22 Dec 2010, 11:22
ރާއްޖޭގައި ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެންމެ ބޮޑު އަމާޒަކަށް ވާންވީ ދަރިވަރުންނާއި ޒުވާނުންނަށް ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތައް އޮޅުންފިލުވައިދިނުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ އެވެ.
މިއަދު ދެއްވި ޚިތޯބުގައި ވިދާޅުވީ ރާއްޖޭގައި މިހާރު ޢަމަލު ކުރަމުން އަންނަނީ 21 ވަނަ ގަރުނަށް ފެތޭ އަދި ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް ހައްގުތަކާ ޒިންމާތައް އޮޅުން ފިލުވައިދީފައިވާ އަދި ގައުމުގެ ތިންބާރު ވަކިކޮށްދީފައިވާ ގާނޫނު އަސާސީއެއް ކަމަށެވެ. އެ ގާނޫނު އަސާސީއަށް ޢަމަލު ކުރަމުން އަންނަތާ ދެ އަހަރު ވީއިރު ގައުމުގައި ޑިމޮކްރަސީގެ ކުލަތައް ފެންނަމުން އަންނަ ކަން ފާހަގަކުރެވޭ ކަމަށް ވެސް ޚިތޯބުގައި ވިދާޅުވެފައިވެ އެވެ.
މަޖިލީހުގެ ރައީސްގެ ޚިތޯބުގައި ވިދާޅުވީ ފުރަތަމަ ފަހަރަށް ލިޔެފައިވާ ގާނޫނު އަސާސީއެއް އިޢުލާން ކުރި ތާރީޚުން ފެށިގެން ތަފާތު ބަދަލުތައް އައި ނަމަވެސް ކޮންމެ ގާނޫނު އަސާސީ އަކުން ވެސް ކަށަވަރު ކޮށްދީފައި ވަނީ ރައްޔިތުންގެ ހައްގުތައް ކަމަށެވެ. އަދި ގާނޫނު އަސާސީއަށް ގެނެސްފައިވާ ކޮންމެ އިސްލާހަކީ ވެސް ކުރިއަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ޚިތޯބުގައި ވިދާޅުވެފައިވެ އެވެ. ރާއްޖޭގައި ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެންމެ ބޮޑު އަމާޒަކަށް ވާންވީ ދަރިވަރުންނާ ޒުވާނުންނަށް ޑިމޮކްރަސީގެ އުސޫލުތަކާ ހަމަތައް އޮޅުންފިލުވުން ކަމަށާއި ޑިމޮކްރަސީގެ އުސޫލުތަކާ ހަމަތަކަށް ތަރުހީބުދޭ ބައެއްގެ ގޮތުގައި ޒުވާނުން ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމަށް ތަރުހީބު ދިނުމުގެ ގޮތުން 2004 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދަރިވަރުންނާއި ޒުވާނުންގެ މާދިރީ ބާއްވަމުން އަންނަ ކަން ވެސް ވަނީ މިއަދުގެ ޚިތޯބުގައި ފާހަގަ ކުއްރައްވާފަ އެވެ.
ގާނޫނު އަސާސީ ދުވަހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ދެއްވި ޚިތޯބުގައި އަދި ވިދާޅުވީ މިއަހަރު އެކަމުގައި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޑިމޮކްރަސީ ހައުސުން އިސްނަގައިގެން ހިނގަމުން ގެންދާ ކަމީ މިހާތަނަށް މަޖިލީހުން ކުރަމުން އައި މަސައްކަތް ކާމިޔާބުވަމުން އަންނަ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. އަދި ޑިމޮކްރެޓިކް ވެއްޓެއް ގާއިމު ކުރުމަށް މަދަނީ ޖަމިއްޔާތަކުގެ ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަން ވެސް އެ މަނިކުފާނުގެ ޚިތޯބުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.