އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ 10:00 ގައި އިއުލާން ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މީޑިއާ އޮފިޝަލް އާއިޝަތު ޝިފާނާ މިއަދު ސަން އަށް ވިދާޅުވީ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިރޭ 10:00 ގައި ނަތީޖާ އިއުލާން ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑިއާތަކުން އާންމު ކުރި ނަތީޖާތައް ދައްކާގޮތުން އިންތިޚާބުގެ މެޖޯރިޓީ ނަގާފައި ވަނީ ސަރުކާރު ހިންގާ ކޯލިޝަނުންނެވެ. އެގޮތުން އެންމެ ގިނަ ގޮނޑި ލިބިފައި ވަނީ ޕީޕީއެމަށެވެ. ދެވަނަ އަށް އެންމެ ގިނަ ގޮނޑި އެމްޑީޕީ އަށް ލިބިފައިވާއިރު ދެން އެންމެ ގިނައިން ގޮނޑި ލިބިފައި ވަނީ ޖުމްހޫރީ ޕާޓީންނެވެ. އަދި ހަތަރު ވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކީ އެމްޑީއޭ އެވެ. އަދާލަތު ޕާޓީއަށް އެންމެ ގޮނޑިއެއް ލިބިފައިވާ ކަމަށް ހުރިހާ މީޑިއާތަކުން އާންމުކުރި ނަތީޖާތަކުން ދައްކަ އެވެ.