ސޯލް (މާޗް 22): އުތުރު ކޮރެޔާއިން ރޭ ފަތިހު 30 މިސައިލް ތަޖްރިބާ ކޮށްފިކަމަށް ދެކުނު ކޮރެޔާ ބުނެފި އެވެ.

ދެކުނު ކޮރެޔާގެ ދިފާއީ ދާއިރާތަކާ ހަވާލާދީ އެގައުމުގެ "ޔުންހާބު" ނޫސް އެޖެންސީ ހަބަރުދޭގޮތުގައި އުތުރުކޮރެޔާ ސިފައިންގެ ހާއްސަ ޔުނިޓަކުން، ރޭ ފަތިހު ވަނީ ކޮރެޔަން ޕެނިންސިއުލާގެ އިރުމަތީ އައްސޭރި ފަށުގައި ކަނޑާ ވީ ދިމާއަށް 30 މިސައިލް ފޮނުވާލާފަ އެވެ. މިއީ ކުރުރާސްތާގެ މިސައިލްތަކެއް ކަމަށާ މީގެތެރެއިން ބައެއް މިސައިލް 60 ކިލޯމީޓަރުގެ އަމާޒަށް ވާސިލްވުމަށްފަހު ކަނޑަށް ވެއްޓުނުކަން ދެކުނު ކޮރެޔާގެ އަސްކަރީ ރާޑަރުތަކަށް ދެނެގަނެވިފައި ވާކަމަށް އެ ނޫސް އެޖެންސީ ބުނެއެވެ.

އުތުރު ކޮރެޔާއަކީ ނިއުކްލިޔާ ހަތިޔާރުގެ އިތުރުން މިސައިލް ޓެކްނޮލޮޖީ ތަރައްގީ ކުރުމަށްވެސް ވަރަށް ބޮޑަށް މަސައްކަތްކުރަމުން ގެންދާ ގައުމެކެވެ. އުތުރުކޮރެޔާގެ މިސައިލް ޕްރޮގްރާމުގައި އައު ބާވަތްތަތަކުގެ މިސައިލް އުފެއްދުމާއި އެ ގައުމުގައި ހުރި ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރުގެ ބާ ޓެކްނޮލޮޖީގެ މިސައިލްތައް އައު ކުރުން ހިމެނެ އެވެ.

މިދިޔަ ހަފްތާގައިވެސް އުތުރު ކޮރެޔާއިން 25 މިސައިލް ތަޖްރިބާ ކޮށްފައިވެ އެވެ. އުތުރު ކޮރެޔާގެ މިސައިލް ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ނިއުކްލިޔާ ވޯހެޑް އުފުލޭވަރުގެ ދުރުރާސްތާގެ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލް އުފެއްދުން ކަމަށް އެމެރިކާއާއި ޖަޕާން ފަދަ އެގައުމުގެ ހަތުރުން ތުހުމަތު ކުރެ އެވެ.

އެމެރިކާގެ ހުޅަނގު އައްސޭރިއަށް ފޯރާވަރުގެ ބެލަސްޓިކް މިސައިލް އުތުރު ކޮރެޔާއިން ތަރައްގީ ކުރާކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނެފައިވާއިރު، 2012 ވަނަ އަހަރު ދިގު ރާސްތާއެއްގެ މިސައިލެއް އެގައުމުން ކާމިޔާބުކަމާއެކު ތަޖްރިބާ ކޮށްފައިވެ އެވެ. މިއީ ނިއުކްލިޔާ ވޯހެޑް އުފުލޭވަރުގެ ދުރުރާސްތާގެ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލް އުފައްދައި ތަޖްރިބާ ކުރުމަށް އެގައުމުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް އެމެރިކާއާއި ޖަޕާނާއި ދެކުނު ކޮރެޔާއިން ވަނީ ބުނެފަ އެވެ.

އުތުރު ކޮރެޔާއަކީ އިގްތިދާސީގޮތުން ބަލިކަށި ގައުމަކަށްވެފައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޝިކާރައަކަށް ވެފައިވާ ގައުމެއްނަމަވެސް އުތުރު ކޮރެޔާއިން ވަނީ ނިއުކްލިޔާ ތިން ބޮމެއް ކާމިޔާބުކަމާއެކު ތަޖްރިބާ ކޮށްފައެވެ. (ރޮއިޓާސް)