23 Mar 2014, 10:40
ކިޔޭވް (މާޗް 23) : ކްރައިމިޔާ ޕެނިންސިއުލާގައިވާ ޔުކްރޭންގެ ޢަސްކަރީ ބޭސްތަކަށް ރަޝިޔާ ސިފައިންނާއި ރަޝިޔާ އަށް ތާއީދުކުރާ ކްރައިމިޔާގެ އެތަށް ސަތޭކަ ބަޔަކު ވަދެގަނެ އެތަންތަން އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމާ އެކު ކެނެޑާގެ ޢަސްކަރީ އެހީއަށް ޔުކްރޭނުން އެދިއްޖެ އެވެ.
ހުޅަނގުގެ ތާއީދާ އެކު ޔުކްރޭންގެ ވެރިކަން ވައްޓާލުމަށް ފަހު އުފައްދާފައިވާ ވަގުތީ ސަރުކާރުގެ ރައީސް އޮލިގްޒެންޑާ ތުރްޗިނޯވް، ހުޅަނގުގެ ހަރުކަށި ގައުމެއް ކަމަށްވާ ކެނެޑާގެ ބޮޑުވަޒީރު ސްޓީވެން ހެޕަރ އާ ކިޔޭވްގައި ބައްދަލުކުރައްވައި އޭނާގެ ކިބައިން އެދިވަޑައިގެންފައި ވަނީ ޔުކްރޭނަށް ޒަމާނީ ހަތިޔާރާއި ލޮޖިސްޓިކް އެހީތަކާއި ޖާސޫސީ މަޢްލޫމާތު ފޯރުކޮށް ދިނުންފަދަ ކަންތައްތައް ކޮށްދިނުމަށެވެ. ޔުކްރޭންގެ ޚާބަރުފަތުރާ ވަސީލަތްތަކުން ބުނާގޮތުން ރަޝިޔާގެ ފަރާތުން ޔުކްރޭނަށް ކުރިމަތިވެފައިވާ ފިއްތުންތަކާ ކުރިމަތިލުމަށްޓަކައި ހުޅަނގުގެ މައުނަވީ އެހީތެރިކަމުގެ އިތުރުން ހުޅނގުގެ މާއްދީ އެހީތެރިކަން ހޯދައި ދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ވެސް އޮލިގްޒެންޑާ ވަނީ ކެނެޑާގެ ބޮޑުވަޒީރުގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ޔުކްރޭންގެ ދިފާއީ ވުޒާރާ އިން އިއްޔެ ބުނެފައި ވަނީ ކްރައިމިޔާގައިވާ ޔުކްރޭންގެ ނޮވޯވިދޮރަފްކާ އަސްކަރީ ބޭހަށް ރަޝިޔާ އަށް ތާއީދުކުރާ ކްރައިމިޔާގެ އާންމުންގެ އެތައް ސަތޭކަ ބަޔަކު އިއްޔެ އަރައި އެތަން އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އަދި ކްރައިމިޔާގައިވާ ބިލްބިކް ވައިގެ ބޭހަށް ރަޝިޔާ ސިފައިން އިއްޔެ އަރައި އެތަން ވެސް ހިފާފައިވާ ކަމުގަ އެވެ.
ޔުކްރޭންގެ ވައިގެ ސިފައިންގެ ވެރިޔާގެ ނައިބު އޮލިގް ބޮދޮވްލޮވް ވިދާޅުވީ ކްރައިމިޔާގައިވާ ޔުކްރޭންގެ ޢަސްކަރީ ބޭސްތައް ރަޝިޔާ ސިފައިންނާއި ކްރައިމިޔާގެ އާންމުންގެ ކޮންޓްރޯލްގެ ދަށަށް މިހާރު ގޮސްފައިވާ ކަމަށާއި އެބޭސްތަކުގައިވާ ޔުކްރޭން ސިފައިން އަމާންދިނުމަށް ރަޝިޔާ ސިފައިން އަންގަމުން ގެންދާކަމުގަ އެވެ. ނަމަވެސް ރަޝިޔާ ސިފައިންގެ މިއަމުރުތަކާއެކު ވެސް ޔުކްރޭންގެ ސިފައިން އެބޭސްތަކުން ނުފައިބާނެ ކަމަށާ ފޭބުމުގެ ވިސްނުމެއްނެތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޔުކްރޭންގެ ވައިގެ ސިފައިންގެ ވެރިޔާގެ ނައިބު މިހެންވިދާޅުވެ ބަޔާނެއް ދެއްވިތާ ހައެއްކަ ގަޑީއިރު ތެރޭގައި ޔުކްރޭން ސިފައިންވަނީ ޔުކްރޭނުގެ ގައުމީ ސަލާމް ކުޅުމަށް ފަހު ބިލްބިކް ވައިގެ ބޭހުން ފާބައިފާ ކަމަށް ޚަބަރުތައް ބުނެ އެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ކްރައިމިޔާގައިވާ ޔުކްރޭންގެ ބިލްބިކް ވައިގެ ބޭހަށް ރަޝިޔާ ސިފައިން ވަދެގެންފައި ވަނީ ޢަސްކަރީ ވެހިކަލްތަކުގައި އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.
ރަޝިޔާ ސިފައިން ވަނުމުގެ ކުރިން އެތަނުން ފޭބުމަށް ޔުކްރޭން ސިފައިންނަށް އަންގައި އެއްގަޑި އިރު މުހުލަތެއް ދިންނަމަވެސް ޔުކްރޭން ސިފައިން އެބޭހުން ފާބާފައި ވަނީ ރަޝިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް އެތަން ދިޔުމަށް ފަހު ކުރިމަތިވި ފިއްތުންތަކާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރަޝިޔާ އާއި ކްރައިމިޔާގެ ލީޑަރުން މިދިޔަ ހަފްތާގައި ވަނީ ޔުކްރޭންގެ ސަރަހައްދެއްގެ ގޮތުގައި އޮތް "ރިޕަބްލިކް އޮފް ކްރައިމިޔާ"،ރަޝިއާގެ އިއްތިޙާދުގެ ބައެއްގެގޮތުގައި ހިމެނުމުގެ މުޢާހަދާގައި ސޮއިކުރައްވާފަ އެވެ. މިމުއާހަދާގައި އެދެގައުމުގެ ރައީސުން ސޮއިކުރެއްވުމާ އެކު ރަޝިޔާގެ ދުސްތޫރީ ކޯޓުން އެމުޢާހަދާ ފާސްކުރުމާ އެކު ރަޝިއާގެ ޕާލަމެންޓުން މިދިޔަ ބުރާސްފަތި ދުވަހުވަނީ އެމުއާހަދާ ތަސްދީގުވެސް ކޮށްފަ އެވެ.
ރަޝިޔާ އާއި ކްރައިމިޔާ އިއްތިޙާދީ މުއާހަދާއެއްގެ ދަށުން އެއްކޮށްލާފައި މިވަނީ މިކަމާބެހޭ ގޮތުން މިމަހުގެ 16 ވަނަ ދުވަހު ނެގި ފެންނަ ވޯޓުގައި ކްރައިމިޔާ ރައްޔިތުންގެ 97 އިންސައްތަ މީހުން ރަޝިޔާގެ ދަށަށް ދާންފެންނަ ކަމަށް ވޯޓު ދިނުމާގުޅިގެންނެވެ. ނަމަވެސް ޔުކްރޭނާއި ޔުކްރޭނުގެ ވަގުތީ ސަރުކާރުގެ ފަހަތުގައިވާ އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ވަނީ މިއީ ޣައިރު ގާނޫނީ ކަމެއް ކަމަށް ސިފަކޮށް ކްރައިމިޔާއަކީ ރަޝިޔާގެ ބައެއްކަމަށް ގަބޫލު ކުރުމަށް ދެކޮޅު ހަދާފަ އެވެ. (ނޫސްއެޖެންސީތައް)