24 Mar 2014, 10:21
ކުވައިތު (މާޗް 24) : ކުވައިތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި ގައުމުގެ އިސްވެރިންގެ ސަމިޓްގައި ސޫރިޔާ ތަމްޘީލް ކުރާނެ ފަރާތެއް ކަނޑައެޅުމުގައި ޢަރަބި ޚާރިޖީ ވަޒީރުން ނާކާމިޔާބުވެއްޖެ އެވެ.
މިމާޗް މަހުގެ 25 ން 26 އަށް ކުވައިތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި ސަމިޓްގައި ބައިވެރިވުމުގެ ދައުވަތުދޭނެ ސޫރިޔާގެ ފަރާތެއް ކަނޑައެޅުމާބެހޭ ގޮތުން އަރަބި ޚާރިޖީ ވަޒީރުން ކުރެއްވި މަޝްވަރާ ތަކުގައި އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށް އަރަބި ލީގުން ބުނެ އެވެ. ކުވައިތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި ގައުމުތަކުގެ އިސްވެރިންގެ 25 ވަނަ ސަމިޓްގައި ބައިވެރިވުމުގެ ދައުވަތު ސޫރިޔާ ސަރުކާރަށް ނޫނީ އެގައުމުގެ އިދިކޮޅު އިއްތިޙާދަށް ދިނުމާބެހޭ ގޮތުން ގޮތެއްނިންމުމުގައި އަރަބި ޚާރިޖީ ވަޒީރުން ނާކާމިޔާބުވެވަޑައިގެންފައި ވާތީ އެސަމިޓްގައި ސޫރިޔާގެ ގޮނޑި ހުންނާނީ ހުސްކޮށް ކަމަށް ވެސް އަރަބި ލީގުން ބުނެ އެވެ.
އަރަބި ސަމިޓަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ ކުވައިތުގައި ބޭއްވި އަރަބި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ނަބީލް އަލްއަރަބީ ވިދާޅުވީ އަރަބި ސަމިޓްތަކުގައި ސޫރިޔާ ތަމްޘީލް ކުރާނީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުގެ ބަދަލުގައި އެގައުމުގެ އިދިކޮޅު އިއްތިޙާދު ކަމަށް މިދިޔަ އަހަރު ގަތަރުގައި ބޭއްވި އަރަބި ސަމިޓުން ނިންމާފައިވާ ކަމުގަ އެވެ.
ނަމަވެސް މިނިންމުން ތަންފީޒުކުރުމުގެ ގޮތުން އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް ސޫރިޔާގެ އިދިކޮޅު އިއްތިޙާދުން އަޅާފައިނުވާތީ ކުވައިތުގެ ސަމިޓްގައި ސޫރިޔާ ތަމްޘީލް ކުރުމުގެ ދައުވަތު އެގައުމުގެ އިދިކޮޅު އިއްތިޙާދަށް ދިނުމާމެދު އަރަބި ޚާރިޖީ ވަޒީރުންގެ މެދުގައި ޚިލާފްތައް އުފެދި މިކަމުގައި ގޮތެއް ނިންމިފައިނުވާ ކަމަށާ އެހެންކަމުން ކުވައިތުގެ ސަމިޓްގައި ސޫރިޔާގެ ގޮނޑި ހުންނާނީ ހުސްކޮށް ކަމަށް ނަބީލްއަލްއަރަބީ ވިދާޅުވި އެވެ.
ކުވައިތުގެ ސަމިޓްގެ އެޖެންޑާގެ އެންމެ ކުރީގައި ވަނީ ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓުވުމާއި އިސްރާއީލަކީ ހަމައެކަނި ޔަހޫދީންނަށް ޚާއްސަ ދައުލަތެއް ކަމަށް ގަބޫލުނުކުރުމުގެ މައްސަލާގައި ގަރާރެއް ފާސްކުރުމާއި އަރަބި އިސްރާއީލުގެ ސުލްހައިގެ މައްސަލަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)