23 Mar 2014, 22:05
ކުއާލަލަންޕޫރު (މާޗް 23) : މެލޭޝިޔާ އެއާލައިންސްގެ ގެއްލިފައިވާ މަތިންދާބޯޓު ހޯދުމަށް ސެޓަލައިޓްތައް މެދުވެރިކޮށް ދުނިޔޭގެ އެތައް ގައުމަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން އެބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފަރަންސޭސިވިލާތުގެ ސެޓެލައިޓަކަށް ފެނިއްޖެ އެވެ.
މިކަން ހާމަކުރައްވަމުން މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރު ހިޝާމުއްދީން ހުސެއިން ވިދާޅުވީ އެބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިފައި ވަނީ އިންޑިއާ ކަނޑުގެ ދެކުނު ސަރަހައްދަކުންނެވެ. ފަރަންސޭސިވިލާތުގެ ސެޓަލައިޓަކުން ނެގި މިފޮޓޯތައް އެގައުމުން މެލޭޝިޔާ އަށް މިހާރު ފޮނުވާފައިވާ ކަމަށާ މެލޭޝިޔާ އިން މިފޮޓޯތައް ދިރާސާކުރަމުންދާކަމުގަ އެވެ. ގެއްލިފައިވާ ބޯޓުގެ ބައިތަކެއްކަމަށް ބެލެވޭ އެއްޗެހި ތަކެއް ފަރަންސޭސި ސެޓެލައިޓަކަށް ފެނިފައިވާ އިރު އޮސްޓްރޭލިއާ އާއި ޗައިނާގެ ސެޓެލައިޓްތަކަށް ވެސް ވަނީ މިފަދަ އެއްޗެހިތަކެއް ކުރިންފެނިފަ އެވެ. ނަމަވެސް މިއިން އެއްވެސް ސެޓަލައިޓަކަށް ފެނުނު އެއްވެސް އެއްޗެއް ކަނޑުމަތިން އަދި ހޯދިފައެއް ނުވެ އެވެ.
މިމަހުގެ 8 ވަނަ ދުވަހު ގެއްލުނު މެލޭޝިޔާގެ އެމްއެޗް 370 ފްލައިޓް ގެއްލުނީ 239 މީހުންނާ އެކު ކުއާލަލަމްޕޫރުން ޗައިނާގެ ބެއިޖިންގް އަށްކުރިދަތުރުގަ އެވެ. މިމައްސަލާގައި މެލޭޝިއާ އިން މިހާތަނަށް ކޮށްފައިވާ ތަހްގީގްތަކުން ހާމަވެފައިވާ ގޮތުގައި އެބޯޓު ގެއްލިފައިވަނީއެއިންދަތުރުކުރި ބަޔަކު ބޯޓުގެ ކޮމިއުނިކޭޝަން ސިސްޓަމް ގަސްދުގައި ނިއްވާލައި، އެބޯޓުގެ މިސްރާބު ބަދަލުކޮށް އެބޯޓު ރާޑަރުތަކަށް ނާރާ ގޮތަށް އަމަލުކުރުމުގެ ސަބަބުންނެވެ. (ރޮއިޓާސް)