ތުރުކީ ވިލާތުގައި "ޓްވިޓަރ" މަނާ ކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފައި ވާ ނިންމުން ދިފާއު ކުރައްވައި، އެ ޤައުމުގެ މާލީ ވަޒީރު މެހްމެޓް ސިމްސެކް ވާހަކަ ދައްކަވައިފިއެވެ. އޭނާ ވިދާޅުވެފައި ވަނީ ތުރުކީގެ ކޯޓުތަކުން ކުރި އަމުރުތަކާ އެއްގޮތަށް "ޓްވިޓަރ" ގެ ފަރާތުން ޢަމަލު ނުކުރާ ކަމަށެވެ.

ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި، މާލީ ވަޒީރު ވިދާޅުވީ އެއްވެސް ކުންފުންޏެއް ޤާނޫނަށް ވުރެ މަތީގައި ނޯންނާނެ ކަމަށާއި، ތިމާމެންނަކީ ޤާނޫނަށް ވުރެ މަތީ ބައެއް ކަމަށް އެއްވެސް ކުންފުންޏަކުން ހީ ކޮށްގެން ވެސް ނުވާނެ ކަމަށެވެ.

ޓްވިޓަރ މަނާ ކުރުމުގެ ސަބަބުން ސަރުކާރާ މެދު ނޭދެވޭ ޝުޢޫރުތަކާއި ވިސްނުންތަކެއް އުފެދިގެން ދާނޭ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވުމަށް ފަހު، މާލީ ވަޒީރު ވިދާޅުވީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނިގުޅައިގަތުމަކީ ސަރުކާރުގެ ފިޔަވަޅުގެ މަޤުޞަދެއް ނޫން ކަމަށެވެ.

"ތުރުކީގެ މުއާސަލާތީ އިދާރާއިން ވަނީ، ޓްވިޓަރު މެދުވެރިކޮށް އާއްމު ކުރެވިފައި ވާ ބައެއް ކާދަތައް ނެގުމަށް، ކޯޓުގެ އަމުރުތަކާ ޙަވާލާ ދީ، ތަކުރާރުކޮށް އެދިފައި. އެ އިދާރާއިން ބުނެފައި ވަނީ މިފަދަ އިލްތިމާސްތަކަށް ޓްވިޓަރ ކުންފުނީން ބީރު ކަންފަތެއް ދޭ ކަމަށް." ސިމްސެކް ވިދާޅުވިއެވެ.

"ބައިނަލްއަޤްވާމީ ފެންވަރުގައި ވިޔަފާރި ކުރާ އެއްވެސް ކުންފުންޏެއް، އެއީ މީޑިއާ ކުންފުންޏެއް ކަމަށް ވިޔަސް، ނުވަތަ ސިނާއީ މަސައްކަތެއް ކުރާ ކުންފުންޏެއް ކަމަށް ވިޔަސް، ދެކިގެން ނުވާނެ ތިމާމެންނަކީ ޤާނޫނަށް ވުރެ މަތީގައި ތިބޭ ބައެއް ކަމަށް." ސިމްސެކް އަދިވެސް ވިދާޅުވިއެވެ.

ތުރުކީގައި ޓްވިޓަރ ބޭނުން ކުރުން މަނާ ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ނިންމުން ނިންމައިފައި ވަނީ، ސަރުކާރުގެ ވަރަށް އިސް ބައެއް ބޭފުޅުންނާ ދެކޮޅަށް ކުރެވިފައި ވާ ފަސާދައިގެ ތުހުމަތުތަކުގެ ވާހަކަތައް ޓްވިޓަރުގައި ހިއްސާ ކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޓްވިޓަރ ކުންފުނީން އެއްޗެކޭ ބުނެފައި ނުވިޔަސް، ހުކުރު ދުވަހު އެ ކުންފުނީގެ ފަރާތުން ވަނީ ޓެކްސްޓް މެސެޖުގެ ޒަރީޢާއިން ޓްވީޓް ކުރެވޭނެ ގޮތް ކިޔައިދޭ އިރުޝާދުތަކެއް، އިނގިރޭސި ބަހުންނާއި ތުރުކީ ބަހުން ލިޔެ، ކުންފުނީގެ ރަސްމީ ވެބްސައިޓުގައި ޝާއިޢު ކޮށްފައެވެ.

ތުރުކީގައި ޓްވިޓަރުގެ ބޭނުން ކުރާ 10 މިލިއަނެއްހައި މީހުން އެބަ ތިބި ކަމަށް، ތަފާސްހިސާބުތަކުން އެނގެއެވެ.

ޓްވިޓަރު ތުރުކީގައި އަލުން ހުއްދަ ކުރުމާ ބެހޭގޮތުން ކުންފުނީގެ ވެރީންނާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ދެމެދު މަޝްވަރާތައް ކުރެވެމުން ދާ ކަމަށާއި، މަޝްވަރާތައް ކުރިޔަށް ދަނީ ރަނގަޅު މިޞްރާބެއްގައި ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

ތުރުކީ ވިލާތުގެ ޖުމްހޫރިއްޔާގެ ބާނީ މުޞްޠަފާ ކަމާލް އަތާތުރްކުގެ ޝަޚްޞިއްޔަތަށް އާޑަ ކިޔާ ވީޑިއޯތަކެއްގެ މައްސަލައިގައި، 2008 ވަނަ އަހަރު އެ ޤައުމުގައި ޔޫޓިއުބް ވެސް މަނާ ކުރެވުނެވެ. ޔޫޓިއުބް އަލުން ހުއްދަ ކުރެވުނީ 2010 ވަނަ އަހަރުއެވެ.