22 Mar 2014, 13:08
ތިނަދޫން: ހަސަން މުހައްމަދު
މީގެ 10 އަހަރު ކުރިން އަނބަކީ ތިނަދޫގައި ގިނަ އެއްޗެއް ނޫނެވެ. ހުރި ކަމަށްވަނީ ބޮޑު ދެތިން ގަހެކެވެ. އެކަމަކު މިއޮތް ބޮޑު ތިނަދޫގައި އަނބު ގަހެއް ނެތް ގެއެއް މަދުވާނެ ކަމަށް ބުނުމަކީ ދޮގަކަށްނުވާނެ އެވެ.
"މިހާރު މި ރަށުގައި ޑަބިޔަލެއްގެ އަނބު އޮށެއް އޮތަސް ގަސް ފަޅާނެ،" އަނބުގެ ވާހަކަ އެހުމުން އިބްރާހިމް އަޒްހަރު ބުންޏެވެ.
ކުރިން މި ރަށުގައި އަނބު ގަހެއް އިންދުމަކީ ބޮޑު މަސައްކަތެެވެ. އެތައް ފޫޓު އަޑިއަކަށް ކޮނެ، ގަސް ކާނާ އާއި ވެލިގަނޑު ފައްކާ ކުރުމަށް ފާޑުފާޑުގެ ތަކެތި އަޅަ އެވެ.
"ފެނާ ހަމައަށް ވަޅު ކޮންނާނެ އެއިރު. ގަސް ކާނާ އަޅާނެ، ކަޅު ފަސް އަޅާނެ، އުނބު އަޅާނެ އެހެން ގޮސް އެތައް ކަމެއް ކުރާނެ. އެވަރުން ވެސް ކިރިޔަ ކިރިޔާ މި ވާ ގޮތް ވަނީ. ގިނަ ފަހަރު ގަހެއް ނުފަޅާނެ،" އޭނާ ބުންޏެވެ.
މިހާރު މިއީ ގާތްގަނޑަކަށް އެއިގެ 10 ވަރަކަށް އަހަރު ފަހެވެ. ތިނަދޫގައި އެއް ދުވަސް ހޭދަ ކުރާ މީހާއަށް ވެސް މިހާރު އެންމެ ބޮޑަށް ފާހަގަ ކުރެވޭނީ މި ރަށުގެ ކޮންމެ ގެއެއްގައި ހެން ހެދިފައިވާ ބޮޑު، ބިޔަ އަނބުގަސްތެކެވެ.
"މި ގަހަކީ ވެސް ކުރިން މާ ބޮޑަށް ހެދިފައި ހުރި ގަހެއް ނޫން. ކުޑަކޮށް ހުންނާނީ. ސުނާމީއަށް ފަހު މިހާ ބޮޑުވެފަ މި ހުރީ. މާ ވެސް އަޅާފަ ތިހުރީނު ބައިވަރު،" އަނބު ގަސް ދައްކާލަމުން އައިމިނަތު ފާއިޒާ، 69، ބުންޏެވެ.
އެކަމަކު ކުއްލިއަކަށް ތިނަދޫގައި އަނބު ގަސް ގިނަވީ ކީއްވެގެންބާ އެވެ؟
"ނޭނގެ ހަމަ އެއްގޮތަކަށް ވެސް. ގުދުރަތީ ކަމެއް މިއީ. ގުދުރަތުން ހިނގާ ކަމެއް. ދައްތައަކަށް ނޭނގޭ،" ފާއިޒާ ބުންޏެވެ.
ކުރިން ވާހަކަ ދެއްކި އަޒްހަރު ވެސް ބުނީ އަނބު ގަސް ގިނަވި ސަބަބު ބުނެދޭން ނޭނގޭ ކަމަށެވެ.
"އެނގޭ ކަމަކީ ކޮންމެ ކޮންމެ ގޮތަކަށް ކުރިން މި ރަށުގައި އަނބު ގަހެއް އިންދާކަށް ލާހިކެއް ނޫން،" އޭނާ ބުންޏެވެ.
މި ރަށުގައި އަނބު ގަސް ކުއްލިއަކަށް ސުނާމީއަށް ފަހު ގިނަވުން ވެގެންދިޔައީ މި ރަށު މީހުންނަށް ލިބުނު ބޮޑު ހައިރާންކަމަކަށެވެ. މި ރަށު މީހުން އެކަންޏެއް ނޫނެވެ. ތިމާވެށީގެ ތަޖުރިބާކާރު މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ވެސް ހުރީ މިކަމާމެދު ހައިރާންވެވަޑައިގެންފަ އެވެ.
"ތިބުނީ ސުނާމީ ވެސް އެރީ ކުޑަކުޑަކޮށޭ. އެ ސަރަހައްދަކު ވެސް ނޫނޭ ކޮންމެހެން ގަސް ހެދެނީ. ދެން ބުނެވޭނީ ތިއީ މިރަކަލްއެކޭ. ހަމަ އެއްގޮތަކަށް ވެސް ނޭނގޭ ކީއްވެގެން ކަމެއް،" ޒާހިރު ވިދާޅުވި އެވެ.
ސަބަބު ނޭނގުނު ނަމަވެސް ތިނަދުއަށް ލިބިފައި މިއޮތީ ބޮޑު ނިއުމަތެކެވެ. އެކަމަކު ސަބަބު ހޯދަންވާނެ އެވެ. ހޯދޭނެ ގޮތްތައް ވެސް ހުންނާނެ އެވެ.
"ދެން ޖެހޭނީ ސައިންޓިފިކް ރިސާޗެއް ހަދައިގެން ބަލަން،" ޒާހިރު ވިދާޅުވި އެވެ.