22 Dec 2010, 10:03
ބައިނަލްއަގުވާމީ ދުރުރާސްތާ ދަތުރުތައް ކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި އަމިއްލަ ކުންފުންޏަކަށް ދީފި އެވެ.
މިއަދު ސަރުކާރުން ލައިސަންސް ދިނީ މެގަ މޯލްޑިވްސް ޕުރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ.
މިއަދު ނަސަންދުރާގައި މެގަ މޯލްޑިވްސް އަށް ހުއްދަ ދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހުއްދަ މެގަމޯލްޑިވްސް އާ ހަވާލުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ހުސެއިން ޖަލީލް އެވެ. މެގަ މޯލްޑިވްސްގެ ފަރާތުން އެ ހުއްދަ އާ ހަވާލުވެވަޑައިގަތީ މެގަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ ޖޯޖް ވެނަމަން އެވެ.
އެ ހަފްލާގައި ޖޯޖް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެއާލައިންގެ ދަތުރުތައް ނޯތު އެމެރިކާ ފިޔަވައި ދުނިޔޭގެ ހުރިހާ ހިސާބަކަށް ކުރާނެ ކަމަށާއި އަދި ސ. ގަމަށް ވެސް އެ އެއާލައިންގެ ބޯޓްތައް ދަތުރު ކުރާނެ ކަމަށެވެ.
"ނޯތު އެމެރިކާ ފިޔަވައި ދުނިޔޭގެ މަޝްހޫރު އެއާޕޯޓްތަކަށް އަޅުގަނޑުމެން އުދުހޭނަން. އެގޮތުން މެޑްރިޑް ސިޑްނީ އަދި ކޭޕްޓައުނަށް ވެސް ދާނެ. މުސްތަގުބަލުގައި ނޯތު އެމެރިކާ އަށް ވެސް އުދުހެން މި ވިސްނަނީ،" ޖޯޖް ވިދާޅުވި އެވެ.
އެއާލައިންގެ ޑިރެކްޓަރު މިފްޒާލް އަހުމަދު ވިދާޅުވީ އެ ބޭފުޅުންގެ ދަތުރުތައް ފުރަތަމަ ފަށާނީ ޗައިނާގެ ބެއިޖިން އާއި ކޮރެއާ އާއި ބަނގްލާދޭޝްގެ ޑާކާ އަށް ކަމަށެވެ. ނަމަވެސް ދަތުރުތައް ފެށޭނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މެގަ މޯލްޑިވްސްގެ 264 ގޮނޑީގެ، ބޯއިން 676ގެ 300 އީއާރު މަރުކާގެ ބޯޓު ވަނީ މިދިޔަ ނޮވެމްބަރު 26 ވަނަ ދުވަހު ރާއްޖެ ގެނެސްފަ އެވެ. އަދި އެ ބޯޓުގެ ޓެސްޓް ދަތުރުތަކެއް ވަނީ އިއްޔެ ސ. ގަމަށް ވެސް ކޮށްފަ އެވެ.
ޖޯޖް ވިދާޅުވީ އެއާލައިންގެ ދަތުރުތައް ފެށުމުން ރާއްޖޭގެ ޓޫރިޒަމަށް ހެޔޮ އަސަރުތައް ކުރާނެ ކަމަށާއި ސިދާ ރާއްޖެ އަށް ޓޫރިސްޓުންނަށް އާދެވޭނެ މަގުފަހިވެގެން ދިޔުމުން ދަތުރުކުރުމުގެ އަގު ހެޔޮވެ، ގިނަ ޓޫރިސްޓުންތަކެއް ރާއްޖެ އަންނާނެ ކަމަށެވެ.
މެގަ މޯލްޑިވްސް އަކީ 55 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުންޏެކެވެ. އެ ކުންފުނީގައި މިހާރު ވެސް 200 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
މިފްޒާލް ވިދާޅުވީ އެ ކުންފުނިން ޓިކެޓް ވިއްކާނީ ރާއްޖޭގައި ހުރި ޓިކެޓިން އޭޖެންސީތަކާ ގުޅިގެން ކަމަށާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި ފުލައިޓް އޮޕަރޭޓް ކުރާނެ ގަޑިތައް ކަނޑައަޅާނެ ކަމަށެވެ.
މެގަމޯލްޑިވްސް އިން ލަފާކުރަނީ އެ ކުންފުނީގެ ފުލައިޓްތަކުން 50،000 ފަސިންޖަރުން ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ދަތުރު ކުރާނެ ކަމަށެވެ.
މިފްޒާލް ވިދާޅުވީ އެބޭފުޅުންގެ މާކެޓަކީ ރާއްޖެ އަންނަ ޓޫރިސްޓުން ކަމުގައި ވިއަސް ދިވެހިންނަށް ހާއްސަ އަގުތަކެއް ކަނޑައެޅާނެ ކަމަށެވެ.