22 Mar 2014, 09:25
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިންތިހާބާގުޅޭ ޝަކުވާތަކުގެ މައްސަލަތައް ބަލައިގަތުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓް މިއަދު ހުޅުވާގޮތަށް ހަމަޖއްސައިފި އެވެ.
ހައިކޯޓުން ބުނީ، މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާއި ގުޅޭ އިންތިހާބީ ޝަކުވާގެ މައްސަލަ ބަލައިގަތުމަށްޓަކައި، މިއަދު ހެނދުނު 9:00 ން ހަވީރު 16:00 ށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރެޖިސްޓްރޭޝަން ހުޅުވިފައި ހުންނާނެ ކަމަށެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވަނީ، އިންތިހާބެއް ހިނގަމުންދާއިރު، އެ އިންތިހާބަކާ ގުޅޭ އެއްވެސް ކަމަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ ކޮމިޝަނުން ނިންމި ނިންމުމަކާ މެދު ހިތްހަމަ ނުޖެހޭނަމަ، ނުވަތަ އިންތިހާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލައަކާމެދު ގޮތެ ނިންމައިދިނުން އެދި ދިވެހިރާޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅިދާނެ ކަމަށެވެ.
މައްސަލަތަށް ހުށަހެޅުމާ ބެހޭގޮތުން ހައިކޯޓުން ދީފައިވާ އިރުޝާދުގައި ބުނެފައިވަނީ، އިންތިހާބީ މައްސަލަތައް ހުށަހަޅާނީ އިންތިހާބީ ޝަކުވާގެ މައްސަލަތަށް ހުށަހަޅާ ފޯމްގައި ކަމަށެވެ.
އިންތިހާބީ މައްސަލަތައް ހައިކޯޓަށް ހުށަހެޅޭނީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 14 ދުވަސް ވަންދެން ކަމަށް ހައިކޯޓުން ބުނެފައިވެ އެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެފަދަ މައްސަލަތައް ހައިކޯޓުން ބަލައި ނިންމާނެ ކަމަށް ވެސް އެ ކޯޓުން ބުނެފައިވެ އެވެ.