21 Mar 2014, 19:24
އެމްއެޗް 370 ގެއްލުނު ހާދިސާ އަށް 30 ދުވާ އިރު ވެސް ބޯޓް ނުފެނުނަސް، އެ ބޯޓު ހޯދުމަށް ކުރާ މަސައްކަތް ހުއްޓައި ނުލާނެކަމަށް މެލޭޝިއާ އިން ބުނެފި އެވެ.
މެލޭޝިއާގެ ބެރްނާމާ ނިއުސް އެޖެންސީން ބުނީ މަތިންދާ ބޯޓު ހޯދުމުގެ މަސައްކަތް ދިގުދެމިގެން ދާނެ ކަމަށް އެގައުމުގެ އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު ހިޝާމުއްދީން ހުސައިން މިއަދު ވިދާޅުވި ކަމަށެވެ.
" ... ހޯދުމުގެ މަސަކަތް އަހަރެމެން ކުރިއަށް ގެންދާނަން. އަހަރެމެން އަޒުމު ކަނޑައަޅައިގެން މިތިބީ (ބޯޓުން ދަތުރުކުރި މީހުން) ހޯދައި ސަލާމަތްކުރަން،" ހިޝާމުއްދީން ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ 30 ދުވަސް ވުމުގެ ކުރިން ބޯޓު ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މަތިންދާބޯޓެއްގެ ބްލެކްބޮކްސްގެ ބެޓެރީގެ ބާރު ހުންނާނީ 30 ދުވަހު އެވެ.
މެލޭޝިއާ އެއާލައިންގެ ބޯޓު 239 މީހުންނާ އެކު ގެއްލިފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަނިކޮށް ގެއްލުނު އެބޯޓް ހޯދުމަށް 26 ގައުމެއްގެ ވަޔާއި ކަނޑުގެ ސިފައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.