އިސްލާމިކް ފައުންޑޭޝަނުން އޮފް ދަ މޯލްޑިވިސް ފަރާތުން "އަފިރިންގެ ދަތެރަ" ނަމުގައި ސިލްސިލާ ދަރުސްތަކެއް މިއަދު އައްޑޫގައި ފަށައިފި އެވެ. އެ ޖަމިއްޔާ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި ދަތުރުތަކަކީ އައްޑު އަތޮޅުގެ ރައްޔިތުން ދީނީ ގޮތުން އިތުރަށް ހޭލުންތެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ދަރުސްތަކެއް ކަމަށެވެ. ދަރުސްތައް ކުރިއަށް ދާނީ މި މަހު 22 ވަނަ ދުވަހުން [މިއަދުން] ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. 


ހުޅުމީދޫ، މަރަދޫ، ފޭދޫ އަދި ހިތަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދަރުސްތަކުގައި ތަގުރީރު ކުރައްވާނީ  ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ކަމުގައިވާ އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު، އައްޝައިޚް މުޙައްމަދު މޫސާ އަދި އަލްއުސްތާޒު އަހްމަދު ނިޒާމް ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.


އިސްލާމިކް ފައުންޑޭޝަނުގެ ނޫސްބަޔާނުގައި ބުނެފައި ވަނީ މިރޭ 8:45 ގައި އައްޑޫ އެފްއެމްޑީ ސަރަހައްދުގައި "އެ ހަނދާނީ ދަތުރުފުޅު"ގެ ނަމުގައި ޝެއިހް އިބްރާހިމް ފަރީދުގެ ދަރުހެއް އޮންނާނެ ކަމަށެވެ. މާދަމާރޭ ވެސް ހަމަ އެ ސަރަހައްދުގަ ރޭގަނޑު 8:45 ގައި "ވިހަގަދަ ހަތިޔާރެއް"ގެ ނަމުގައި ޝެއިހު މުޙައްމަދު މޫސާ ދަރުހެއް އޮންނާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އަންނަ ހުކުރު ދުވަހު ހަވީރު 3:30 ގައި މަރަދޫ އިޖްތިމާއީ މަރުކަޒުގައި "އަވަސްވެގަންނާށެވެ!" ނަމުގައި ދަރުހެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ހޮނިހިރު ދުވަހު ފޭދޫ ޒުވާނުންގެ ބިމުގައި ރޭގަނޑު 8:45 ގައި އިބްރާހީމް ފަރީދުގެ "ހިސާބު ބެއްލެވުން ގާތްވެއްޖެ!" މިނަމުގައި ދަރުހެއް ބޭއްވުމަށްވަނީ ހަމަޖައްސާފައި އެވެ. އެންމެ ފަހު ދަރުސް އޮންނާނީ އާދީއްތަ ދުވަހުގެ ރޭގަނޑު 8:45 ގައި އޯޕަން ސްޓޭކްގައި "ފާފައިގެ ބިރުވެރިކަން" ނަމުގައި ކަމަށް އިސްލާމިކް ފައުންޑޭޝަނުން ބުނެ އެވެ.


މީއީ މިގޮތަށް ސިލްސިލާ ދަރުސްތަކެއް އިސްލާމިކް ފައުންޑޭޝަނުގެ ފަރާތުން އައްޑު އަތޮޅުގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.