އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުން މާދަމާ އަށް ފަސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މީޑިއާ އޮފިޝަލް އާއިޝަތު ޝިފާނާ ވިދާޅުވީ މިރޭ 10:00 ގައި ވަގުތީ ނަތީޖާ އިއުލާންކުރާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް މާދަމާގެ ވަގުތަކަށް ނަތީޖާ އިއުލާން ކުރުން ފަސްކޮށްފައިވާ ކަމަށެވެ.

ނަމަވެސް މަދާމާ ނަތީޖާ އިއުލާން ކުރާނެ ވަކި ވަގުތެއް އަދި ހަމަޖައްސާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މާދަމަ އަށް ވަގުތީ ނަތީޖާ އިއުލާނު ކުރުން ފަސްކުރީ، ބައެއް ރަށްރަށުން ލިބެން ޖެހޭ ލިއުންތައް ލިބިފައި ނުވާތީ ކަމަށެވެ.

މީޑިއާތަކުން އާންމު ކުރި ނަތީޖާތައް ދައްކާގޮތުން އިންތިޚާބުގެ މެޖޯރިޓީ ނަގާފައި ވަނީ ސަރުކާރު ހިންގާ ކޯލިޝަނުންނެވެ. އެގޮތުން އެންމެ ގިނަ ގޮނޑި ލިބިފައި ވަނީ ޕީޕީއެމަށެވެ. ދެވަނަ އަށް އެންމެ ގިނަ ގޮނޑި އެމްޑީޕީ އަށް ލިބިފައިވާ އިރު ދެން އެންމެ ގިނައިން ގޮނޑި ލިބިފައި ވަނީ ޖުމްހޫރީ ޕާޓީންނެވެ. އަދި ހަތަރު ވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކީ އެމްޑީއޭ އެވެ. އަދާލަތު ޕާޓީ އަށް އެންމެ ގޮނޑިއެއް ލިބިފައިވާ ކަމަށް ހުރިހާ މީޑިއާތަކުން އާންމުކުރި ނަތީޖާތަކުން ދައްކަ އެވެ.

ކޮމިޝަނުން އިއްޔެ ބުނީ، އިއްޔެގެ ވޯޓުގެ ވަގުތީ ނަތީޖާ މިއަދު ހެނދުނު އާންމު ކުރެވޭނެ ކަމަށެވެ. އަދި އެ އަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި ވިދާޅުވީ މިއަދު މެންދުރު ނަތީޖާ އިއުލާން ކުރެވޭނެ ކަމަށެވެ. އަދި އެއަށް ފަހު މިރޭ އާންމު ކުރެވޭނެ ކަމަށް ވެސް ބުންޏެވެ. މިހާރު އިލެކްޝަންސް ކޮމިޝަނުން ބުނަނީ މާދަމާގެ ވަގުތަކަށް ވަގުތީ ނަތީޖާ އިއުލާނު ކުރުމަށް ފަސްކޮށްފައިވާ ކަމަށެވެ.