23 Mar 2014, 02:29
އާސެން ވެންގާގެ ކޯޗު ކަމުގައި އާސެނަލް ކުޅުނު 1000 ވަނަ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ޗެލްސީ އަތުން ބަލިވެ ބިރުވެރި ހުވަފެނަކަށް ވެއްޖެ އެވެ.
ޕްރިމިއާ ލީގުގައި މިރޭ ޗެލްސީގެ ސްޓެމްފާޑް ބްރިޖްގައި 10 މީހުންނާއެކު ކުޅުނު އާސެނަލް ބަލިވީ 6-0 ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހަތް މިނިޓްތެރޭގައި ޗެލްސީން ދެ ލަނޑުގެ ލީޑެއް ނެގި އިރު އެޓީމުގެ ފުރަތަމަ ލަނޑު، މެޗުގެ ފަސް ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ، ކެމަރޫން ފޯވާޑް ސެމުއެލް އެޓޫ އެވެ. އަދި އޭގެ ދެ މިނިޓް ފަހުން އެޓީމުގެ ޖަރުމަން މިޑްފީލްޑަރު އަންދްރޭ ޝޫލާ ވަނީ، ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ފުޅާކޮށްފަ އެވެ.
ޗެލްސީގެ ތިންވަނަ ލަނޑު 15 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކު އެޓީމަށް ޖަހައިދިނީ ބެލްޖިއަމް މިޑްފީލްޑަރު އެޑެން ހަޒާޑު އެވެ. އެ ޕެނަލްޓީ އަކީ، އާސެނަލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން، އެޓީމުގެ އިންގްލެންޑް މިޑްފީލްޑަރު އެލެކްސް އޮކްސްލޭޑް ޗެމްބަލެއިންގެ އަތުގައި ބޯޅަޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.
އެހެން ނަމަވެސް ޕެނަލްޓީ ދިނުމުގެ ކުރިން ވާނުވާގައި ހުރެގެން ރެފްރީ އަންދުރޭ މަރިނާ ވަނީ، އާސެނަލްގެ ޑިފެންޑަރު، ކިއެރަން ގިބްސް އަށް ރަތްކާޑެއް ދައްކައި ދަނޑުން ބޭރުކޮށްފަ އެވެ. އަދި ފަހުން ރެފްރީ ވަނީ، އެ ކަމަށް މައާފަށް ވެސް އެދިފަ އެވެ.
މިރެ ރެފްރީ ވަނީ، މިސީޒަންގައި ޗެލްސީއާއި ވެސްޓް ބްރޮމް ކުޅުނު މެޗު ނިމެންދަނިކޮށް، ވެސްޓް ބްރޮމްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް، ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު ރަމިރޭޒް ޑައިވް ކުރުމާ ގުޅިގެން، ހަމަ މިކަހަލަ ހަދިޔާއެއް ދީފަ އެވެ.
ޗެލްސީގެ ފަރާތުން ގިނަ ހަމަލާތަކެއް އާސެނަލްގެ ގޯލަށް އުފެއްދި މި މެޗުގައި، އެޓީމުގެ ހަތަރު ވަނަ ލަނޑާއި ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ، މޮރީނިއޯގެ އެނބުރި އައުމާއެކު ގިނަ މެޗުތައް ބެންޗުގައި ހޭދަކުރި، ބްރެޒިލް މިޑްފީލްޑަރު އޮސްކާ އެވެ. އޮސްކާގެ ފުރަތަމަ ލަނޑު މެޗުގެ 42 ވަނަ މިނިޓްގައި ފެނިގެން ދިޔައިރު އޭނާގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ 66 ވަނަ މިނިޓްގަ އެވެ.
ޗެލްސީގެ ފަހު ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި އެޓީމަށް ޖަހައިދިނީ، ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން، ސުވިޒަލޭންޑުގެ އެފްސީ ބާސެލް އިން 11 މިލިޔަން ޕައުންޑަށް ޗެލްސީއަށް ގެނައި މިސްރު ފޯވާޑް މުހައްމަދު ސަލާހް އެވެ.
ވެންގާގެ ކޯޗު ކަމުގައި އާސެނަލް ކުޅުނު 500 ވަނަ މެޗުން ވެސް އާސެނަލް ބަލިވީ ހަމަ ޗެލްސީ އަތުންނެވެ. 2006 ވަނަ އަހަރުގެ އޯގަސްޓް މަހު ކުޅުނު އެ މެޗުން އާސެނަލް ބަލިވީ، 1-0 އިނަނެވެ. އަދި މިއީ މިސީޒަންގައި ޖެހިޖެހިގެން މިފަދަ ބޮޑު ބައްޔަކުން އާސެނަލް ހެޓްރިކް ހެދި ބައްޔެވެ.
މި ސީޒަންގައި މި ދެޓީމު ހަ ފަހަރު ބައްދަލުކުރި އިރު، އާސެނަލްއަށް ޗެލްސީގެ މައްޗަށް އަތްގަދަ ކުރެވިފައެއް ނުވެއެވެ. މި މެޗުގެ ކުރިން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ޗެލްސީ މޮޅުވި އިރު އެއްމެޗު ނިމުނީ ލަނޑެއް ނުޖެހި ދެޓީމު އެއްވަރު ވެގެންނެވެ.
ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ދެވަނަ ފަހަރަށް އެޓީމާ ހަވާލުވުމަށްފަހު، އާސެނަލްގެ ކޯޗަށް ދިން ބަހުގެ ހަމަލާއެއްގައި ބުނެފައިވަނީ، "ވެންގާއަކީ ނާކާމިޔާބުގެ ތަޖްރިބާކާރެއް" ކަމަށެވެ. އަދި މި މެޗުން މޮރީނިއޯ ވަނީ ވެންގާއަށް އިނގިލި ދިއްކުރަމުން އެކަން ވަރަށް ރަނގަޅަށް ސާބިތުވެސް ކޮށްދީފަ އެވެ.
ވެންގާގެ ކޯޗު ކަމުގައި 2005 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރި އާސެނަލްއަށް މިސީޒަންގައި މިހާރު ދެން ހޯދިދާނެ ޓްރޮފީ އަކީ، މިއަހަރުގެ އެފްއޭ ކަޕް އެވެ. މި މުބާރާތުގެ ސެމީ ފައިނަލްގައި އާސެނަލް ނުކުންނަން ޖެހޭނީ މިދިޔަ އަހަރުގެ ޗެމްޕިއަން އަދި ބޮޑެތި ޓީމުތަކަށް ލަނޑުދޭ ޗެމްޕިއަންޝިޕް ކްލަބް ވިގަން އެތުލެޓިކް އާއި ދެކޮޅަށެވެ.
މިރޭގެ ބައްޔާއެކު އާސެނަލްއަށް ލީގު ހޯދުމަށް ކުރާ މަސައްކަތަށް ބޮޑު ހުރަސްތަކެއް ކުރިމަތިވެގެން ދިޔައިރު، އާންމުކޮށް ޕްލޭއޮފް ކުޅެގެން ކޮލިފައިވާ ޓީމަށް މިވަނީ، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގާ ދޭތެރޭގައި ވެސް ވިސްނަން ޖެހިފަ އެވެ. ސަބަބަކީ، 62 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގައި އޮތް އެޓީމަށް ލީގުގައި ބާކީ އަށް މެޗު ކުޅެން އޮތްއިރު، އާސެނައަށް ވުރެ ދެ މެޗު މަދުން ކުޅެފައިވާ މެންޗެސްޓާ ސިޓީ އޮތީ 63 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގަ އެވެ. އަދި އެޓީމަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާ އެވަޓަން ދަނީ 54 ޕޮއިންޓާއެކު އާސެނަލްގެ ފަހަތުން ވިއްދަމުންނެވެ.
ޕްރިމިއާ ލީގު ތާވަލަށް ބަލާއިރު ތާވަލުގެ އެއްވަނައިގައި 69 ޕޮއިންޓާއެކު އޮތީ މޮރީނިއޯގެ ޗެލްސީ އެވެ. ދެވަނައިގައި 65 ޕޮއިންޓާއެކު ބްރެންޑަން ރޮޖާސްގެ ލިވަޕޫލް އެވެ. 51 ޕޮއިންޓާއެކު ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ ހަތް ވަނައިގައި އޮތް އިރު، 53 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާ އެވެ.