މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ރައްޔިތުން އެދޭ ފަދަ ސުލްހަވެރި މާހައުލެއްގައި ބާއްވާ އިންތިހާބަކަށް ހެދުމަށް ފުލުހުންގެ ހުރިހާ ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުން ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފުލުހުން ވެފައިވާ ތައްޔާރީތަކާ ގުޅޭ ގޮތުން ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ، މާދަމާ ބާއްވާ އިންތިހާބު ސުލްހަވެރިކަމާ އަމާންކަމާ އެކުގައި ކުރިއަށް ގެންދިއުމަށް ފުލުހުންގެ ހުރިހާ ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުންކުރާއިރު، އެކަމަށް ފުލުހުން ވެސް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ.

"މާލެއާއި އަތޮޅުތަކުގައި އަދި ރާއްޖެ އިން ބޭރުގައި ވެސް، ވޯޓުފޮށި ބަހައްޓާ ކޮންމެ ތަނެއްގައި ފުލުހުން ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާނެ. އަދި އެއްވެސް ފަރާތަކަށް އިންތިހާބާ ގުޅިގެން ހަމަނުޖެހުން ހިންގަން ފުލުހުން ފުރުސަތު ނުދެއްވާނެ،" ވަހީދު ވިދާޅުވި އެވެ.

މާދަމާ ބާއްވާ އިންތިހާބު އަމާންކަމާއި ސުލްހަވެރިކަމާ އެކު ނިމިގެން ދިއުމަށް ހުރިހާ ރައްޔިތުން ވެސް ބޭނުންވާ ކަމަށް ފާހަގަކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ، މާދަމާ އޮންނަ އިންތިހާބުން ދިވެހި ރައްޔިތުންގެ މެދުގައި އޮތް ސުލްހަ މަސަލަސްކަމާއި އެކުވެރިކަމުގެ ބަދަހިގުޅުން މުޅިދުނިޔެ އަށް ދައްކުވައިދޭން ޖެހޭ ކަމަށެވެ.

އެގޮތުން ވޯޓުލުން ކުރިއަށްދާ ހުރިހާ ވަގުތެއްގައި، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާއި ސަލާމަތީ ކަންކަން ފުރިހަމަކުރުމަށް ފުލުހުން އަންގާ ގޮތެއްގެ މަތިން ރައްޔިތުން އަމަލުކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މާދަމާ އޮންނަ އިންތިހާބާއި ގުޅިގެން އެއްވެސް ފަރާތަކުން ހަމަނުޖެހުމެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނާއި ސިޔާސީ ޕާޓީތަކުގެ ކިބައިން ކޮމިޝަނާ އޮފް ޕޮލިސް ވަނީ އެދިވަޑައިގެންފަ އެވެ.