ބ. ކިހާދުއްފަރުގައި ހިންގާ ކިހާދު މޯލްޑިވްސް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެ އެވެ.

ކިހާދުއްފަރުގައި އަލިފާނުގެ ހާދިސާ ހިންގާފައި ވަނީ ރިސޯޓުގެ އޯނަރު ދިރިއުޅުއްވާ "އަތަމަ ޕެލަސް"ގަ އެވެ. ދެ ބުރިއަށް ނަގާފައިވާ އެ ގޭގައި އަލިފާން ރޯވެފައި ވަނީ ދެ ވަނަ ބުރީގަ އެވެ.

ރިސޯޓުގެ މުވައްޒަފަކު "ސަން"އަށް ބުނީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުފަހު 1:00 ޖެހިފަހުން ކަމަށާއި އެ ހާދިސާގައި އަތަމާ ޕެލަސްއަށް ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން އެ ގޭގެ ފުރާޅުގައި އަޅާފައިވާ ފަންތަކެއްގައި ރޯވެ، ކަރަންޓް ވައިރުތަކުގައި އަލިފާން ހިފައި އަނދާފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަލިފާން ރޯވި އިރު އެއްވެސް މީހަކު ޕެލަސްގައި ނެތް. ރޯވާން ދިމާވީ ކަރަންޓް ޝޯޓަކުން ކަމަށް މި ބަލަނީ، އެއީ ކަރަންޓް ވައިރުތަކުގައި ބޮޑަށް އަލިފާން ހިނފާފައި ވަނީ،" ކިހާދު މޯލްޑިވްސްގެ މުވައްޒަފަކު ބުންޏެވެ.

ރިސޯޓުގައި އަލިފާން ރޯވުމާއެކު އެ ރިސޯޓުގެ ފަޔާމަނުންނާއި މުވައްޒަފުން ގުޅިގެން 10 ވަރަކަށް މިނިޓް ތެރޭގައި ވަނި އަލިފާންގަނޑު ކޮންޓްރޯލްކޮށްފަ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ގޮތް ބެލުމަށް ރަށަކަށް ފުލުހުން މިހާރު ދަނީ ދަތުރުކުރަމުންނެވެ.