ވޯޓު ގަތުން ނުވަތަ ފައިސާ ނަގާފައި ފައިސާ ދިން ބަޔަކު ބުނާ ގޮތަށް ވޯޓުލުމުގެ ކަންތައް އިއްޔެ ބޭއްވި އިންތިހާބުގައި ހިނގިކަން ފާހަގަވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން މިހެން ބުނީ އިންހާބުގެ ކަންތައްތައް ބެލި އޮބްޒާވަރުންނަށް ފާހަގަވި ކަންތައްތައް އީސީއާ ހިއްސާކުރުމަށް މީޑިއާ ވެސް ބައިވެރިކޮށްގެން ސްޓެލްކޯގެ އިމާރާތުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. އެބައްދަލުވުމުގައި ޓްރާންސް ޕޭރެންސީ މޯލްޑިވްސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އީސީގެ ރިޔާސަތު ބެލެހެއްޓެވުމާ ހަވާލުވަޑައިގެން ހުންނެވި އަހުމަދު ފާރޫގު ވިދާޅުވީ ވޯޓު ގަތުމުގެ މައްސަލަ އެތައް ފަހަރަކު ފާހަގަވެފައިވާ ކަމަށެވެ.

" ... ވޯޓުގެ ގަތުމުގެ ކަންތައް އެތައް ފަހަރަކު ވަނީ ފާހަގަވެފައި. އަޅުގަނޑުމެންނަށް އެނގޭ އެމައްސަލަ އޮންނަކަން،" ފާރޫގު ވިދާޅުވި އެވެ.

ވޯޓް ގަތުމުގެ ކަންތައް ހިނގާ ގޮތް ކަމަށް ދެކެވަޑައިގަންނަވާ ގޮތެއް ވެސް ފާރޫގު ވަރަށް ތަފުސީލުކޮށް ކިއުއްވައި ދެއްވި އެވެ. ވިދާޅުވީ ވޯޓް ގުނަމުން ދާއިރު ކެންޑިޑޭޓުންގެ މަންދޫބުންނަށް ދައްކާތީ ވޯޓު ގަންނަ މީހުން އެކަމުގެ ބޭނުން ކުރާ ކަމަށެވެ.

"... ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން ވޯޓު ގުނާއިރު ކެންޑިޑޭޓުންގެ މަންދޫބުންނަށް އަޅުގަނޑުމެން ކަރުދާސްތައް ދައްކަން. އަސްލުގައި ވޯޓު ގަތުމުގެ ކަންތައް ވަރުގަދަ ކުރަން ( ވޯޓު ގަންނަ ފަރާތްތަކުން) ބޭނުން ކުރަނީ އަޅުގަނޑުމެންގެ މި ޕްރޮސެސް. ވޯޓް ގަންނަ އެތައް ބަޔަކު ވޯޓް ކަރުދާހުގައި ފާހަގަ ޖަހާނެ. ފައިސާ ދިން މީހުންނަށް އެފާހަގަތައް ކުރިން އޮންނާނީ އެނގިފައި. ތިމަންނަ ޖަހާނީ މިވެނި ފާހަގައެކޭ، ތަރިއެކޭ ނޫނީ ހަނދެކޭ ތިމަންނަގެ ކަރުދާހުގައި ޖަހާނީ އޮންނާނީ ބުނެފައި،" ފާރޫގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް މީހުން އެމީހުންގެ ނަމާއި އެޑްރެސް ކަރުދާހުގައި ޖެހުމަށް ވެސް ތިބެނީ ތައްޔާރަށް ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތުން އެއިން އެއްވެސް ކަރުދާހެއް ބާތިލުކުރެވެން ނޯންނަ ކަމަށެވެ.

" ... ބައެއް ފަހަރު މީހުން ތިބެނީ ތައްޔާރަށް އެމީހުންގެ ނަމާއި އެޑްރެސް ޖަހަން ވެސް. އެހެންވީމާ އެކަރުދާސް ފެނުނީމާ އޭނާ ވޯޓް ދިނީ މިވެނި އެވެނި މީހަކަށް ކަން އެނގޭ ކަރުދާސް ފެނުނީމާ. މިހާރު ހުރި ގާނޫނުތަކުގެ ދަށުން އަޅުގަނޑުމެންނަށް މިއިން އެއްވެސް ކަރުދާހެއް ބާތިލު ކުރެވޭކަށް ނޯވޭ،" އޭނާ ވިދާޅުވި އެވެ.

އެމައްސަލައާ އެފަދަ އެހެން މައްސަލަތަކަށް ހޯދެން އޮތް ހައްލަކީ ކޮބައިތޯ ބެލުމަށް ކަމާ ބެހޭ ފަރާތްތައް ބައިވެރިކޮށްގެން ސިމްފޯޒިއަމް އެއް ބޭއްވުމަށް އީސީން މަސައްކަތް ކުރަމުން އަންނަ ކަމަށް ފާރޫގު ވިދާޅުވި އެވެ.
އިއްޔެގެ އިންތިހާބުގެ ކަންތައްތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް ބައްދަލުވުމުގައި ބައިވެރި ، ކޮމަންވެލްތާއި އިންޑިއާ އާއި ޖަޕާނުގެ އޮބްޒާވަރުން ފާހަގަ ކުރެއްވި އެވެ. ނަމަވެސް ވިދާޅުވީ އެބޭފުންގެ ހޯދުންތަކާ ބެހޭ ތަފުސީލުތައް ފަހުން ބާއްވަވާ ނޫސްކޮންފަރެންސްތަކުގައި ހާމަކުރައްވާނެ ކަމަށެވެ.