22 Mar 2014, 23:19
ރ. ދުވާފަރުގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނަކަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ގެންދަނިކޮށް މަރުވެއްޖެ އެވެ.
ދުވާފަރު ސިއްހީ މަރުކަޒުން ވާހަކަ ދެއްކެވި އޮފިޝަލަކު މިރޭ ވިދާޅުވީ ސަން އަށް ވިދާޅުވީ މިއަދު ހަވީރު 4 ޖަހާއެހާކަންހާ އިރު ހިނގި އެ އެކްސިޑެންޓްގައި މަރުވެފައި ވަނީ އެ ރަށު ނޫވިލާ، އަހުމަދު އަލީމް، 20، އެވެ.
އޭނާ ވިދާޅުވީ އެކްސިޑެންޓަށް ފަހު އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ހޭ ހުރި ކަމަށާއި އޭނާ މަރުވީ މިރޭ 10 ޖެހިފަހުން ކަމަށެވެ. އެކްސިޑެންޓްގައި އޭނާގެ ނިތްކުރި މަތިން ފަޅައިގެން ގޮސްފައިވާ ކަމަށާއި ނަމަވެސް މަރުވާން ދިމާވި ސަބަބު އަދި މިހާތަނަށް އެނގިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކްސިޑެންޓްގެ ސަބަބުން އޭނާގެ ނިތްކުރިމަތިން ތަންކޮޅެއް ވަނީ ފަޅައިގެންގޮސްފައި. މަރުވީ ފަރުވާ ދެމުން ގެންދަނިކޮށް، ނަމަވެސް މަރުވި ސަބަބު އަދި ދަންނަވާކަށް ނޭނގޭ،" އޮފިޝަލް ވިދާޅުވި އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އިއްޔެ އެރަށަށް ދިޔަ އެ ޒުވާނާ މަރުވީ މިއަދު ހަވީރު ސައިކަލެއް ދުވާފައި ދަނިކޮށް، ކޮންޓްރޯލް ނުކުރެވިގެން ގޮސް ފާރަކަށް އަަރައި ހިނގި އެކްސިޑެންޓަށް ފަހު ކަމަށެވެ.