އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ކަންތައްތައް ދިޔައީ އަމާންކަމާއި އެކުގައި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އިއްޔެ ބޭއްވުނު ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓްލުމުގެ ކަންތައް އޮބްޒާވު ކުރުމަށްޓަކައި އެ ކޮމިޝަންގެ 56 އޮބްޒާވަރުން، ރާއްޖޭގެ 24 ފޮއްޓެއް ކައިރީގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން ކޮމިޝަންގެ އޮބްޒާވްކުރި ވޯޓު ފޮށިތަކުގައި ބައެއް އިދާރީ މައްސަލަތައް ހުރިކަމުގައި ވީނަމަވެސް، ވޯޓުލުމުގެ ކަންތައްތައް ޖުމްލަ ގޮތެއްގައި ގޮސްފައިވަނީ އަމާންކަމާއި އޮމާންކަމާއެކުގައި ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

މީގެ އިތުރުން އިއްޔެ ބޭއްވުނު އިންތިހާބާއި ގުޅޭގޮތުން ބައެއް ޝަކުވާތަކެއް އެ ކޮމިޝަނަށް ލިބި، އެ ޝަކުވާތައް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އިއްޔެގެ އިންތިހާބާއި ގުޅޭ ގޮތުން ކޮމިޝަނަށް ފާހަގަކުރެވުނު ކަންތައްތައް ދިރާސާކުރުމަށް ފަހު ރިޕޯޓެއް ނެރެ، އެ ރިޕޯޓް އިލެކްޝަން ކޮމިޝަނަށާއި ދައުލަރުގެ ކަމާއި ބެހޭ ފަރާތްތަކަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް ވެސް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.