21 Mar 2014, 23:16
އެމެރިކާގެ މަޝްހޫރު ކޮމްޕިއުޓަރު ސެކިއުރިޓީ ފާމް، ސިމެންޓެކްގެ ޕްރެޒިޑެންޓް އަދި ސީއީއޯ، ސްޓީވް ބެނެޓް އެ މަގާމުން ދުރުކޮށްފި އެވެ.
މަޝްހޫރު ކޮމްޕިއުޓަރު އެންޓިވައިރަސް ސޮފްޓްވެއާ، ސިމެންޓެކް އުފައްދާ ކުންފުނީގެ ޕްރެޒިޑެންޓް އަދި ސީއީއޯ އެމަގާމުން ދުރުކުރުމަށް ފަހު، އެ މަގާމަށް ވަގުތީ ގޮތުން ހަމަޖައްސާފައިވަނީ، އެ ކުންފުނީގެ ޑިރެކްތަރު މައިކެލް ބްރައުން އެވެ.
ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސިމެންޓެކްގެ ސީއީއޯގެ މަގާމަށް ބަދަލުގެނައި މިއީ ދެވަނަ ފަހަރެވެ. އުމުރުން 60 އަހަރުގެ ބެނެޓް އެ ކުންފުނީގެ ސީއީއޯގެ މަގާމާ ހަވާލުވީ، އޭނާގެ ކުރިން އެ މަގާމުގައި ތިން އަހަރު ދުވަސް ހޭދަކުރި އެންރިކް ސެލަމް، 2012 ވަނަ އަހަރު ވަޒީފާއިން ވަކިކުރުމުންނެވެ.
ނޯޓަން އެންޓިވައިރަސް ސޮފްޓްވެއާ އުފައްދާ ކެލިފޯނީއާގެ ކުންފުނީގެ ސީއީއޯގެ މަގާމުން ބެނެޓް ވަކިކުރި ހަގީގީ ސަބަބެއް އެ ކުންފުނިން ހާމަކޮށްފައި ނުވާކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ބުނެއެވެ.
ސިމެންޓެކްގެ ޗެއާމަން ޑެން ޝޫލްމަން ނެރުއްވި ޕްރެސް ރިލީޒެއްގައި ބުނެފައިވަނީ، ކުއްލިގޮތަކަށް މިފަދަ ނިންމުމެއް ނިންމަން ޖެހުނީ، ކުންފުންޏަށް ލިބެންޖެހޭ ކުރިއެރުންތައް ލިބިފައި ނުވާތީ ކަމަށެވެ.
ސިމެންޓެކްގެ ހިއްސާގެ އަގު، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 15 ޕަސެންޓު ވެއްޓިފައިވާއިރު ސީއީއޯ މަގާމުން ދުރުކުރިތާ ގަޑިއެއްހާ އިރުގެ ތެރޭގައި 6.8 ޕަސެންޓް (1.43 ޑޮލަރު) ހިއްސާގެ އަގުން ދަށްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކުންފުނީގެ މަތީ މަގާމުތަކާއި މިޑްލް މެނޭޖްމަންޓަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާއިރު ސިމެންޓެކުގެ އެންމެ ބޮޑު އަމާޒަކީ، އެ ކުންފުނީގެ އުފެއްދުންތައް ޒަމާނީ އެންމެ ފަހުގެ އުފެއްދުންތަކާ އެއްފެންވަރެއްގައި ވާދަކުރެވޭ ވަރަށް ތަރައްގީކުރުމެވެ.
ސީއީއޯގެ މަގާމުން ދުރުކުރުމާއެކު ބެނެޓް އެ ކުންފުނީގެ ބޯޑުން ވެސް އިސްތިއުފާ ދެއްވާފައިވާއިރު، ކުންފުނީގެ ވަގުތީ ސީއީއޯގެ ޒިންމާ ހަވާލުކޮށްފައިވާ، ބްރައުން އަންނަނީ، 2005 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.
ގަބޫލުކުރެވޭ އެއްވެސް ސަބަބެއް ނެތި، ސިމެންޓެކްގެ ޕްރެޒިޑެންޓް އަދި ސީއީއޯގެ މަގާމުން، ބެނެޓް ދުރުކޮށްފައި ވާއިރު، ހިއުމަން ރިސޯސް ކޮންސަލްޓިން ފާމެއް ކަމަށްވާ ވެރިސައިޓްގެ ހެޑްއޮފް ދަ އެގްޒެކެޓިވް ކޮމްޕެންސޭޝަން ޕްރެކްޓިސް މާކް ރީލީ ވިދާޅުވީ، އެމައްސަލައިގައި ބެނެޓް އަށް ބަދަލުގެ ގޮތުގައި 14 މިލިޔަން ޑޮލަރާ ގާތްކުރާވަރުގެ ބަދަލެއް ލިބޭނެ ކަމަށެވެ.