22 Mar 2014, 12:51
ގެއްލިފައިވާ އެމްއެޗް 370 މަތިންދާ ބޯޓް ހޯދަން އެމެރިކާގެ ޖައްވީ އިދާރާ، ނެޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން ( ނާސާ) އިން ކުރަމުން އަންނަ މަސައްކަތް ވަރުގަދަކޮށްފައިވާ ކަމަށް އެއިދާރާއިން ބުނެފި އެވެ.
ނާސާގެ ތަރުޖަމާނު އެލާޑް ޖޭ ބިއުޓެލް ވިދާޅުވި ކަމަށް އެމެރިކާގެ އެންބީސީ ނިއުސް އިން ބުނީ އޮސްޓްރޭލިއާގެ ހުޅަނގު ދެކުނުން 1500 މޭލު ދުރުގައިވާ ސަރަހައްދެއް ބެލުމަށް، ޖައްވުގައިވާ ނާސާގެ އާލާތްތައް ތައްޔާރުކުރަމުން އަންނަ ކަމަށެވެ. އެސަރަހައްދަކީ އެމްއެޗް 370 ގެ ބައިތަކެއް ކަމަށް ބެލެވޭ ދެ އެއްޗެއް އޮސްޓްރޭލިއާގެ ސެޓެލައިޓް އިމޭޖަރީން ފެނުނު ސަރަހައްދެވެ. ސަރަހައްދު ބެލުމަށް ތައްޔާރުކުރާނީ ނާސާގެ ކޮންކޮން އާލާތްތަކެއް ކަން ބިއުޓެލް ވިދާޅުވެފައެއް ނުވެ އެވެ. ވިދާޅުވެފައި ވަނީ އެސަރަހައްދުން ފޮޓޯތައް ނެގުމުގެ މަސައްކަތް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފަށާނެ ކަމަށެވެ.
މާޗް އަށް ވަނަ ދުވަހު އެމްއެޗް 370 ގެއްލުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޯޓް ހޯދުމުގެ މަސައްކަތް ނާސާ އިން ވެސް ވަނީ ފަށާފަ އެވެ. ބިއުޓެލް އޭރު ވިދާޅުވެފައި ވަނީ ބޯޓް ވެއްޓިފައި ވެދާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގެ ފޮޓޯތައް ނާސާގެ "އާތު އޮބްޒާވިން 1 (އީއޯ1 ) ސެޓެލައިޓާއި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ( އައިއެސްއެސް)ގައިވާ ކެމެރާތަކުން ނަގަން ފަށާފައިވާ ކަމަށެވެ.
މެލޭޝިއާ އެއާލައިންގެ ބޯޓު 239 މީހުންނާ އެކު ގެއްލިފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަނިކޮށް ގެއްލުނު އެބޯޓް ހޯދުމަށް 26 ގައުމެއްގެ ވަޔާއި ކަނޑުގެ ސިފައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.