އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ކޮޅަށް މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވަޑް ޖަހައިދިން ދެ ލަނޑާއެކު، ގިނަ ދުވަސްތަކަކަށްފަހު، ވޭން ރޫނީގެ ނަން ސުރުހީތަކަށް އަރައިފި އެވެ.

ޔުނައިޓެޑްގެ ކެޕްޓަން ނަމެންޔާ ވިޑިޗް ސަސްޕެންޝަނުގައި ހުރުމުގެ ސަބަބުން ވެސްޓް ހޭމްއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ޔުނައިޓެޑްގެ ކެޕްޓަންގެ ދައުރު އަދާކުރީ އަގުހުރި ރޫނީ އެވެ. ވެސްޓް ހޭމްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު ނިމިގެންދިޔައީ 2-0 ލަނޑުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ. މި ދެލަނޑު ވެސް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ އެއް ދުވަހުގެ ކެޕްޓަން ރޫނީ އެވެ.

ޔުނައިޓެޑްގެ އެންމެ މުހިންމު ފޯވަޑް ނެދަލޭންޑްސްގެ ރޮބިން ވެން ޕާސީ އަށް ކުރިމަތިވި އަނިޔާއާ ގުޅިގެން ރޫނީ އަށް ވަނީ އެ މަގާމު ފޫބެއްދުމަށް ރަނުގެ ފުރުސަތެއް ލިބިފަ އެވެ. މި ފުރުސަތުގެ ބޭނުން ހިފައި ރޫނީގެ ފުރަތަމަ ލަނޑުގެ މެޗުގެ އަށް ވަނަ މިނެޓުގައި ކާމިޔާބުކުރި އިރު، އޭނާގެ ދެވަނަ ލަނޑު ފެނުނީ މެޗުގެ 33 ވަނަ މިނެޓުގަ އެވެ. މި މެޗުން ޔުނައިޓެޑް މޮޅުވި އިރު، މި މެޗު ބެލުމަށްޓަކައި ޔުނައިޓެޑްގެ ކުރީގެ ތަރި ޑޭވިޑް ބެކަމް އައިސްފައި ވެއެވެ.

އުރުގުއޭ ފޯވަޑް ލުއިސް ސުއަރޭޒްގެ ހެޓްރިކަކާ އެކު، ކާޑިފް ސިޓީ އަތުން 3-6 ލަނޑުން ލިވަޕޫލް ވަނީ މޮޅުވެފަ އެވެ. މެޗުގެ ނުވަ ވަނަ މިނެޓްގައި ޖޯޑަން މަޗްގެ ލަނޑުން ކާޑިފް އަށް ލީޑު ލިބުނު ނަމަވެސް، މެޗުގެ 16 ވަނަ މިނެޓްގައި ސުއަރޭޒް ވަނީ ލިވަޕޫލް އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މެޗުގެ 25 ވަނަ މިނެޓްގައި ފްރޭޒާ ކޭމްޕްބެލްގެ ލަނޑުން އަލުން ކާޑިފް އަށް ލީޑް ލިބުނު ނަމަވެސް ޑިފެންޑަރު މާޓީން ސްކާޓެލް ވަނީ ލިވަޕޫލް އަށް އެއްވަރުކޮށްދީފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.

މެޗުގެ 54 ވަނަ މިނެޓްގައި ލިވަޕޫލް އަށް ފުރަތަމަ ފަހަރަށް އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިން ސްކާޓެލް ލީޑް ހޯދައިދިން އިރު، މެޗުގެ 60 ވަނަ މިނެޓްގައި ސުއަރޭޒް ވަނީ ލިވަޕޫލް އަށް ލީޑު ފުޅާކޮށްދީފަ އެވެ. މެޗުގެ 75 ވަނަ މިނެޓްގައި ލިވަޕޫލްގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވަޑް ޑެނިއަލް ސްޓަރިޖް އެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ކާޑިފްގެ ދެވަނަ ލަނޑު މަޗް ކާމިޔާބު ކޮށްދިން އިރު، ސުއަރޭޒް ހެޓްރިކް ފުރިހަމަކުރީ ދެވަނަ ހާފުގެ އިތުރު ވަގުތު ކޮޅު ތެރޭގަ އެވެ.

އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭގެ ހެޓްރިކަކާ އެކު، މެންޗެސްޓާ ސިޓީ ވަނީ ފަސޭހަކަމާ އެކު ފުލަމް އަތުން 5-0 ލަނޑުން މޮޅުވެފަ އެވެ. ޔާޔާ ޓޫރޭގެ ލަނޑުތައް ފެނުނީ މެޗުގެ 26، 54 އަދި 65 ވަނަ މިނެޓްގަ އެވެ. މެޗުގެ 84 ވަނަ މިނެޓުގައި ސިޓީގެ ހަތަރުވަނަ ލަނޑު ބްރެޒިލް މިޑްފީލްޑަރު ފެނާންޑީނީއޯ ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ފަހު ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އާޖެންޓީނާ ޑިފެންޑަރު މާޓިން ޑެނިޝެލިސް އެވެ.

އަމިއްލަ ދަނޑުގައި ސްވަންސީ އަތުން އެވަޓަން މޮޅުވީ ހަނި ތަފާތަކުންނެވެ. 3-2 ލަނޑުން އެވަޓަން މޮޅުވި މި މެޗުގައި އެވަޓަންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިނގިރޭސި ޑިފެންޑަރު ލެއިޓަން ބޭއިންސް އާއި ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ އަދި އިނގިރޭސި މިޑްފީލްޑަރު ރޮސް ބާކްލޭ އެވެ. އަދި ސްވަންސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އައިވަރީ ކޯސްޓް މިޑްފީލްޑަރު ވިލްފްރެޑް ބޮނީ އާއި ވޭލްސް ޑިފެންޑަރު އޭޝްލީ ވިލިއަމްސް އެވެ.

ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު، ވެސްޓް ބްރޮމް އަތުން 2-0 ލަނޑުން ހަލް ސިޓީ މޮޅުވި އިރު، ކްރިސްޓަލް ޕެލަސް އަތުން ނިއުކާސަލް ޔުނައިޓެޑް މޮޅުވީ 1-0 ލަނޑުންނެވެ. އަދި ސަންޑަލޭންޑް އަތުން ނޮވިޗް ސިޓީ މޮޅުވީ 2-0 ލަނޑުންނެވެ.

ޕްރިމިއާ ލީގުގެ ތާވަލަށް ބަލައިލާ އިރު، އެއްވަނައިގައި އަދިވެސް އޮތީ ޗެލްސީ އެވެ. އެއްވަނައިގައި އޮތް ޗެލްސީ އަށް ކުޅުނު 31 މެޗުން ލިބުނު 69 ޕޮއިންޓް ލިބިފައިވާ އިރު، 03 މެޗުން ލިބުނު 65 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ލިވަޕޫލް އެވެ. ތާވަލުގެ ތިންވަނައިގައި އޮތީ 28 މެޗު ކުޅެގެން ހޯދި 63 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އެވެ. ހަތަރު ވަނައިގައި އޮތް އާސެނަލްއަށް 30 މެޗު ކުޅެގެން ލިބިފައިވަނީ، 62 ޕޮއިންޓެވެ.