ގެއްލިފައިވާ އެމްއެޗް 370 ގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ޗައިނާގެ ސެޓެލައިޓް ފޮޓޯއަކުން ފެނިގެން، ބޯޓް ހޯދުމުގެ މަސައްކަތް ޗައިނާއިން ފުޅާކޮށްފި އެވެ.

ޗައިނާގެ ހައި ޑެފިނިޝަން އާތު އޮބްޒަވޭޝަން ސެޓެލައިޓް " ގައޮފެން 1 އަށް އިންޑިއާ ކަނޑު ތެރެއިން ފެނުނީ 22.5 މީޓަރު ދިގު، 13 މީޓަރު ފުޅާ އެއްޗެއް ކަމަށް ޗައިނާ އާ ހަވާލާދީ މެލޭޝިއާ ސަރުކާރުން މިއަދު ބުންޏެވެ.

މެލޭޝިއާ ސަރުކާރުގެ ފަރާތުން އެކަން ހާމަކުރެއްވީ އެގައުމުގެ އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު ހިޝާމުއްދީން އެވެ.

ބޯޓް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވެވި ނޫސް ކޮންފަރެންސްގައި ހުސައިން ވިދާޅުވީ އެމްއެޗް 370ގެ ބައެއް ކަމަށް ބެލެވޭ އެ އެތި ފެނުނުކަން ޗައިނާ ސަރުކާރުން މެލޭޝިއާ ސަރުކާރަށް އަންގާފައިވާ ކަމަށެވެ. އަދި އެ އެތި ފެނިފައި ވަނީ ބޯޓް ވެއްޓިފައި ވެދާނެ ކަމަށް ބެލެވޭ ދެކޮރިޑޯގެ ތެރެއިން އެއް ކޮރިޑޯ ކަމަށްވާ އިންޑިއާ ކަނޑުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އޮސްޓްރޭލިއާގެ ސިޑްނީ މޯނިން ހެރަލްޑް ނޫހުން ބުނީ ބޯޓްގެ ބައެއް ކަމަށް ބެލެވޭ އެ އެތި ފެނިގެން އެ ހޯދުމަށް ޗައިނާ އިން އިތުރު ކަނޑުބޯޓްފަހަރާއި މަތިންދާބޯޓްތައް ފޮނުވާފައިވާ ކަމަށެވެ.

އެމްއެޗް 370 އާ ބެހޭ ގޮތުން ފެތުރިފައިވާ ބައެއް ވާހަކަތައް ހިޝާމުއްދީން ވަނީ ދޮގުކުރައްވާފަ އެވެ. އެގޮތުން އެބޯޓާ އެއާޓްރެފިލް ކޮންޓްރޯލާއާ ދެމެދު އެންމެ ފަހުން ދެއްކި ވާހަކަތަކެއް ކަމަށް ބުނެ ޓެލެގްރާފުން އާއްމު ކުރި ޓްރާންސްކްރިޕްޓް އޭނާ ވަނީ ދޮގު ކުރައްވާފަ އެވެ.

ވިދާޅުވެފައި ވަނީ އެޓްރާންސްކްރިޕްޓް އެކިއުރޭޓްނޫން ކަމަށެވެ. އަދި އެވާހަކަތަކުގައި ޝައްކު އުފެދޭ ފަދަ ކަމެއް ނެތް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.