ގެއްލިފައިވާ އެމްއެޗް 370 އާ ކުއާލަލަމްޕޫރު އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާ ދެމެދު ދެއްކި ވާހަކަތަކުގެ ޓްރާންސްކްރިޕްޓް އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫހުން އާއްމުކޮށްފި އެވެ.

އެމްއެޗް 370 އާ ޓަވަރާ ދެމެދު އެންމެ ފަހުން ކޮށްފައިވާ 54 މިނެޓްގެމުއާމަލާތުގައިމާބޮޑު އާދަޔާ ހިލާފު ކަމެއް ނެތްކަމަށް ޓެލެގްރާފާ ވާހަކަ ދެއްކި މާހިރުން ވަނީ ބުނެފަ އެވެ. ނަމަވެސް ޓަވަރަކާ މަތިންދާ ބޯޓަކާ ދެމެދު ކުރާ މުއާމަލާތްކުރާ ގޮތާ ކުޑަކޮށް ތަފާތުވާ ދެ ތަންކޮޅެއް އެމީހުން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ފާހަގަކޮށްފައިވާ އެއް ކަމަކީ ބޯޓު އޮތީ 35000 ފޫޓް މަތީގައި ކަމަށް، 1.07ގައި ތަކުރާރުކޮށް ބުނެފައިވާ ބުނުމެވެ. އެއީ އޭގެ ހަމިނެޓް ކުރިން ބުނެފައިވާ ވާހަކައަކަށް ވާތީ އެވާހަކަ ތަކުރާރުކުރުން އެއީ ބޭކާރު ކަމެއް ކަމަށް މާހިރުން ދެކެ އެވެ. ކޯޕައިލޮޓް ފާރިގު އަބުލްހަމީދު އެވާހަ ބުނެފައިވާ ވަގުތުގެ ގޮތުން ވެސް އެއީ ތަފާތު ކަމަކަށް ވެ އެވެ. ބޯޓުގެ އޭސީއޭއާރްއެސް ސިގްނަލިން ޑިވައިސް ނިއްވާލާފައި ވަނީ އޭގެ ފަހުން އައި 30 މިނެޓްގެ ތެރޭގައި ކަން ތަހުގީގަށް ވަނީ އެނގިފަ އެވެ.

ފާހަގަވެފައިވާ އަނެއް ކަމަކީ ބޯޓް ގެއްލިފައި ވަނީ ކުއާލަލަމްޕޫރުގެ އެއާ ޓްރެފިކް ކޮންޓްރޯލުން ވިއެޓްނާމްގެ ހޯޗިމިން ސިޓީގެ އެއާޓްރެފިކް ކޮންޓްރޯލް އާ ހަވާލުކުރި ވަގުތު ކަމަށް ވުމެވެ.

ޓްރާންސް ކްރިޕްޓާ ބެހޭ ގޮތުން ޓެލެގްރާފާ ވާހަކަ ދައްކާފައިވާ ބްރިޓިޝް އެއާވޭސްގެ ކުރީގެ ޕައިލޮޓެއް ކަމަށްވާ ސްޓެފަން ބުޒްޑީގަން ބުނެފައި ވަނީ އޭނާ ބޯޓެއް ވަގަށް ނަގާ ނަމަ އެކަން ކުރާނީ އެވަގުތުގައި (އެއް އެއާޓްރެފިކް ކޮންޓްރޯލާ އިން އަނެއް އެއާޓްރެފިކް ކޮންޓްރޯލާ ބަދަލުވާ ވަގުތު) ކަމަށެވެ.

ޓެލެގްރާފްގައި ބުނެފައި ވަނީ ބޯޓު ގެއްލުމުގައި ޕައިލޮޓުންގެ ބައިވެރިވުމެއް ވާކަން ޓްރާންސްކްރިޕްޓުން ދޭހަވާ ކަމަށެވެ.

މެލޭޝިއާ އެއާލައިންގެ ބޯޓު 239 މީހުންނާ އެކު ގެއްލިފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަނިކޮށް ގެއްލުނު އެބޯޓް ހޯދުމަށް 26 ގައުމެއްގެ ވަޔާއި ކަނޑުގެ ސިފައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.