ހަނިމާދޫ އެއާޕޯޓް އަސްކަރީ އެއާޕޯޓަކަށް ހެދުމަށް ނިންމާފައިވާ ކަމަށް ބުނެ ޝޯސަލް ނެޓްވޯކްގައި އާއްމުކޮށްފައިވާ ސިޓީއަކީ ހަގީގަތާ ހިލާފު ދޮގު ވާހަކައެއް ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝަރީފް (މުންދު) ސޮއިކުރައްވައި ޓްރާންސްޕޯޓް މިނިސްޓަރު އިބްރާހިމް އަމީނަށް ފޮނުއްވާފައިވާ ކަމަށް ބުނާ އެ ސިޓީގައި ލިޔެފައި ވަނީ ހަނިމާދޫ އެއާޕޯޓް އަސްކަރީ އެއާޕޯޓަކަށް ހެދުމަށް ފެބްރުއަރީ މަހު ބޭއްވި އިގުތިސާދީ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާޝަން އިބްރާހިމް މުއާޒު "ސަން" އަށް ވިދާޅުވީ ސޯސަލް މީޑިއާގައި އާއްމުކޮށްފައިވާ އެ ސިޓީއަކީ އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫން ކަމަށެވެ. އަދި އެ ސިޓީއާ ހަވާލާދީ ރާއްޖެޓީވީން އެ ހަބަރު ގެނެސްދީފައިވަނީ ސަރުކާރުގެ އެއްވެސް ބަހެއް ނުހޯދައި ކަމަށާއި އެކަމަކީ އެ ސްޓޭޝަނުން ވަރަށް ޒިންމާދާރު ކަން ކުޑަ ގޮތެއްގައި ކޮށްފައިވާ ކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" އެ ސިޓީއަކީ ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީއެއް ނޫން. ސަރުކާރުން އެފަދަ ނިންމުމެއް ވެސް ނިންމާފައެއްނުވޭ، އެކަމަކީ މަޖިލިސް އިންތިހާބާ ދިމާކޮޮޮށް ވޯޓަށް ނުފޫޒު ފޯރުވުމުގެގޮތުން އާއްމުކޮށްފައިވާ އެއްޗެއް،" މުއާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސިޓީގައި ސޮއިކުރައްވާފައި ވަނީ، މުހައްމަދު ހުސެއިން ޝަރީފް ކަމުގައި ބުނެފައިވާއިރު ސަރުކާރުގެ އިގުތިސާދީ ކޮމިޓީން ނިންމާ އެފަދަ ނިންމުމެއްގައި އޭނާ ސޮއިކުރައްވާފައިވާ ކަމަށް ބުނެފައިވުމަކީ ވެސް އެ ސިޓީގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

"މުހައްމަދު ޝަރީފަކީ ރައީސް އޮފީހުގެ ޚާރިޖީ ކަންކަމުގައި މުއާމަލާތް ކުރައްވާ ބޭފުޅެއް، އެހެންވެ މުންދު ސޮއިކުރައްވާފައިވާ ކަމަށް ބުނެ އެފަދަ ސިޓީއެއް އާއްމު ކުރުމަކީ ވެސް ހަމަޖެހޭ ކަމެއް ނޫން،" މުއާޒު ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓާ ބެހޭ ގޮތުން ހަގީގަތާ ހިލާފަށް ރާއްޖެޓިވީން ހަބަރު ގެނެސްދީފައިވާތީވެ، އެމައްސަލަ ސަރުކާރުގެ ފަރާތުން ކޯޓަށް ހުށަހަޅުއްވާނެ ކަމަށާއި އަދި މޯލްޑިވްސް ބްރޯޑްކާާސްޓިން ކޮމިޝަނުން ވެސް އެމައްސަލަ އަމިއްލަ ހައިސިްޔަތުން ބަލައިދިނުމަށް ވެސް ސަރުކާރުން ވަނީ ގޮވާލައިފަ އެވެ.