23 Mar 2014, 19:49
މެންޗެސްޓާ ޔުނައިޓެޑްގެ ނެދަލޭންޑްސް ފޯވަޑް ރޮބިން ވެން ޕާސީ އަށް އަނިޔާވުމާއި ގުޅިގެން، މިއަހަރުގެ ޖެނުއަރީ މަހު އެޓީމާއި ގުޅުނު ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ އަށް ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ކުރީގެ ޔުނައިޓެޑްގެ ތަރި ޕޯލް ސްކޯލްސް ގޮވައިލައިފި އެވެ.
ޔުނައިޓެޑްގެ އެންމެ މުހިންމު ފޯވަޑް، ޕާސީ އަށް އަނިޔާވުމުން މަޓާ އަށް ވަނީ އޭނާ އާންމުކޮށް ކުޅޭ ސެންޓްރަލް މަގާމަށް ކުޅުމުގެ ފުރުސަތު ލިބިފަ އެވެ. ޕާސީ އަށް އަނިޔާވީ، ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގެ ދެވަނަ ލެގުގައި އޮލިމްޕިއާކޮސްއާ ދެކޮޅަށް ކުޅެ އޭނާ ހެޓްރިކެއް ކާމިޔާބުކުރި މެޗުގަ އެވެ.
ޕާސީ އަށް އަނިޔާވުމުން ރޫނީ އަށް ވެސް ވަނީ ފައިދާއެއް ވެފަ އެވެ. އެއީ އޭނާ އެންމެ ބޭނުންވާ ސެންޓްރަލް ފޯވަޑްގެ މަގާމު ލިބުމެވެ.
"ޕާސީއަށް އަނިޔާވުމުން އެތަން ފޫބެއްދުމަށް ހުރިހާ ކުޅުންތެރިންނަށް ވެސް އެ މަގާމު ފޫބެއްދުމަށް މަސައްކަތްކުރެވިދާނެ ކަމަށް އަހަރެން އުންމީދުކުރަން. ޕާސީ ވަނީ މިދިޔަ ސީޒަނުގައި ބުރަ މަސައްކަތެއް ކޮށް، ޔުނައިޓެޑަށް ލީގު ކާމިޔާބުކޮށް ދިނުމަށް އެހީތެރިވެދީފަ،" ސްކޯލްސް ބުންޏެވެ. "މިހާރު ވެސް ރޫނީގެ ފަރާތުން ގޯލްތަކެއް ފެންނަމުން އެބަދޭ. ޕާސީއަށް އަނިޔާވުމާއި ގުޅިގެން މަޓާ އަށް މިވަނީ އޭނާ ކުޅެން އެންމެ ބޭނުންވާ މަގާމަށް ކުޅުމުގެ ފުރުސަތު ލިބިފަ."
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ޔުނައިޓެޑް ދަތުރުކުރި އިރު، އެ ޓީމު ނުކުންނަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުގެ ބަޔާން މިއުނިކާއި ދެކޮޅަށެވެ. ސްކޯލްސް ބުނީ، މި މެޗުން މޮޅުވުމަށް ޔުނައިޓެޑަށް އިނގިރޭސި ފޯވަޑް ޑެނީ ވެލްބެކް އާއި މެކްސިކޯ ފޯވަޑް ހާވިއާ ހެނާންޑޭޒްގެ ބޭނުން ހިފިދާނެ ކަމަށެވެ.
"ހެނާންޑޭޒް ކަހަލަ ލަނޑު ކާމިޔާބުކުރެވޭނެ ކުޅުންތެރިން މިހާރުވެސް ޔުނައިޓެޑްގެ ބެންޗުގައި އެބަތިބި. ޑެނީ ވެލްބެކްގެ އަނިޔާއަށް ފަހު އޭނާގެ ފަރާތުން ފެނިގެން އެދަނީ ވަރަށް ވަރުގަދަ ކުޅުމެއް. ކުރިއަށް ވެސް ސީޒަނުގައި ވަރަށް މުހިންމު މެޗުތަކެއް އެބަހުރި. ހާއްސަކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ބަޔާންއާ ދެކޮޅަށް ކުޅޭ މެޗުތައް. އެ މެޗުތަކުގައި ހެނާންޑޭޒްއާ ވެލްބެކްގެ ބޭނުން ހިފިދާނެ." ސްކޯލްސް ބުންޏެވެ.