފިން. އޭގެ ތެރޭގައި ވަރަށް ގިނަ ޢަދަދަކަށް ޢަސްކަރިއްޔާގައި އުޅެފައި ތިބި މީހުން ހިމެނޭ. ނަމަވެސް އޭގެ ތެރެއިން ގިނަ މީހުން އެ މީހުންގެ ތަޖުރިބާ މުޖުތަމަޢާ އެކު ޙިއްސާކުރާކަށް ބޭނުމެއް ނުވޭ. އެފަދަ ފިޔަވަޅެއް އަޅަން އެ މީހުން ލަދު ގަނޭ، އަދި ފަސް ޖެހޭ. އެފަދަ ކަމެއް ތަޖުރިބާކުރަން ޖެހުނު ކަމަށް ޓަކައި ލިބޭ ލަދުވެތި ހިތްދަތިކަމަކީވެސް ކެތްކުރަން އުނދަގޫ ވޭނެއް." ބިލީ ބުންޏެވެ.


އެމެރިކާގެ އަސްކަރިއްޔާގައި އަންހެނުންނަށްވުރެ ގިނައީ ފިރިހެނުން ކަމަށް ވާތީ ޖިންސީ އަނިޔާތައް ލިބޭ ފިރިހެނުންގެ ޢަދަދު ގިނަ ވިޔަސް، ޢަސްކަރިއްޔާގައި އަންހެނުންނާއި ފިރިހެނުން އުޅޭ ނިސްބަތުން އަޅާކިޔާއިރު އަންހެނުންނަށް މިފަދަ އަނިޔާތައް ލިބޭ މިންވަރު މާ ބޮޑަށް ވެސް ގިނައެވެ. އެމެރިކާގެ ދިފާޢީ ބާރުތަކުގައި އަންހެނުން މަސައްކަތްކުރަން ފެށީ 1775 ވަނަ އަހަރުގެ ތެރޭގައެވެ. އިންޤިލާބީ ހަނގުރާމައިގެ ތެރޭގައެވެ. އެއިރުއްސުރެ އަންހެނުންނަށް ޢަސްކަރިއްޔާގެ ތެރޭގައި އުޅޭ ފިރިހެނުންގެ ފަރާތުން ޖިންސީ ގޯނާތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. ޢަސްކަރީ ތަމްރީނު މަރުކަޒުތަކުގައި ވެސް ކަންތައް ކުރެވެނީ ޖިންސީ އަދި ވަޙުޝީ ކަންތައްތައް ފެތުރި ޢާއްމުވެގެންދާފަދަ ގޮތަކަށެވެ. އެގޮތުން އަންހެނުންނާއި ފިރިހެނުން އެކީގައި ތަމްރީނުތައް ހަދަމުންދާއިރު، ކޮމާންޑަރުންނާއި ދެން ތިބޭ ފިރިހެނުން ޢާއްމުކޮށް އަންހެނުންނަށް މުޚާތަބުކޮށް އުޅެނީ ޖިންސީ މާނަތައް އެކުލެވޭ އަވަގުރާނަ ބަސްތައް ބޭނުންކޮށްގެންނެވެ. ތަމްރީނުގެ ތެރޭގައިވެސް އެތައް އަންހެނުންނަށް ރޭޕްގެ އަނިޔާއާ ކުރިމަތިލާން ޖެހެއެވެ.


ދާދި ފަހުން، ޢިރާޤުގައި ހުރި އެމެރިކާގެ ޢަސްކަރީ މަރުކަޒެއް ކަމުގައިވާ "ކޭމްޕް އެނަކޮންޑާ" ގައި ރޭޕްގެ ބިރުވެރި ޙާދިސާއަކާ ކުރިމަތިލާން ޖެހުނު އެކަކީ މިސިސިޕީ ނެޝަނަލް ގާރޑްގެ މެމްބަރެއް ކަމުގައިވާ ކެތުރިން ޖޭން ވެސްޓެވެ. ކެތުރިން ރޭޕްކޮށްލީ އޭނާއާ އެއް ޔުނިޓެއްގައި މަސައްކަތްކުރަމުން ގެންދިޔަ ޕްރައިވެޓް ފަރސްޓް ކްލާސް އޮފިސަރ ކެވިން ލެމީކްސް އެވެ. ރޭޕްގެ ޙާދިސާ ހިނގި ރޭގެ ފަހު ދުވަހުގެ ހެނދުނު ކެތުރިން ޗެކްކުރި ޑޮކްޓަރުން، މައްސަލަ ކޯޓަށް ދިޔުމުން ކެތުރިންގެ ވާހަކަ ތެދުކޮށް ހެކިބަސް ދިނެވެ. އަދި ޚުދު ޕްރައިވެޓް ލީނިކްސް ކެތުރިން ރޭޕްކޮށްލުމަށްފަހު އޭނާގެ އެކުވެރީންގެ ގާތުގައި އެ ވާހަކަ ކިޔައިދީ، ތަޙުޤީޤުގައި އެކަމަށް އެއްބަސްވެސް ވިއެވެ. ނަމަވެސް ކޯޓުން މައްސަލަ ބަލައި ނިންމުމަށްފަހު ޙުކުމްކުރީ ރޭޕްގެ ކުށް ސާބިތުނުވާ ކަމަށާއި، ލީނިކްސްގެ ކުށަކީ ކިޑްނެޕްކުރުން ކަމުގައެވެ. މި ކުށުގެ އަދަބެއްގެ ގޮތުގައި އޭނާއަށް އައި ޙުކުމަކީ ތިން އަހަރު ދުވަހުގެ ޖަލު ޙުކުމެކެވެ. އޭނާ ޖަލުގައި ހޭދަކުރަން ޖެހުނީ އެ ތިން އަހަރުގެ ތެރެއިން ދޮޅު އަހަރެވެ. މި މައްސަލައާ ވިދިގެން ކޭމްޕް އެނަކޮންޑާގެ ކޮމާންޑް ސާރޖެންޓް މޭޖަރަކު ކެތުރިނާ ދިމާޔަށް "އަންހެނުންނަށް އޮންނާނީ ދެ މަޤާމެކޭ، އެއް މަޤާމަކީ ބަދިގެޔޭ، އަނެއް މަޤާމަކީ ނިދާކޮޓަރިއޭ" ބުނެފައި ވެއެވެ. މީގެ އިތުރަށް ކޯޓުގައި މައްސަލަ ބެލުނު އިރު، ހެކިބަސް ދެމުން ކެތުރިންގެ ޔުނިޓުގެ ކޮމާންޑަރަކު ބުނެފައިވަނީ ކެތުރިނަކީ "ފިރިހެނުން އަތުއަޅުވާ ޒާތުގެ އަންހެނެއް" ކަމުގައެވެ. އެއާއެކު ދިފާޢީ ވަކީލުންވެސް އޭނާއާ ދެކޮޅަށް ޝަރުއީ މަރުހަލާގައި ނަފްސާނީގޮތުން ބަލިކޮށް، ހަލާކުކޮށްލުމުގެ އެތައް ހަމަލާތަކެއް ދީފައި ވެއެވެ. ލީނިކްސްއާ ދެކޮޅަށް އޭނާގެ ޢަސްކަރީ ހުނަރާއި ޤާބިލިއްޔަތު ބޭނުންނުކުރީ ކީއްވެގެންތޯ ފަދަ ސުވާލުތައް ކުރިމަތިކޮށްފައި ވެއެވެ.


އެމެރިކާގެ ޢަސްކަރިއްޔާގެ ތެރޭގައި އަންހެނުންނާ ދެކޮޅަށް ހިންގޭ ޖިންސީ ޖަރީމާތަކާ ބެހޭގޮތުން ނޮކްސްވިލްގެ ކޮމްބެޓް އިންޖިނިއަރިންގ އިންސްޓްރަކްޓަރެއްގެ ހައިސިއްޔަތުން ޢަސްކަރިއްޔާގައި މަސައްކަތްކުރާ ޓްރޭސީ ހާރމަން ބުނެފައި ވެއެވެ. "ޢަސްކަރިއްޔާގައި އުޅޭ އަންހެނުންނަކީ އެތާގެ ތެރޭގައި ބެލެވޭ ގޮތުގައި އެހެންޏާ ކަސްބީއެއް ނުވަތަ އަންހެން ކުއްތާއެއް. އަންހެނަކު އޭނާއަށް ކުރިމަތިވާ ޕްރެޝަރުގެ ކުރިމަތީގައި ދޫދީ އެއްވެސް ފިރިހެނަކާއެކު ޖިންސީ ގުޅުމެއް ބާއްވައިފިނަމަ ޔުނިޓުގެ ތެރޭގައި އޭނާއަކީ ކަސްބީއެއްގެ ގޮތުގައި ނަންކުރެވިގެންދާނެ. އިންކާރުކޮށް، ތިމާގެ ގޮތުގައި ހުރެއްޖެނަމަ އޭނާއަކީ އަންހެން ކުއްތާއެއް ކަމުގެ ލޭބަލް ޖެހިގެން ދާނެ." ހަމަ މި މޭރުމުން ވާހަކަ ދައްކަމުން ޢަސްކަރިއްޔާގެ ތެރެއިން ރޭޕްގެ އަނިޔާއާ ކުރިމަތިލާން ޖެހިފައިވާ އޭޕްރިލް ފިޒްސިމަންސް ބުނެފައި ވެއެވެ. "ރޭޕްކުރެވޭ އަންހެނުން އެމީހުންގެ ޙައްޤުތައް ހޯދަން މަސައްކަތްކޮށްފިނަމަ މުޖުތަމަޢުގައި އެމީހުން ބާކީކޮށްލެވޭ. އަންހެނުންނާ ދެކޮޅަށް މިފަދަ ޙާދިސާތައް ހިންގަނީ ގިނަ ފަހަރު މަތީ ފަންތިތަކުގެ އޮފިސަރުން. އެމީހުންގެ ބާރާއި މަޤާމާއި ނުފޫޒުގެ ބޭނުންކޮށްގެން އެމީހުން އެދޭ ކަންތައްތައް ކުރަން އަންހެނުންނަށް މަޖުބޫރުކޮށްގެން އެކަންތައް ކުރަނީ. އެއަށްފަހު އެއްވެސް ކަހަލަ ލަދުވެތިކަމެއް ބިރެއް ނެތި އެ މީހުންނަށް ޢަސްކަރިއްޔާގެ ސަފުތަކުގައި އުޅެވޭ. އެހެންކަމުން އެމެރިކާގެ ޢަސްކަރިއްޔާގައި އަންހެނުންނަކަށް ރައްކާތެރިކަމެއް ނެތް. އަހަރެންގެ ނަސޭހަތަކީ އަންހެނުން ޢަސްކަރިއްޔާއާ ނުގުޅޭށޭ."


ޕެންޓަގަނުން ޝާއިޢުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2009 ވަނަ އަހަރު ޢަސްކަރިއްޔާގައި ހިނގާފައިވަނީ ރޭޕްގެ 3230 ޙާދިސާއެވެ. ނަމަވެސް މިއީ ޙަޤީޤަތުގައި ހިނގާ ޙާދިސާތަކުގެ ކަސްރެއް ކަމަށް ޤަބޫލުކުރަން ޖެހެއެވެ. އޭގެ އެއް ސަބަބަކީ ރިޕޯޓު ކުރެވެނީ ހިނގާ މިފަދަ ޙާދިސާތަކުގެ ތެރެއިން ވަރަށް މަދު ޙާދިސާތަކެއްކަން ތަޖުރިބާއިން ސާބިތުވުމެވެ. ހަމައެއާއެކު ޕެންޓަގަންގެ ރިޕޯޓުގައި ފޮރުވައިލުމާއި ސިއްރުކުރުމާއި މަތިއޮމާންކުރުމުގެ ކަންތައްގަނޑެއް ހިންގާފައިވާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ޢަސްކަރިއްޔާގެ ތެރެއިން ރޭޕްކުރެވިފައިވާ މީހުންގެ ޙައްޤުތަކަށްޓަކައި މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި އޭސީއެލްޔޫ ފަދަ ފަރާތްތަކުން ބުނާގޮތުގައި ޕެންޓަގަންގެ ރިޕޯޓާމެދު ޔަޤީންކަން ދެވޭނެ ގޮތެއް ނެތެވެ. އެހެނީ އެމީހުންގެ ދިރާސާތަކާއި ތަޙުޤީޤުތަކުން ދައްކާ ޢަދަދުތަކާއި ޕެންޓަގަނުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ޢަދަދުތަކާވެސް ދިމައެއްނުވެއެވެ.


ޖިންސީ އަނިޔާތައް ލިބޭ ފިރިހެނުންނާއި އަންހެނުންނަށް ރައްކާތެރިކަން ދެވޭނޭ ޢަމަލީ ގޮތްތަކެއް އެމެރިކާގެ ޢަސްކަރިއްޔާގެ ތެރޭގައި ޤާއިމުކުރެވިފައެއް ނެތެވެ. އެމީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގެ ޤާބިލުކަން އެމެރިކާގެ ޤާނޫނީ ނިޒާމަށް ލިބިފައެއް ނުވެއެވެ. އަނިޔާލިބޭ އެތައް ބައެއްގެ ދިރިއުޅުން ދަނީ އެ އަނިޔާގެ ސަބަބުން ބަރުބާދުވަމުންނެވެ. ނަމަވެސް އަނިޔާލިބޭ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ދެން އުފެދޭ ސުވާލަކީ މި މައްސަލައަށް އޮތް ޙައްލަކީ ކޮބައިބާވައޭ މި ސުވާލެވެ.