ދަހޭގް (މާޗް 24) : ނެދަލޭންޑްސްގެ ދަހޭގްގައި މިއަދު ހެނދުނު ފެށުމަށް ހަމަޖެހިފައިވާ ނިއުކްލިޔާ އަމަނާ ބެހޭ ބައިނަލްއަގްވާމީ ސަމިޓްގައި ދުނިޔޭގެ 50 ގައުމެއްގެ އެންމެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހޮލެންޑުން ބުނެފި އެވެ.

މި ސަމިޓާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނެދަލޭންޑްސްގެ ބޮޑުވަޒީރު މާކް ރުޓީ ވިދާޅުވީ ނިއުކްލިޔާ އަމަނާ ބެހޭ ސަމިޓްގައި ދުނިޔޭގެ 50 ގައުމެއްގެ އެންމެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާ ގިނަ ގައުމުތަކުގެ އިސްވެރިން މިހާރު އެގައުމަށް ވަޑައިގެންފައިވާ ކަމުގަ އެވެ. މިސަމިޓްގައި 53 ގައުމުންނާއި ބައިނަލްއަގްވާމީ ހަތަރު ޖަމްއިއްޔާއަކުން ބައިވެރިވެ އެވެ.

ނިއުކްލިޔާ އަމަނާ ބެހޭ ސަމިޓްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ މައްސަލަތަކުގެ ތެރޭގައި، ނިއުކްލިޔާ ހަތިޔާރު ބޭނުންކޮށްގެން ދީފާނެ ޓެރަރިސްޓް ޙަމަލާއަކުންނާއި އޮޅުމަކުން ނުވަތަ އެކްސިޑެންޓަކުން ހިނގާފާނެ ނިއުކްލިޔާ ޙަމަލާއަކުން ސަލާމަތްވާނެ ގޮތްތައް ހިމެނޭކަމަށް ރުޓީ ވިދާޅުވި އެވެ. ނިއުކްލިޔާ ބޮޑު ފަސްބާރުގެ ގޮތުގައި އެމެރިކާ، ރަޝިޔާ، ޗައިނާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތް އޮތްނަމަވެސް އިންޑިޔާ، ޕާކިސްތާން އަދި އުތުރުކޮރެޔާއަކީ ނިއުކްލިޔާ ހަތަޔާރު އުފައްދައި ތަޖްރިބާކޮށް ނިއުކްލިޔާ ހަތިޔާރުތައް ގުދަންކޮށްފައިވާކަން ރަސްމީގޮތުން އިއުލާންކޮށްފައިވާ ގައުމުތަކެވެ.

އިސްރާއީލަކީ ނިއުކްލިޔާ ހަތިޔާރު ސިއްރިޔާތުގައި އުފައްދާފައިވާ ނަމަވެސް އެކަމަށް އިއުތިރާފްނުވާ ގައުމެކެވެ. މީގެ އިތުރުން ބޭނުންވެއްޖެ ހިނދެއްގައި ނިއުކްލިޔާ ހަތިޔާރު އުފެއްދޭ މިންވަރަށް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީކޮށްފައިވާ ވަރަށް ގިނަ ގައުމުތައް ވެ އެވެ. މީގެ ތެރޭގައި ޖަރުމަނާއި ޖަޕާނާއި ބްރަޒީލް އާއި އީރާނާއި އާޖެންޓީނާއާއި ޔުކްރޭންފަދަ އެތައް ގައުމެއް ހިމެނޭ ކަމަށް ކަމާ ބެހޭ ރިޕޯޓްތައް ބުނެ އެވެ.

ނިއުކްލިޔާ އަމަނާ ބެހޭ ބައިނަލްއަގްވާމީ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ އިސް ލީޑަރުންގެ ތެރޭގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ޗައިނާގެ ރައީސް ޖީ ޝިންޕިންގް ހިމެނިވަޑައިގަންނަވާ އިރު ރަޝިޔާ ތަމްޘީލް ކުރައްވުމަށް ހަމަޖެހިފައި ވަނީ އެގައުމުގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އެވެ. ނިއުކްލިޔާ އަމަނާ ބެހޭ ބައިނަލްއަގްވާމީ ސަމިޓް މިފެށެނީ ޔުކްރޭންގެ މައްސަލާގައި ރަޝިޔާއާއި ހުޅަނގުގެ ބާރުތަކާ ދެމެދު ވަރުގަދަ ނުތަނަވަސްކަމެއް އުފެދިފައިވާ ދުވަސްވަރެއްގައި ކަމަށްވާތީ މިސަމިޓްގައި މިމައްސަލައަށް އިސްކަން ދޭނެ ކަމަށް ރިޕޯޓްތައްބުނެ އެވެ. (ރޮއިޓާސް)