23 Mar 2014, 18:03
ގދ. ތިނަދޫއަކީ އެމްޑީޕީގެ ވަރުގަދަ ރަށެކެވެ. ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް 2008 ގައި ވަޑައިގެންނެވި އިންތިހާބުން ފެށިގެން 2009 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ތިނަދޫ މީހުންގެ ތާއީދު އޮތީ އެމްޑީޕީއަށެވެ.
އޭގެ ފަހުން 2011 ވަނަ އަހަރު ބޭއްވި ރަށު ކައުންސިލްގެ އިންތިހާބުގައި ތިނަދޫ ކައުންސިލްގެ ހަތް ގޮނޑި ވެސް ހޯދީ އެމްޑީޕީ އެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ރައީސް ނަޝީދު ވަނީ ތިނަދޫގެ އަގުލަބިއްޔަތު ހޯދައިފަ އެވެ. އެންމެ ކުޑަމިނުން މިއަހަރު ބޭއްވި ކައުންސިލް އިންތިހާބުގެ ހަތް ގޮނޑި ވެސް ނެގީ އެމްޑީޕީ އެވެ.
އެކަމަކު އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ މި ވަނީ ބޮޑުކޮށް ބަލިވެފަ އެވެ. ތިނަދޫ ދާއިރާގެ މެންބަރު މުހައްމަދު ގަސަމް އަދި މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިންތިހާބުގައި ބަލިވެފައި ވަނީ ފުދޭވަރަކަަށް ބޮޑު ތަފާތަކުންނެވެ. ނާޒިމް ބަލިކޮށް ޖުމްހޫރީ ޕާޓީގެ އަހުމަދު އަބްދުﷲ (އަބުޅޯ) އަދި ގަސަމް އާ ވާދަކޮށް ޕީޕީއެމްގެ ސައުދުﷲ ހިލްމީ ވަނީ ތިނަދޫގައި ތާރީހީ ކާމިޔާބެއް ހޯދައިފަ އެވެ.
އިންތިހާބު ވާދަވެރިވާނެ ކަމަށް ހީކުރެވުނު ނަމަވެސް އެމްޑީޕީ އަށް ތިނަދޫގައި މިވަރުގެ ބޮޑު ބައްޔެއް ވާނެ ކަމަށް ކުރިން ހީކުރެވިފައެއް ނެތެވެ.
"ވަރަށް ބޮޑަށް ހައިރާންވެއްޖެ. އަހަރުމެން ދުވަހަކު ވެސް ހީނުކުރަން މިހެން ވެދާނެ ކަމަކަށް،" ތިނަދޫން ވާހަކަ ދެއްކި ޝާފިޒް ބުންޏެވެ.
އެކަމަކު މިހެން މި ވާންޖެހުނު ސަބަބަކީ ކޮބައިހެއްޔެވެ؟
"އަހަންނަށް ހީވަނީ އެމްޑީޕީގެ ޕާފޯމެންސް ދަށީހެން. ކެމްޕެއިނުގައި ވެސް. ދެން އަނެއްކާ މިފަހަރު ކެމްޕެއިނުގައި އެމްޑީޕީގެ ހާޑްކޯ އުޅޭނެ މަސްވެރިންނާ މީހުން އެކޮޅަށް (ސަރުކާރު ކޯލިޝަނަށް) ކެމްޕެއިން ކުރަން ދިޔަ. ބުނީ ވޯޓެއް ނުދޭނަމޭ. އެކަމަކު އެމްޑީޕީގެ ހަމަ ގިނަ މީހުން އެކޮޅަށް ގޮސްގެން މިހެން މިވީ،" ޝާފިޒް ބުންޏެވެ.
ތެދެކެވެ. އެމްޑީޕީގެ ބައިވަރު މީހުން މިފަހަރު ވޯޓު ދިނީ ޕާޓީގެ ކެންޑިޑޭޓަކަށް ނޫނެވެ. އަޒްވަރު ވަހީދަކީ އެއިން އެކަކެވެ.
"އަހަރުމެން ބޭނުންވަނީ ތަރައްގީ. ފަސް އަހަރު އަހަރުމެން ހޮވާފައި ތިބި މެންބަރުން ބައިތިއްބައިގެން ހަމަ މި ރަަށަށް އެއްކަމެއް ވެސް ނުވޭ. މަޖިލިހުގަ ފަސް އަހަރުވީ އިރު ވާހަކަ ދައްކާފަ އިނީ 29 މިނެޓު. ވަކި ޕާޓީއަކަށް އަހަރުމެން އަޅުވެއްޗެއް ނުވާނަން،" އަޒްވަރު ބުންޏެވެ.
ސަރުކާރު ކޯލިޝަނަށް މިވަރުގެ ކާމިޔާބެއް ލިބުމުގެ ބައެއް އެހެން ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. އެމްޑީޕީގެ ކެމްޕެއިން ކުރުން ބަލިކަށިވުމާއި ސަރުކާރު ކޯލިޝަނުގެ ގުޅިގެން މަސައްކަތް ކުރިލެތް ވަރުގަދަކަމަކީ އެންމެ މުހިންމު އެއް ސަބަބެވެ.
"އަހަންނަށް ހީވަނީ އެމްޑީޕީގެ ކެމްޕެއިން މާ ބަލިކަށީހެން ހަމަ. ކޯލިޝަނުން މި ރަށުގައި ގައިމު ވެސް މަސައްކަތް ކުރިވަރު ވަރަށް ރަނގަޅު. އެކަން ފެނިގެން މިދަޔައީ. އެމްޑީޕީގެ ކެމްޕެއިނު އޮތީ ހީނަރުވެފަ ކޯލިޝަން ވަރުގަދަ ކަމުން،" ނޫހުގައި ނަންނުޖެހުމަށް އެދި ތިނަދޫ އިންތިހާބު އޮބްޒާވް ކުރި މީހަކު ބުންޏެވެ.
ރައީސް ޔާމިން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގެންނެވި ފަހުން ތިނަދޫގައި އެތައް ވަޒީފާ އިތުރުވެއްޖެ އެވެ. މިއީ ވެސް މަޖިލިސް އިންތިހާބު ކޯލިޝަނަށް ކާމިޔާބު ކުރެވުމުގެ މައިގަނޑު އެއް ސަބަބު ކަމަށް ކުރިން ވާހަކަ ދެއްކި އޮބްޒާވަރު ބުންޏެވެ.
"ވަޒީފާ އިތުރުވެގެން ގޮސްފި. ކޮންމެ ގޮތެއްވި ނަމަވެސް އެ ވެސް ހަމަ އަސަރު ކުރާނެ ފެކްޓާއެއް އިންތިހާބަށް،" އޭނާ ބުންޏެވެ.
ކޮންމެ ސަބަބަކާ ހުރެ ނަމަވެސް މިފަހަރު މިއޮތީ ކޯލިޝަނުން ތިނަދޫގައި ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. މިހާރު ތިނަދޫއަކީ އެމްޑީޕީގެ ރަށެއް ކަމަށް ނުބުނެވޭނެ އެވެ. ތިނަދުއަކީ މިހާރު ކޯލިޝަނުގެ ރަށެކެވެ. މިއީ ބޮޑު ބަދަލެކެވެ.