ޕެރިސް (މާޗް 22) : ޔޫރަޕުން އުފައްދާ އެއަބަސް މަރުކާގެ ފަސިންޖަރު މަތިންދާބޯޓުގެ 150 ބޯޓު ގަތުމާ ބެހޭ ގޮތުން ޗައިނާ ސަރުކާރުން އެއަބަސް ކުންފުންޏާ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި މިމަޝްވަރާތައް ކާމިޔާބު ކަމަށް އެކުންފުނިން ބުނެފި އެވެ.

އެއަބަސް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކުންފުނިން އުފައްދާ އެކި ސައިޒްތަކުގެ ފަސިންޖަރު މަތިންދާބޯޓުގެ 150 ބޯޓު ގަތުމާބެހޭ ގޮތުން މިދިޔަ ހަފްތާގައި ޗައިނާ އިން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާ އެކުންފުނީގެ ހުށަހެޅުންތައް ދިރާސާކުރާނެ ކަމަށް ޗައިނާގެ ކަމާބެހޭ މަސްއޫލުވެރިން ވިދާޅުވެފައިވާ ކަމުގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާ އިން އެއަބަސް ކުންފުނީގެ މަސްއޫލުވެރިންނާ އެކު މިމަޝްވަރާތައް ކޮށްފައި ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް ޔޫރަޕަށް މިދިޔަ ހަފްތާގައި ކުރެއްވި ދަތުރުފުޅުގެ އަރިމަތީގަ އެވެ. އެއަބަސް ކުންފުންޏަކީ ޖަރުމަނާއި ފަރަންސޭސިވިލާތުގެ އިތުރުން އިނގިރޭސިވިލާތް ވެސް ގުޅިގެން ހިންގާ ކުންފުންޏެކެވެ. ޗައިނާ އިން ގަތުމަށް ވިސްނަމުންދާ މިބޯޓުތަކުގެ ޖުމްލައަގު 20 ބިލިޔަން އެމެރިކާ ޑޮލަރަށް ވުރެ އިތުރުވާނެކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާ އިން ވެސް ވަނީ ޔޫރަޕްގެ ޓެކްނޮލޮޖީގައި އުފައްދާ އެއަބަސް މަރުކާގެ ފަސިންޖަރު މަތިންދާބޯޓުގެ ބޮޑު ޝިޕްމަންޓެއް ގަތުމާބެހޭ ގޮތުން ޗައިނާ ސަރުކާރުން އެކުންފުންޏާ ވާހަކަ ދައްކާފައިވާކަން ކަށަވަރުކޮށްދީފަ އެވެ. ޗައިނާ އިން ގަތުމަށް މަޝްވަރާކޮށްފައިވާ އެއަބަސް މަރުކާގެ 150 މަތިންދާ ބޯޓުގެ ތެރޭގައި އޭ ތްރީތްރީ ޒީރޯގެ މަތިންދާބޯޓާއި އޭ ތްރީ ޓޫ ޒީރޯގެ މަތިންދާބޯޓު ގިނަ އަދަދަކަށް ހިމެނޭ ކަމަށްވެ އެވެ.

މިދެ ބާވަތަކީ އެއަބަސް ކުންފުނިން ޗައިނާގައި ބިނާކޮށްފައިވާ ކާރުޚާނާތަކުން އުފައްދާ ބޯޓުތަކެވެ. ޔޫރަޕުން ބޭރުގައި އެއަރބަސް ކުންފުނިން މަތިންދާބޯޓު އުފައްދާ ކާރުޚާނާތައް ބިނާކޮށްފައިވާ ހަމައެކަނި ގައުމަކީ ޗައިނާ އެވެ. އެއަބަސް ކުންފުނިން އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއްގެ އަގުހުރި ކާރުޚާނާތައް ޗައިނާގައި ބިނާކޮށްފައިވެ އެވެ. އެކާރުޚާނާތަކުގައި ފަންނީ މީހުންނާއި އިންޖިނޭރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ވެސް ޗައިނާގެ ރައްޔިތުންނެވެ. (ރޮއިޓާސް)