23 Mar 2014, 16:13
ޗައިނާގެ ރައީސް ޒީ ޖިންޕިންގ، މަޤާމަށް ވަޑައިގަތުމަށް ފަހު ޔޫރަޕަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، މިއަދު ނެދަރލޭންޑަށް ވަޑައިގެންފިއެވެ.
އަނބިކަނބަލުން ޕެންގ ލިޔުއާނާ އެކު ރައީސް ޒީ ނެދަރލޭންޑަށް ވަޑައިގަތުމުން، އެމްސްޓަރޑެމްގެ ސްކިޕޯހލް ވައިގެ ބަނދަރުން އެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ ނެދަރލޭންޑުގެ ރަސްގެފާނު ވިލްހެލްމް އެލެގްޒޭންޑަރާއި ރާނީ މެކްސިމާއެވެ.
ރައީސް ޒީގެ ދަތުރުފުޅުގައި ނެދަރލޭންޑްސްގެ އިތުރުން ފަރަންސޭސި ވިލާތަށާއި، ޖަރުމަނު ވިލާތަށާއި، ބެލްޖިއަމަށް ވަޑައިގަންނަވާނެއެވެ. އަދި ބެލްޖިއަމުގެ ވެރިރަށް ބްރަސަލްސްގައި ހުންނަ، ޔޫރަޕުގެ އިއްތިހާދުގެ މައި މަރުކަޒަށް ވެސް ޒިޔާރަތް ކުރައްވާނެއެވެ. އޭނާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިފައި ވާ ލީޑަރުންގެ ތެރޭގައި ފަރަންސޭސި ރައީސް ފްރޭންކޯއި އޮލާންޑޭ އާއި، ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާރކެލް ހިމެނިވަޑައިގަނެއެވެ.
ރައީސް ޒީ ޔޫރަޕުގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ، ޔޫރަޕާއި ޗައިނާއާ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރައްވައި، އެ ގުޅުންތަކުގެ ދާއިރާ ފުޅާ ކުރެއްވުމެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި ޗައިނާގެ ވިޔަފާރިއާ ބެހޭ އޮފިޝަލުންނާއި ވިޔަފާރިވެރީންގެ 200 ބޭފުޅުންގެ ބޮޑު ވަފުދެއް ވެސް ބައިވެރި ވެއެވެ.
ޗައިނާއަށް އެއަރބަސް މަތިންދާބޯޓުގެ 150 ބޯޓު ގަތުމަށް އޯޑަރު ދިނުމަކީ ވެސް މި ދަތުރުފުޅުގެ އޭޖެންޑާގައި ހިމެނިފައި އޮތް އެއް ކަންތައް ކަމަށް ޚަބަރު ލިބެއެވެ.
ރަޝިއާއިންޔުކްރެއިނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތުތަކާ މެދު ތަންކޮޅެއް ހަރުކަށި ވުމަށް، ޔޫރަޕުގެ ލީޑަރުން ރައީސް ޒީއަށް ބާރު އަޅުއްވާނެ ކަމަށް ވެސް މުރާސިލުން ވަނީ ބުނެފައެވެ.
ޚާރިޖީ ސިޔާސަތުގައި، ޗައިނާގެ މަޤާމަކަށް އާއްމު ގޮތެއްގައި ވެފައި އޮންނަނީ ރަޝިއާއަށް ތާއީދު ކޮށް، ރަޝިއާއާ އެއް ފަޅިއެއް ނެގުމުގެ މަޤާމެކެވެ. ނަމަވެސްމިދިޔަ ހަފުތާގައި ޗައިނާ ވަނީ ޔުކްރެއިނުގެ މައްސަލައިގައި ރަޝިއާގެ ސިޔާސަތަށް ފުރިހަމަޔަށް ތާއީދު ނުކޮށް އެއް ފަރާތަކަށް ޖެހިފައެވެ. އެގޮތުން، ޔުކްރެއިނުގެ ބައެއްގެ ގޮތުގައި އޮތް ކްރައިމިއާ، ރަޝިއާގެ ބާރުގެ ދަށަށް ގެނައުމާ ގުޅިގެން ރަޝިއާ ކުށްވެރި ކުރުމަށް އަލިފުދާލުގައި ނެގުނު ވޯޓުގައި، ޗައިނާއިން އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.
ޝެންގހާއީގައި ހުންނަވާ ބީބީސީގެ މުރާސިލް ޖޯން ސަޑްވޯރތު ވިދާޅުވީ، ޗައިނާ އާއި ޔޫރަޕާ ދެމެދުގައި އޮންނަ ގުޅުމަކީ އާއްމު ގޮތެއްގައި ވަރަށް ކުރަކި ގުޅުމެއް ކަމަށެވެ.
ޔޫރަޕުގެ އިއްތިހާދުން، ޗައިނާއިން އެތެރެ ކުރާ ސޯލާރ ޕެނަލްތަކުން ނަގާ ޓެރިފް ބޮޑު ކުރުމާ ގުޅިގެން، ފަރަންސޭސި ބަނގުރާއިން ނަގާ ޓެކްސް ބޮޑު ކުރާން ޗައިނާ ސަރުކާރުން ނިންމި ނިންމުމާ އެކު، ޗައިނާ އާއި ޔޫރަޕުގެ އިއްތިހާދާ ދެމެދު އުފެދުނު ކޯޅުން ހައްލު ކުރެވުނީ މިދިޔަ ހުކުރު ދުވަހުއެވެ.
ރައީސް ޒީގެ ޝަރަފުގައި، އެމްސްޓަރޑެމްގެ ޑޭމް މައިދާނުގައި ހުންނަ ޝާހީ ގަނޑުވަރުގައި މިރޭ ޚާއްސަ ފަރީކޮޅެއް ބާއްވާ ގޮތަށް ހަމަޖެހިފައި ވާ އިރު، އެމްނެސްޓީ އިންޓަރނޭޝަނަލްގެ ފަރާތުން ވަނީ ޗައިނާގައި އިންސާނީ ޙައްޤުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ގޮވައިލައި އެ މައިދާނުގައި މިރޭ ހަޅުތާލެއް ކުރުމަށް ވެސް ނިންމައިފައެވެ.
ރައީސް ޒީގެ ދަތުރުފުޅު ނިންމަވައިލައްވާނީ އަންނަ އޭޕްރިލް މަހުގެ 1 ގައެވެ.