21 Mar 2014, 20:23
މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންތައްތައް އޮބްޒާވްކުރާ ފަރާތްތަކުން އިންތިހާބު ކުރިއަށްދާގޮތް ގާތުން ބެލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ ރިޔާސަތު ބެލެހެއްޓެވުމާ ހަވާލުވެވަޑައިގެން ހުންނެވި، އެކޮމިޝަނުގެ މެމްބަރު މުހައްމަދު ފާރޫގު މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އިންތިހާބުގައި ހަރަކާތްތެރިވާ ހުރިހާ އޮފިޝަލުން ވެސް ތެދުވެރިކަމާ އެކު މަސައްކަތް ކޮށްދޭން އެދިވަޑައިގަންނަވާ ކަމަށެވެ.
" ... ހުރިހާ އޮފިޝަލުން ވެސް ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކު، ވަކިފަރާތަކަށް ނުޖެހި މަސައްކަތް ކޮށްދެއްވުމަކީ އިލެކްޝަންސް ކޮމިޝަނުގެ ވަރަށް ބޮޑު އެދުމެއް. އަދި އޮބްޒާވަރުން ވެސް އިންތިހާބުގެ ކަންކަން ހިނގަމުން ދަނީ ގާނޫނާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިންތޯ ގާތުން ބެއްލެވުމަކީ ވަރަށް މުހިއްމު ކަމެއް،" ފާރޫގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބުގެ ކަންކަމުގައި 4000 އަށް ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށެވެ. އިންތިހާބު ހިނގަމުންދާ ގޮތް ބެލުމަށް 2400 އަށް ވުރެ ގިނަ އޮބްޒާވަރުންނާއި މޮނިޓަރުން ހަރަކާތްތެރިވަމުންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.