އަންކަރާ (މާޗް 24) : ސޫރިޔާގެ އަސްކަރީ މަތިންދާބޯޓެއް ތުރުކީން ވައްޓާލައިފި އެވެ. ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ސޫރިޔާގެ އަސްކަރީ ބޯޓު ވައްޓާލަންޖެހުނީ ތުރުކީގެ ވައިގެ ސަރަހައްދަށް ހުއްދަނެތި ވަނުމުންނެވެ.

ސޫރިޔާގެ ޢަސްކަރީ ބޯޓު ވައްޓާލީ ތުރުކީވިލާތުގެ ވައިގެ ދިފާޢީ ބާރުތަކުގައި ހިމެނޭ އެފް 16 ގެ ޢަސްކަރީ ބޯޓަކުން ދިން މިސައިލް ހަމަލާއެއްގައި ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ. ރިޕޯޓްތައް ބުނާ ގޮތުން ސޫރިޔާގެ އަސްކަރީ ބޯޓަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރުގެ ޓެކްނޮލޮޖީގައި އުފައްދާފައިވާ މިގް 27 މަރުކާގެ ފައިޓަރ ޖެޓެކެވެ. އެބޯޓު ތުރުކީގެ ވައިގެ ސިފައިން ވައްޓާލީ ތުރުކީއާއި ސޫރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ތުރުކީގެ ރަށެއްކަމަށްވާ އިންތާކިޔާގެ ވައިގެ ސަރަހައްދަށް އެބޯޓުވަނުމާ ގުޅިގެންނެވެ.

އިންތާކިޔާގެ ވައިގެ ސަރަހައްދަށް ސޫރިޔާގެ އަސްކަރީ ބޯޓު ވަދެފައި ވަނީ އޮޅުމަކުން ކަމަށް ބެލެވޭކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ސޫރިޔާ އިން ވެސް ވަނީ ތުރުކީން އެގައުމުގެ އަސްކަރީ ބޯޓެއް ވައްޓާލިކަން ކަށަވަރުކޮށްދީފަ އެވެ. ސޫރިޔާ ސަރުކާރުން ވަނީ ތުރުކީގެ މިފިޔަވަޅަކީ އުދުވާނީ އަމަލެއް ކަމަށް ސިފަކޮށްފަ އެވެ. "މިއީ ބޭރުގެ އެހީއާ އެކު ސޫރިޔާ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ "ޓެރަރިސްޓުން" ނަށް ތުރުކީން އެހީތެރިވާ ކަމުގެ ހެއްކެތް" ކަމަށް ސޫރިޔާ ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ތުރުކީން ވައްޓާލި ސޫރިޔާގެ އަސްކަރީ ބޯޓުގެ ޕައިލެޓްވަނީ އެބޯޓުން ވައިކުޑާގައި ފުންމާލައިގެން ސަލާމަތް ވެފަ އެވެ. ވައްޓާލި ބޯޓުގެ ބައިތައް ވެއްޓިފައިވަނީ ސޫރިޔާގެ ސަރަހައްދަށް ކަމަށްވެއެވެ. (ރޮއިޓާސް)