22 Mar 2014, 04:30
"ބޯޓް އަޑިއަށް ދިޔަ ވަގުތު ވެސް ހުރިހާ ކުދިން [ފަޅުވެރިން] ވެސް ތިބީ ހިނި އައިސްފައި. އެއްވެސް ގޮތަކަށް ހޯޕެއް ކަނޑުވައެއް ނުލަން. މަޑުމަޑުން އަޅުގަނޑުމެގެންގެ ޖާނީ ސްޓާޓް ކުރީ،" ހުވަދޫ ކަނޑަށް "އަލްދަބަރާން" ސަފާރީ ގެނބިގެންދިޔަ ވަގުތު ޒުވާން ފަޅުވެރިންގެ ހިތްވަރު ކެޕްޓަން ޏ. ފުވައްމުލަކު، ޝައްމޫން އަމީން (ޝޫމީ) ނޫސްވެރިންނަށް ރޭ ކިޔައިދިނެވެ.
ސަފާރީގައި ދިޔަ ބޮޑުވެ ދިޔަ ނުހިއްކޭނެކަން ޔަގީންވުމުން ކެޕްޓަނާއި ހަތް ފަޅުވެރިން ސަލާމަތްވާން ދަތުރަށް އެރީ ޑިންގީ އަށާއި ލައިފްރާފްޓަށެވެ. ސަފާރީގެ ކެޕްޓަން ޝަމްއޫން ބުނި ގޮތުގައި ސަލާމަތުގެ އައްސޭރިއަށް ފޯރާނެ ކަމުގެ އުންމީދުގައި އެެރި ދަތުރަށް ދިން ނަމަކީ "އަލްޓިނޭޓް ޖާނީ" އެވެ. އެ ދަތުރު ކާމިޔާބީގެ މަންޒިލް ފެނުނީ ގއ. ދެރަހާއާ 127 މޭލު ބޭރުންނެވެ. ޖިސްމާނީ ގެއްލުމެއް ނުލިބި ދެ ރޭ ދެ ދުވާލު ކަނޑުމަތީގައި ތިބި ފަޅުވެރިން ކޯސްޓްގާޑު ހުރަވީއަށް ނެގީ އެ ސަރަހައްދުންނެވެ.
ކެޕްޓަން ޝައްމޫން ކިޔައިދިން ގޮތުގައި ފަޅުވެރިންގެ އަޒުމް ކިތަންމެހާ ވެސް ވަރުގަދަ އެވެ. އަދި ކަނޑުމަތީގައި އެފަދަ ހާދިސާއެއް ހިނގުމުން އަމަލު ކުރާނެ ގޮތުގެ ހިލްމު ވެސް ފަޅުވެރިން ވަނީ އުނގެނިފަ އެވެ. ފިޒިކަލީ ވަރުގަދަ ފަޅުވެރިން ސަލާމަތްވުމަށް ޑިންގީ އާއި ލައިފްރާފްޓަށް އެރީ ކާންބޯތަކެތި ވެސް ހިފައިގެންނެވެ.

"ﷲ އިރާދަފުޅުން ގަދަވެ ސަލާމަތުން އަޅުގަނޑުމެން މި ތިބީ. ޕެރަމެޑިކް އިންސްޓްރަކްޓާސް، ޕްލަސް އަދި އީއެފްއާރް އެމެޖެންސީ ފަސްޓް ރެސްޕޮންސް ސާޓިފައިޑް ކުރޫންނާއެކު މިހާ ހިސާބަށް މި އާދެވުނީ. އަދި ހުރިހާ ކުރޫންނަކީ ވަރަށް ފިޓް ކުރޫންތަކެއް. އެހެންވެ ވަރަށް ރިލެކްސްކޮށް އުންމީދު ކަނޑާނުލައި އަޅުގަނޑުމެން ތިބީ،" ބޯޓު ދުއްވުމާއި ކަނޑުމަތީގެ 15 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޝަމްއޫން ބުންޏެވެ.

ބުލޫ ވޮޔޭޖް ކުރޫސަސްގެ 95 ފޫޓްގެ ބޮޑު ސަފާރީ ގެނބިގެންދާން ޖެހުނު ސަބަބުގެ ތަފްސީލީ ގޮތެއްގައި ގައިމީ ދިފާއީ ބާރުގެ ކޯސްޓްގާޑަކުން ހާމައެއް ނުކުރެ އެވެ.
ފަޅުވެރިންނާއި ކެޕްޓަނާއެކު ކޯސްޓްގާޑު ބިލްޑިންގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ކޯސްޓްގާޑުގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ ސަފާރީގައި ދިޔަ ބޮޑުވިކަން ފަޅުވެރިންނަށް އެނގުނީ ސަފާރީގެ އިންޖީނު ނިވި ބޯޓު އެއްކޮށް "ޝަޓް ޑައުން"ވީ ފަހުން ކަމަށެވެ.
"ދިޔަ ބޮޑުވިކަން މި އެނގުނީ ބައެއް ސިސްޓަމްތައް ސަޓް ޑައުންކޮށްލީމަ. އެ ގަޑިއަކީ ކަނޑު ގަދަ ވަގުތަކަށްވާތީވެ، އެކަހަލަ ގޮތަކަށް ދިޔަވަމުން ދިޔަ ކަމުގައި ވިޔަސް ވެސް، ނޭނގުމަކީ އެކަށީގެންވާ ކަމެއް،" ކޯސްޓްގާޑުގެ ކޮމާންޑަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަފާރީގެ ދިޔަ ބޮޑުވުން ބެކަޕް ސިސްޓަމް ބޭނުންކޮށްގެން ޕަންޕު ޖަހައިގެން ދިޔަ ހިއްކަން ފަޅުވެރިން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ބެކަޕް ސިސްޓަމުގައި ދިޔަ ހިއްކޭ ވަރަށް ޗާޖު ނެތުމުން ސަފާރީ ދޫކޮށްލައި ޑިންގީ އާއި ލައިފްރާފްޓަށް ފަޅުވެރިން އެރީ ކަމަށް ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
އަލްދަބަރާން އަކީ އިންޝުއަރެންސްކޮށްފައިވާ އުޅަނދެކެވެ. ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ އުޅަނދުގެ ބަދަލު ލިބުމަށް ހުރަސް އެޅޭ ގޮތަށް އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރާނެ ކަމަށެވެ. އެއީ އިންޝުއަރެންސް ބަދަލު ދިނުމުގެ ކުރިން ތަހުގީގުތަކާއި ގާނޫނީ މަރުހަލާތަކެއް ފުރިހަމަ ކުރަންޖެހޭތީ އެވެ.
"އިންޝުއަރެންސް ކޮށްފައި އޮތް އުޅަނދެއް ކަމުން ކޮންމެ ވެސް ވަރެއްގެ އިންވެސްޓިގޭޝަންތަކަކާއި ލީގަލް ކަންތައްތަކެއް. އެކަންތައްތަކަށް ތައާރަޒުވާނެ އެއްވެސް ކަހަލަ މައުލޫމާތެއް މިއަދު އަޅުގަނޑުމެން ހާމައެއް ނުކުރާނަން،" ކޯސްޓްގާޑުގެ ކޮމާންޑަރު ވިދާޅުވި އެވެ.
