23 Mar 2014, 12:52
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާފައި ވަނީ ހާމަކަން ބޮޑުކޮށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ހިނގައިދިޔަ ގޮތާ ގުޅޭގޮތުން އެ ޖަމްއިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިޚާބު ކުރިއަށް ދިޔައީ އިދާރީ އިންތިޒާމްތައް ރަނގަޅު އަދި ހާމަކަން ބޮޑުކޮށް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ވޯޓުލާން ދިޔަ މީހުންގެ އަމަލުތައް ހުރިގޮތުން ބައެއް މަރުކަޒުތަކުގައި ވޯޓުލުން މެދުކަނޑާލަން ޖެހުނަސް އެއްވެސް މަރުކަޒެއްގައި ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށެވެ.
ވޯޓުލާ މީހުންގެ ރަޖިސްޓްރީ ޖުމްލަކޮށް ފުރިހަމަ ކަމަށާއި ވޯޓުލެވޭ މީހުންގެ ލިސްޓުގައި މައްސަލަ ހުރުމުގެ ސަބަބުން ވޯޓު ނުލެވި ވަނީ ވަރަށް މަދު ބަޔަކަށް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އިންތިޚާބުގައި ފުލުހުން ހަރަކާތްތެރިވި ގޮތާ ބެހޭ ގޮތުން ވެސް އެ ބަޔާނުގައި ވަނީ އަލިއަޅުވާލާފަ އެވެ. އެގޮތުން ފުލުހުން ވަދެފައި ވަނީ 12.3 އިންސައްތަ މަރުކަޒުތަކަށް ކަމަށާއި އެ ހުރިހާ މަރުކަޒުތަކަށް ވެސް ފުލުހުން ވަދެފައި ވަނީ ގާނޫނާ އެއްގޮތަށް ވޯޓު ފޮށީގެ ވެރިޔާގެ ހުއްދައާ އެކު ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ވޯޓުލުން ކުރިއަށްދިޔައިރު ކެންޑިޑޭޓުން ތަމްސީލުވުން ފުޅާދާއިރާއެއްގައި ލިބިގެން ދިޔަ ކަމަށާއި އެއީ އިންތިޚާބުގެ ނަތީޖާގެ ހާމަކަން އިތުރުވެ އިތުބާރު ލިބިގެންދާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ވޯޓުލުން ކުރިއަށް ދިޔައިރު، 84.9 އިންސައްތަ މަރުކަޒުތަކުގައި އެމްޑީޕީގެ އޮބްޒާވަރުން ހަރަކާތްތެރިވި އިރު 88.8 އިންސައްތަ މަރުކަޒުތަކުގައި ސަރުކާރު ކޯލިޝަންގެ އޮބްޒާވަރުން ހަރަކާތްތެރިވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.